ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި، މަސްވެރިންނަށް ލިބޭ ފައިދާ އިތުރުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.
"މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް މަސްވެރިންނާއި މި ސިނާޢަތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަރިސްކުރަން. ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށް،" ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
ރައީސް މިގޮތަށް ވިދާޅުވި ނަމަވެސް މި ނިމޭ އަހަރަކީވެސް މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކާއި، ޝަކުވާތައް ގިނަ އަހަރެކެވެ. މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މިހާރުވެސް ފާހަގަކުރަނީ، މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭ މައްސަލަ އާއި، މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ކިރުވުމުގައި ހުރި ދަތިތަކެވެ.

އޭޕްރިލް 2022: ކޫއްޑޫއަށް މަސްކިރަން ގޮސް ތިބި ދޯނިތައް ކިޔޫގައި --- ފޮޓޯ/ ސޯޝަލް މީޑިއާ
މަސްވެރިކަން ރަނގަޅު ދުވަސްވަރެއްނަމަ، މަސް ކިރުވުމަށް ކިއޫ ހަދައިގެން ހަފުތާއެއް ދެ ހަފްތާއެއް ވަންދެން ތިބެންޖެހޭ މައްސަލައަކީވެސް މަސްވެރިން ވަރަށްބޮޑަށް ކުރަމުން އަންނަ ޝަކުވާއެކެވެ.
ރާއްޖޭގެ ބައެއް އަތޮޅުތަކުގެ ސަރުކާރުން ގާއިމްކޮށްފައިވާ އައިސްޕްލާންޓުތައް ހަލާކުވެ، ގިނަ ދުވަސްތަކެއް ވަންދެން ނުހަދާ ހުންނަ މައްސަލައަކީވެސް މަސްވެރިންގެ ޝަކުވާއެކެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކަށް ކިރުވާ މަހަށް ފައިސާ ނުދީ ގިނަދުވަސްވާ މައްސަލައަކީވެސް މަސްވެރިންނަށް ދިމާވަމުން އަންނަ އާންމު މައްސަލައެކެވެ.

ކިރުވި މަހަށް ފައިސާ ނުދީގެން މިދިޔަ ނޮވެމްބަރު މަހު، މާންދޫގައި މަސްވެރިން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން--
މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީގޮތުން ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވަނީ ގދ. ފަރެސްމާތޮޑާގައެވެ. ސަރުކާރުން އެންމެ ފުރަތަމަ މަސްވެރިންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 1981 ވަނަ އަހަރެވެ.