ގައުމީ ޓީމުން ރިޓަޔާކުރަން އަދި ނުނިންމަން: ނޭމާ

30 އަހަރުގެ ނޭމާއާއެކު (މ) 39 އަހަރުގެ ޑެނީ އަލްވޭޒް (ކ) އަދި 38 އަހަރުގެ ތިއާގޯ ސިލްވާ (ވ) --ފޮޓޯ/ގެޓީ އިމޭޖަސް

މި ފަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލް ޓީމަށް ނާކާމިޔާބުވި ނަމަވެސް، ގައުމީ ޓީމުން ރިޓަޔާކުރަން އަދި ނުނިންމާ ކަމަށް ޓީމުގެ ތަރި، ނޭމާ ބުނެފިއެވެ.

އުމުރުން 30 އަހަރުގެ ނޭމާ އަކީ ޝައްކެއްވެސް ނެތް ގޮތުގައި މިވަގުތު އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. އެކަމުގެ ހެއްކަކީ، މުބާރާތުގެ ކުއާޓާ ފައިނަލުގައި ޖެހި ހިތްގައިމު ލަނޑާއެކު، ފުޓުބޯޅައިގެ ތާރީޚުގައިވެސް ބްރެޒިލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑާ، ނޭމާ އަރައި ހަމަކުރުމެވެ. ނޭމާ މިހާތަނަށް ގައުމީ ޖާޒީގައި 77 ލަނޑު ޖަހާފައިވާއިރު، ދެން މި އަދަދަށް ލަނޑު ޖަހާފައި ވަނީ ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ޕެލޭއެވެ.

ބްރެޒިލްއަށް ވޯލްޑް ކަޕް ނިމުމާއެކު ޓީމުގެ ކޯޗުކަމުން ޓީޓޭ އިސްތިއުފާދިނުމާއި ގުޅިގެން، ނޫސްވެރިން ވަނީ ނޭމާއާ، ގައުމީ ޓީމުން ރިޓަޔާ ކުރުމުގެ ވިސްނުން ގެންގުޅެންތޯ ސުވާލު ކޮށްފައެވެ.

މި ސުވާލުގެ ޖަވާބުގައި ނޭމާ ބުނީ، އެކަމާއި މެދު އަދި ގޮތެއް ނިންމަން މާ އަވަސް ކަމަށާއި، ގައުމީ ޓީމަށް ކުޅުމަށް ހުޅުވިފައިވާ ދޮރު ބަންދު ނުކުރާ ކަމަށެވެ. އެހެންނަމަވެސް ކުޅުން ހުއްޓާނުލާނެ ކަމުގެ 100 އިންސައަތަ ޔަގީންކަން ނުދޭނެ ކަމަށް އޭނާ ބުންޏެވެ،

މިކަމާއި ގުޅޭގޮތުން ނޭމާ އިތުރަށް ބުނީ، މި ނިންމުން ނިންމާނީ، ޓީމަށާއި އޭނާއަށް އެންމެ ރަނގަޅުގޮތާއިމެދު، އާއިލާއާއި އަދި އޭނާ ލަފާހޯދަން ޖެހޭ މީހުންނާއި މަޝްވަރާކޮށްފައި ކަމަށެވެ.

އުމުރުން އެންމެ 18 އަހަރުގައި ގައުމީ ޓީމަށް ކުޅެންފެށި ނޭމާ، މިހާތަނަށް ތިން ވޯލްޑް ކަޕެއްގައި ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެފައިވެއެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް 77 ލަނޑު ޖަހައިދީފައިވާ ނޭމާ --ފޮޓޯ/ގެޓީ އިމޭޖަސް

އުމުރުން 30 އަހަރުގެ ނޭމާ، ގައުމީ ޓީމަށް ކުޅުން ހުއްޓާލަފާނެ ކަމަށް ނުބެލެވޭއިރު، އޭނާއާއި ގާތްގަނޑަކަށް އެއް ހަމައެއްގައި ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ މިފަހަރުގެ ވޯލްޑް ކަޕުގައި ކުޅުނުއިރު އެ ދެކުޅުންތެރިންގެ އުމުރަކީ ރޮނާލްޑޯއަށް 37 އަހަރު އަދި މެސީއަށް 35 އަހަރެވެ.

މެސީ، ރޮނާލްޑޯ އަދި ނޭމާ ބެލަންޑޯ އެވޯޑު ހަފްލާގައި --

މީގެއިތުރުން ބްރެޒިލް ޓީމުގެ ކެޕްޓަން ތިއާގޯ ސިލްވާއަށް 38 އަހަރު ފުރިފައިވާއިރު، އަނިޔާގެ ބޮޑު މައްސަލައެއް ކުރިމަތި ނުވާނަމަ، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ނޭމާ، ބްރެޒިލްގެ ޖާޒީގައި ފެނުމުގެ ފުރުސަތު ބޮޑުކަމަށް، ފުޓުބޯޅަ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް