ޗެޓްޖީޕީޓީގެ ހުނަރުވެރިކަމުން މީހުން ހައިރާންކޮށްފި

އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅުން ހުރި މަސައްކަތްތައް ކުރާ އޯޕަންއޭއައި ކުންފުނިން މި ހަފުތާގައި ތައާރަފު ކުރި އާ ޗެޓްބޮޓެއް ވަނީ ގިނަ ބަޔެއްގެ ސަމާލުކަން ހޯދައިފިއެވެ. އެ ޗެޓްބޮޓުން ތައްޔާރުކޮށްފައިވާ ޅެމާއި ސްކްރީންޕްލޭއާއި މަޒުމޫނުތައް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ޗެޓްބޮޓް އަކީ، އޮންލައިންކޮށް، ޓެކްސްޓް މެދުވެރިކޮށް މީހަކާ ވާހަކަ ދައްކާ ގޮތަށް އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމަކާ ވާހަކަދައްކަން ފުރުސަތުދޭ ނިޒާމެކެވެ. އޯޕަންއޭއައި އިން ޗެޓްޖީޕީޓީގެ ނަން ދީފައިވާ އެ ޗެޓްބޮޓް މަސައްކަތް ކުރަނީ ގޫގުލް ސާޗް މަސައްކަތް ކުރާ ގޮތާ އެއް ކަހަލަ ގޮތަކަށެވެ. އެގޮތުން އެ ޗެޓްބޮޓްގައި ސުވާލެއް ކުރުމުން، ކަމާ ގުޅުން ހުރި ލިންކުތަކުން މައުލޫމާތު އެއްކޮށްގެން އޭގެއިން ޖަވާބެއް ފޯރުކޮށްދޭނެއެވެ.

ޗެޓްޖީޕީޓީގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާ ޓެކްނޮލޮޖީ އުފެއްދިތާ އަހަރުތަކެއް ވީ ނަމަވެސް، މިއީ އޯޕަންއޭއައި އިން އެ ކުންފުނީގެ އޭއައި ޗެޓް ޓެކްނޮލޮޖީ ކަމަށްވާ ޖީޕީޓީ3 އާންމުންނާ ހަމައަށް މިހާ ފުރިހަމަ ގޮތެއްގައި ގެނެސްދިން ފުރަތަމަ ފަހަރެވެ.

ޗެޓްޖީޕީޓީގައި މިހާރު ބޭނުން ކުރަން ފަށާފައިވާ މީހުންގެ ތެރޭގައި ޕްރޮގްރާމަރުން ހިމެނެއެވެ. އެގޮތުން އެ މީހުން ދަނީ ކޯޑް ޑްރާފްޓް ކުރުމަށާއި ކޯޑެއްގައި ހުރި ކުށް ހޯދުމަށް އެ ޗެޓްބޮޓް ބޭނުން ކުރަމުންނެވެ.

ނަމަވެސް ޗެޓްޖީޕީޓީގެ އެންމެ ބޮޑު ބޭނުމަކީ ދުނިޔޭގެ އެންމެ ބާރުގަދަ ސާޗް އިންޖީން ކަމަށްވާ "ގޫގުލް ސާޗް"އިން ދައްކުވައިދޭ ނަތީޖާއަށް ވުރެ ފުރިހަމަ ނަތީޖާއެއް ހޯދައި ދިނުމެވެ.

ގޫގުލްގެ ސާޗް އިންޖީނުގެ މަސައްކަތް ތަރުތީބު ވެފައި ވަނީ، އެއްޗެއް ސާޗް ކުރުމުން، ސާޗް އިންޖީނުން އެތައް ބިލިއަން ވެބްޕޭޖެއް ބެލުމަށް ފަހު އެންމެ ބޭނުންތެރި ކަމަށް ބެލެވޭ ލިންކުތައް ތަރުތީބުން ދައްކާ ގޮތަށެވެ. އެއަށް ފަހު، އިތުރަށް މައުލޫމާތު ހޯދަން ބޭނުން ނަމަ އެ މީހަކު ލިންކަކަށް ފަހު ލިންކަކަށް ވަދެ، މައުލޫމާތު އެއްކުރާ ގޮތަށެވެ.

ގޫގުލް ސާޗްއާ ޚިލާފަށް ޗެޓްޖީޕީޓީއިން ކުރާ ކަމަކީ ހުރިހާ މައުލޫމާތެއް ތަހުލީލު ކުރުމަށް ފަހު، ސީދާ ސުވާލަށް އެއް ޖަވާބު ފޯރުކޮށްދިނުމެވެ.

މިއީ މިހާފުރިހަމަ ޓެކްނޮލޮޖީއެއް ކަމުގައި ވިޔަސް، ޗެޓްޖީޕީޓީއިން ސުވާލަށް ޖަވާބު ދެނީ ކޮން މަސްދަރަކަށް ބިނާކޮށް ކަމެއް ހާމައެއް ނުކުރެއެވެ. އަދި ބައެއް ފަހަރު އޭގެއިން ގޯސް ޖަވާބުތައް ދައްކާކަން ވެސް ބައެއް މީހުންނަށް ފާހަގަކުރެވިފައިވެއެވެ. ދިރާސާވެރިން ދެކޭގޮތުގައި އެއީ އޭގެ އެންމެ ބޮޑު އެއް ބަލިކަށިކަމެވެ.

ޗެޓްޖީޕީޓީއިން ދައްކާ ޖަވާބު ނުބައި ވަނީ ކިހާ މިންވަރަކަށް ކަމެއް އަދި ޔަގީންކުރެވިފައި ނުވެއެވެ. ނަމަވެސް ޓްވިޓާގައި ދައުރުވަމުންދާ ރޭޓިންއެއްގައިވާ ގޮތުން ޗެޓްޖީޕީޓީގެ ޖަވާބު ނުބައި ވުމުގެ ފުރުސަތު އުޅެނީ ދެ ޕަސެންޓާއި ފަސް ޕަސެންޓާ ދެމެދުގައެވެ. ފަހަރެއްގައި އެ ނިސްބަތް އެއަށްވުރެ ބޮޑުވެސް ވެދާނެއެވެ. އެހެންކަމުން އެއީ އިންޓަނެޓުން މައުލޫމާތު ހޯދުމަށް ޗެޓްޖީޕީޓީ ބޭނުންކުރުމާ މެދު ސަމާލުވާން ޖެހޭނެ ކަމެކެވެ.

ދިރާސާވެރިން ދެކޭގޮތުގައި އޯޕަންއޭއައި އިން ޗެޓްޖީޕީޓީއަށް އެންމެ ފަހުގެ މައުލޫމާތު އަޅައި، އޭގެ އާޓިފިޝަލް އިންޓެލިޖެންސް ތަމްރީނު ކުރުމުން އެ މައްސަލަ ހައްލުވާނެއެވެ. އެކަމަށްޓަކައި އޯޕަންއޭއައި އިން މިހާރު ތަރައްގީ ކުރަމުން ދަނީ ވެބްޖީޕީޓީ ކިޔާ ސިސްޓަމެކެވެ. އެ ކުންފުނިން އުއްމީދު ކުރަނީ ވެބްޖީޕީޓީއިން، ޗެޓްޖީޕީޓީއަށް ވުރެ ސައްހަ ޖަވާބު ލިބި، އޭގެއިން ޖަވާބު ހޯދި ގޮތުގެ މަސްދަރުތައް ވެސް ހާމަ ކުރާނެ ކަމަށެވެ.

ޗެޓްޖީޕީޓީ އާއި ވެބްޖީޕީޓީ އެއްކޮށްލުމުން އެއީ ގޫގުލްއަށް ވުރެ ވަރުގަދަ ސާޗް އިންޖީނަކަށް ވާނެއެވެ.

ޗެޓްޖީޕީޓީއަށް ފަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް އެއް މިލިއަން ޔޫޒަރުން ވަދެފައިވާއިރު، އެއީ އާދަޔާ ހިލާފު ކުރިއެރުމެއްކަމަށް ދިރާސާވެރިން ބުނެއެވެ. އެގޮތުން އިންސްޓަގްރާމް ބޭނުން ކުރާ މީހުންގެ އަދަދު އެއް މިލިއަނަށް އަރަން 2.5 މަސް ދުވަސް ނެގި އިރު، ފޭސްބުކްގެ އަދަދު އެހާވަރަށް އިތުރުވާން ދިހަ މަސް ހޭދަވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު