އަލަށްނެރޭ ފޯނުތަކުގައި ޔޫއެސްބީ-ސީ ޕޯޓް ހިމެނުމުގެ ސުންގަޑި ހާމަކޮށްފި

އެޕަލްގެ އައިފޯން ވެސް ހިމެނޭ ގޮތަށް، އަލަށް ނެރޭ ހުރިހާ ފޯނެއްގައި ޔޫއެސްބީ-ސީ ޕޯޓް ހިމެނުމުގެ އެންމެ ފަހު މުއްދަތު އީޔޫއިން ހާމަކޮށްފިއެވެ.

ހުރިހާ ޑިވައިސްއެއް ވެސް އެއްގޮތަކަށް ޗާޖު ކުރެވޭ ގޮތް ހެދުމަށް ދިހަ ވަރަކަށް އަހަރު ވަންދެން ބާރު އެޅުމަށް ފަހު، މިދިޔަ އޮކްޓޯބަރު މަހުގެ ހަތަރެއްގައި ޔޫރަޕިއަން ކޮމިޝަނުން ވަނީ ޔޫރަޕުގައި ވިއްކާ ހުރިހާ ފޯނާއި ޓެބްލެޓް ފަދަ އިލެކްޓްރޯނިކްސްގައި ހުންނަން ޖެހޭނީ ޔޫއެސްބީ-ސީ ޕޯޓްތައް ކަމަށް ކަނޑައަޅާ ގާނޫނެއް ފާސްކޮށްފައެވެ.

އޭގެ ހަފުތާއެއް ފަހުން ޔޫރަޕިއަން ކައުންސިލުން ވަނީ އެ މެންޑޭޓަށް ރުހުން ދީފައެވެ.

ޔޫއެސްބީ-ސީގެ ގާނޫނު އީޔޫގެ ރަސްމީ ޖާނަލްގައި މިހާރު ޝާއިއުކޮށްފައިވާއިރު، އެކަމަށް ސުންގަޑިއެއްގެ ގޮތުގައި ޖަހާފައި ވަނީ ޑިސެމްބަރު 28، 2024 އެވެ. އެއީ ފޯނާއި ޓެބްލެޓާއި ޑިޖިޓަލް ކެމެރާއާއި ހޭންޑްހެލްޑް ކޮންސޯލް ފަދަ ޑިވައިސްތަކަށެވެ.

ލެޕްޓޮޕްތައް ވެސް މި އުސޫލުގެ ތެރޭގައި ހިމެނޭ އިރު، ޔޫއެސްބީ-ސީއަށް ބަދަލުވާން ލެޕްޓޮޕަށްވަނީ އޭޕްރީލް 28، 2026ގެ ނިޔަލަށް މުހުލަތު ދީފައެވެ.

މި ގާނޫނުގެ ސަބަބުން އެންމެ ބޮޑު ބަދަލެއް ގެންނަން ޖެހޭ އެއް ކުންފުންޏަކީ އެޕަލްއެވެ. ޔޫއެސްބީ-ސީ މަޖުބޫރު ނުކުރުމަށް އެޕަލްއިން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ. އެގޮތުން އެ ބަދަލާއެކު، އުކާލަން ޖެހޭ ޗާޖަރުތައް ގިނަކަމުން އީ-ވޭސްޓް އިތުރުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ނަމަވެސް ޔޫރަޕިއަން ކޮމިޝަނުން ގާނޫނު ފާސްކުރުމުން އެޕަލްއިން ވަނީ އައިފޯނުގައި ޔޫއެސްބީ-ސީ ހިމަނާނެ ކަމުގެ ޔަގީންކަން ދީފައެވެ. އެގޮތުން އެޕަލްގެ ޔޫއެސްބީ-ސީ ފޯނުތަކުގެ ތެރެއިން ފުރަތަމަ ފޯނު އަންނަ އަހަރު ނެރޭނެކަމަށް ރިޕޯޓްތައް ބުނެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އިން ހައި ސްޕީޑް ޓްރާންސްފާ (ޔޫއެސްބީ 3.2 ނުވަތަ ތަންޑާބޯލްޓް 3) ހިމަނައިގެން ނެރޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު