މެމްބަރުން ހަމަނުވާތީ ޑީއާރުޕީ އުވާލަނީ

ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ފޮޓޯ/ މަޖިލިސް

ތިން ހާސް މެމްބަރުން ހަމަނުވާތީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ފަށައިފިއެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު މިއަދު "ސަން"އަށް ވިދާޅުވީ ޑީއާރުޕީގެ މެމްބަރުންގެ އަދަދު 3000އަށް ވުރެ ދަށްވެފައިވާތީ، މެމްބަރުން އިތުރު ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް އެ ޕާޓީއަށް ދިން ކަމަށެވެ.

"ގާނޫނުގައި އޮންނަ ގޮތުން 3000 މީހުން ހަމަނުވާ ސިޔާސީ ޕާޓީއަކަށް އަޅުގަނޑުމެން ތިން މަސް ދުވަހުގެ ނޯޓިސްއެއް ދީފަ އެ މުއްދަތުގެ ތެރޭގައި ހަމަނުކުރެވިއްޖެއްޔާ ޕާޓީ އުވާލަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެ،" ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑީއާރުޕީގެ މެމްބަރުންގެ އަދަދު މިދިޔަ ތިން މަހުގެ ތެރޭގައި 3000އަށް އިތުރު ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން މިހާރު ޕާޓީ އުވާލުމަށް ނިންމައި، އެކަމާ ބެހޭ ގޮތުން ޕާޓީއާ ވާހަކަ ދައްކައި، މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުއާދު ވިދާޅުވިއެވެ.

"އަދި ޕާޓީ އުވައެއް ނުލެވޭ. ޕާޓީ އުވާލުމުގެ ކުރިން ކުރަން ޖެހޭ ބައިވަރު ކަންތައްތައް ހުންނާނެ. އެހެންވީމަ އެކަންތައްތައް މިހާރު ކުރިއަށް ދަނީ،" ފުއާދު ވިދާޅުވިއެވެ.

ޑީއާރުޕީއަށް މެމްބަރުން ހަމަނުވާތީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި ވެސް އީސީއިން އެ ޕާޓީއަށް ނޯޓިސް ދިނެވެ. ނަމަވެސް ޖޫން މަހުގެ ތެރޭގައި އެ ޕާޓީއިން 3000 މެމްބަރުން ހަމަކުރިއެވެ.

ޑީއާރުޕީގެ ލީޑަރަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރެވެ. އޭނާ ޕާޓީގެ ލީޑަރު ކަމަށް ހަމަޖެއްސީ ޖުލައި 23، 2019ގައެވެ.

ރާއްޖޭގައި ދެވަނައަށް އުފެއްދި ސިޔާސީ ޕާޓީ ކަމަށްވާ ޑީއާރުޕީ ރަޖިސްޓްރީ ކުރީ ޖުލައި 15، 2005ގައެވެ. އެ ޕާޓީގެ އެންމެ ފުރަތަމަ ލީޑަރަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ.

ދެހާސްއަށް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މައުމޫން ވާދަކުރެއްވި އިރު ރަނިންމޭޓުގެ ގޮތުގައި ހުންނެވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޑީއާރުޕީގެ އޭރުގެ ނައިބު ޒައީމު ތަސްމީން އަލީއެވެ. އެ އިންތިޚާބުން ދެ ބޭފުޅުން ނާކާމިޔާބު ވުމަށް ފަހު، 2010ގައި ޑީއާރުޕީއިން ބޭއްވި ކޮންގްރެސްގައި ޕާޓީގެ ލީޑަރު ކަމަށް މައުމޫން ވާދަނުކުރައްވައި، ލީޑަރު ކަމަށް ތަސްމީނު ހޮވުމަށް ތާއިދު ކުރެއްވިއެވެ.

އެ ކޮންގްރެސްގައި ޑީއާރުޕީގެ ލީޑަރު ކަމަށް ތަސްމީނު ހޮވުނު ނަމަވެސް، އެ ޕާޓީގައި ޚިޔާލު ތަފާތުވުމާއި ބައިބައިވުން އުފެދުނެވެ. އަދި ތަސްމީނާއި ރައީސް މައުމޫނާ ދެމެދުވެސް ޚިޔާލު ތަފާތު ވުން އުފެދި، އެމަނިކުފާނު އަމިއްލަފުޅަށް ޕީޕީއެމް އުފެއްދެވީއެވެ.

އެއަށް ފަހު، 2013ގައި ތަސްމީނާއި އޭނާގެ އަނބިކަނބަލުން އަދި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު ވިސާމް އަލީ ޕާޓީއިން އިސްތިއުފާ ދެއްވިއެވެ.

އެ ދެ ބޭފުޅުންނާއި، އޭރު ތުލުސްދޫ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި ރޮޒައިނާ އާދަމް ދެން ގުޅިވަޑައިގަތީ އެމްޑީޕީއާއެވެ. އެއާއެކު، ޑީއާރުޕީގެ ލީޑަރު ކަމާ ހަވާލުވެވަޑައިގަތީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ. އޭގެ ފަހުން، ޖާބިރު އެ ޕާޓީއާ ގުޅިވަޑައިގަތުމުން އޭނާއާ ޕާޓީގެ ލީޑަރުކަން ހަވާލުކުރީއެވެ.

ރައީސް މައުމޫންގެ ޒައާމަތުގައި ޑީއާރުޕީއިން ކުރި ބައެއް ޚަރަދުތަކަށް ފައިސާ ދައްކާފައި ނުވާތީ އެ ޕާޓީ ދަރަނިވެރިވެ، ޕާޓީގެ ހިންގުން މަޑުޖެހިފައި އޮންނަތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. އެގޮތުން ޑީއާރުޕީއިން 2007 ވަނަ އަހަރާއި 2009 ވަނަ އަހަރާ ދެމެދު އެމްޓީސީސީއިން ހޯދި ޚިދުމަތްތަކަށް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން 2014 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރިއެވެ.

އެ ހުކުމަށް ހައި ކޯޓުން ތާއިދު ކުރުމުން، ޑީއާރުޕީއިން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން މަސައްކަތް ކުރި ނަމަވެސް 2020 ވަނަ އަހަރު އެ ކޯޓުން ނިންމީ އެކަމަށް ހުއްދަ ނުދިނުމަށެވެ.

ގިނަ ޕާޓީތަކަށް ބައިވެރިވެވޭ ގޮތަށް 2009 ވަނަ އަހަރު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ޕާޓީއަކީ ޑީއާރުޕީއެވެ. އެއީ 28 ގޮނޑިއެވެ.

ނަމަވެސް މިހާރު މަޖިލީހުގައި ޑީއާރުޕީ ތަމްސީލު ކުރައްވާ ހަމައެކަނި މެމްބަރަކީ ޖާބިރެވެ.

comment ކޮމެންޓް