ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ފަހިކޮށްދިނުމާ ގުޅޭ ސެމިނާއެއް ފަށައިފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ އުނގެނުމުގައި ކުރިމަތިވި ދަތިތަކާއި، ޒަމާނީ ތައުލީމުގައި އެ ކުދިންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ކުރިއަށްދާ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ އުނގެނުމުގައި ކުރިމަތިވި ދަތިތަކާއި، ޒަމާނީ ތައުލީމުގައި އެ ކުދިންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފިއެވެ.

މި ބައްދަލުވުމަކީ އެއް ދުވަހުގެ ނިޔަލަށް އޮންނަ މަސައްކަތު ބައްދަލުވުމެކެވެ.

އެގޮތުން މި މަސައްކަތު ބައްދަލުވުމުގައި ތައުލީމީ ދާއިރާއާ ގުޅުން ހުރި ހުރިހާ ފަރާތްތައް ޝާމިލުވާހެން، ކޮވިޑުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގެނުމަށް ކުރިމަތިވި ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެއެވެ.

އަދި އެ ކުދިންނަށް ތައުލީމު އުނގަންނައިދިނުމުގައި ފަހިކޮށްދެވޭނެ ކަންތައްތަކާ ގުޅޭ މަޝްވަރާ ވެސް ކުރާނެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ އުނގެނުމުގައި ކުރިމަތިވި ދަތިތަކާއި، ޒަމާނީ ތައުލީމުގައި އެ ކުދިންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ކުރިއަށްދާ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ހަމައެއާއެކު، ޔުނިސެފާއި، ޖަމިއްޔާތަކާއި، ސަރުކާރާ ގުޅިގެން ތައުލީމީ ކަންކަން އިތުރަށް ހަރުދަނާ ކުރެވެން ހުރި ކަންތައްތަކާ ގުޅޭ މަޝްވަރާ ކުރާނެއެވެ.

މި ބައްދަލުވުން ކުރިއަށް ގެންދަނީ ދެ ސެގްމަންޓަކަށް ބަހައިލައިގެންނެވެ. ބައްދަލުވުމުގައި ބައިވެރިންގެ ތަޖުރިބާ ވެސް ހިއްސާކުރާނެއެވެ.

މި ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ޔުނިސެފުގެ އެކްޓިން ރެޕްރެޒެންޓޭޓިވް ޑރ. ސަޖާ ފާރޫގް އަބްދުﷲ ވަނީ މިފަދަ މަސައްކަތު ބައްދަލުވުމެއް ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އިސްނެގުމާއެކު ބޭއްވީތީ އުފާކުރައްވާކަމަށް ވިދާޅުވެފައެވެ.

ޔުނިސެފުގެ އެކްޓިން ރެޕްރެޒެންޓޭޓިވް ޑރ. ސަޖާ ފާރޫގް އަބްދުﷲ އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ސަޖާ ވިދާޅުވި ގޮތުގައި މުޅި ދުނިޔޭގެ އާބާދީގެ 15 ޕަސެންޓު މީހުންނަކީ ކޮންމެ ވެސް ނުކުޅެދުންތެރިކަމެއް ހުންނަ މީހެކެވެ. އެއީ ގާތްގަނޑަކަށް އެއް ބިލިއަން މީހުންނެވެ. އޭގެ ތެރެއިން 240 މިލިއަން މީހުންނަކީ ކުޑަކުދިންކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަދަ ކުދިންނަށް ވަރަށް ގިނަ މުޖުތަމައު ތަކުގައި ތައުލީމު ހާސިލްކުރަން ދަތިތައް ކުރިމަތިވޭ. ސިއްހީ ހިދުމަތްތަކާއި އެހެނިހެން އިޖްތިމާއީ ހިދުމަތްތައް ހޯދުމުގައި ވެސް ދަތިތަކާ ކުރިމަތިވޭ. މީގެ ސަބަބުން އެ ކުދިން ބާކީވާން މަގުފަހިވޭ. ވަކީން ޚާއްސަކޮށް ކޮވިޑް19ގެ ބަލިމަޑުކަން ވެގެންދިޔައީ މިފަދަ ކުދިންނަށް ތައުލީމް ހާސިލްކުރަން އެޅުނު ހުރަހަކަށް،" ސަޖާ ވިދާޅުވިއެވެ.

އެއާއެކު އުންމީދަކީ މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން ރަނގަޅު ނަތީޖާއެއް ނެރެވުންކަމަށް ވެސް ސަޖާ ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި، ސްކޫލުތަކުގެ ވެރިންގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިން ބައިވެރިވެއެވެ.

comment ކޮމެންޓް