ނާކާމިޔާބީއާއެކު ބްރެޒިލްގެ ކޯޗުކަމުން ޓީޓޭ އިސްތިއުފާދީފި

ބްރެޒިލްގެ ކޯޗުކަމުން އިސްތިއުފާދިން ޓީޓޭ --ފޮޓޯ/ގެޓީ އިމޭޖަސް

ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާ އަތުން ބަލިވެ، ބްރެޒިލްއަށް މުބާރާތުން ވަކިވާން ޖެހުމާއެކު ޓީމުގެ ކޯޗުކަމުން ޓީޓޭ އިސްތިއުފާ ދީފިއެވެ.

ކުއާޓާ ފައިނަލުގައި ބްރެޒިލްގެ މައްޗަށް ކްރޮއޭޝިއާއިން ކުރިހޯދީ ޕެނަލްޓީ ޝޫޓްއައުޓުގައެވެ. ޕެނަލްޓީން ކްރޮއޭޝިއާ މޮޅުވީ 2-4 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ތަފާތަކަށްވީ ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗެވެ.

ހުނަރުވެރި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ވަރުގަދަ ސްކޮޑަކާއެކު މުބާރާތާ ކުރިމަތިލި ބްރެޒިލްއަށް މުބާރާތުގައި ނާކާމިޔާބީއާ ކުރިމަތިވެ މުބާރާތުން ކެޓުމާއެކު، ކޯޗުކަމުގެ މަގާމުން ޓީޓޭ އިސްތިއުފާ ދިންއިރު، އޭނާ އެ މަގާމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލްއިން ކުޅުނުއިރު، އެ މުބާރާތުންވެސް ބްރެޒިލް ކެޓީ ކުއާޓާ ފައިނަލާއި ހަމައިންނެވެ.

ޓީޓޭގެ އިރުޝާދުގެ ދަށުން ބްރެޒިލް ވަނީ 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބު ކޮށްފައެވެ.

މެޗުގެ ކުރިންވެސް ޓީޓޭ ވަނީ، ވޯލްޑް ކަޕަށްފަހު ބްރެޒިލްގެ ކޯޗުކަމުން އޭނާ އިސްތިއުފާދޭނެ ކަމަށް ބުނެފައެވެ. އޭނާ މަގާމުން އިސްތިއުފާދީފައި މިވަނީ އެ މަގާމު، ހަ އަހަރު ވަންދެން އަދާކުރުމަށްފަހުއެވެ.

ބްރެޒިލްގެ ކޯޗުކަމުގެ މަގާމާއި ޓީޓޭ ހަވާލުވީ، 2016 ވަނަ އަހަރު އެ މަގާމުގައި ހުރި ޑުންގާ އެ މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ.

comment ކޮމެންޓް