ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ހުނަރު އިތުރުކޮށް ތައުލީމް ފަހިކޮށްދޭން ބޭނުން: މިނިސްޓަރު

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ފަހިކޮށްދިނުމާ ގުޅޭ ސެމިނާ ފެއްްޓެވުމުގެ މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު އިތުރުކޮށްދީ، އެ ކުދިންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދޭން މަސައްކަތް ކުރަން ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ފަހިކޮށްދިނުމާ ގުޅޭ ސެމިނާ ފެއްްޓެވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށް އެޅުނު ހުރަސް އަލުން ރިކަވާ ކުރުމަށް ޓަކައި ޚާއްސަ ސްޓްރެޓެޖީއެއް އެކުލަވަލައިފައިވާކަމަށެވެ.

"އޭގެ ތެރޭގައި ލާނިން ރިކަވަރީ ސްޓްރެޓެޖީއެއް ތައްޔާރުކޮށް، ސްކޫލުތަކަށް ބޭނުންވާ ތަމްރީނު މިދަނީ ފޯރުކޮށްދެމުން،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ސްޓްރެޓެޖީގެ ދަށުން، ދަރިވަރުންގެ އުނގެނުން އަލުން ކުރިން ހުރި މިންވަރަށް ގެނައުމަށް އެކި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުން އަންނަކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެއާއެކު މިއަދު ބާއްވާ މަސައްކަތު ބައްދަލުވުމަކީ ވެސް އެ ކަމުގެ އެއްބައިކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ ތިޔަ ކުދިންގެ އަޑު އަހައިލައި، އިތުރަށް ތިޔަ ކުދިންގެ ކިޔެވުން ބައްޓަން ކުރާނެ ގޮތްތަކާ މެދު މަޝްވަރާކޮށް، އަޅުގަނޑުމެންގެ ސިޔާސަތުތައް އެ ކަންކަމަށް ރިއާޔަތްކޮށް ރާވަން،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑުގެ ބަލިމަޑުކަމުގެ ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ އެއީ ރާއްޖޭގައި ވެސް ތައުލީމަށް އެޅުނު ހުރަހެއްކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް އެ ހާލަތުގައި ވެސް ތައުލީމު މެދުނުކެނޑި ފޯރުކޮށްދެވޭތޯ އެޑިއުކޭޝަން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ޓެލިކްލާސް މެދުވެރިކޮށް ހަމަޖެހިފައިވާ ވަކި ތާވަލަކަށް ފިލާވަޅުތައް ފޯރުކޮށްދެމުން ގެންދިއުމާއި، މުދައްރިސުންނަށާއި ކަމާ ގުޅުން ހުރި އެންމެހާ ފަރާތްތަކަށް އޮންލައިން މަންސަތަކަށް އަހުލުވެރިކޮށް ފަރިތަކުރުން ހިމެނޭ،"

"މީގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދިނުމާއި، ވަކި ވަކި ކުދިންގެ ހަލާތަށް ރިއާޔަތްކޮށް، ބެލެނިވެރިންގެ އެހީތެރިކަމާއެކު މިފަދަ ކުދިންނަށް ކުރިއަށް ގެންދެވިދާނެ ހަރަކާތްތައް ސްކޫލުތަކުން ރާވައި ފޯރުކޮށްދެމުން ގެންދިޔަ." މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް