މެމޮރީ ސޭވް ކުރުމަށް ގޫގުލް ކްރޯމްއިން އާ މޯޑްތަކެއް ތައާރަފުކޮށްފި

ކްރޯމްއިން އަލަށް ތައާރަފު ކުރި 'މެމޮރީ ސޭވާ' މޯޑްއާއި 'އެނާޖީ ސޭވާ' މޯޑް ފެންނަން ހުންނަ ގޮތް --

ގޫގުލް ކްރޯމް ބޭނުން ކުރާ ޑިވައިސްތަކުގެ ހަކަތަ އާއި މެމޮރީ ދެމެހެއްޓުމަށް ގޫގުލްއިން ކްރޯމްގެ އާ މޯޑްތަކެއް ތައާރަފުކޮށްފިއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން، ވިންޑޯޒްއާއި މެކްއޯއެސް އާއި ކްރޯމްއޯއެސް ބޭނުންކުރާ މީހުންނަށް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި މި އަޕްޑޭޓް ނެރޭނެއެވެ.

ކްރޯމްއިން އަލަށް ދެ މޯޑެއް ތައާރަފުކޮށްފައިވާ އިރު، އެއް ފަހަރާ ގިނަ ޓެބްތަކެއް ހުޅުވައިގެން މަސައްކަތްކުރާ މީހުންނަށް "މެމޮރީ ސޭވާ މޯޑް" ވާނީ ވަރަށް މުހިންމު މޯޑަކަށެވެ. ސޭވާ މޯޑް އެކްޓިވޭޓްކޮށްލުމުން، ބޭނުން ނުކުރާ ޓެބްތަކުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލާނެއެވެ. އޭގެ ނަތީޖާއަކަށް ވާނީ ސިސްޓަމް ހިންގުމަށް ބޭނުންވާ ރޭމްގެ ބޮޑުބަޔަކަށް ލުޔެއް ލިބި، ސިސްޓަމްގެ މަސައްކަތް އަވަސްވުމެވެ. މިފީޗާގެ އެންމެ ހިތްގައިމު ކަމަކީ، އިންއެކްޓިވް ޓެބްތައް ބޭނުންވެއްޖެ ހިނދެއްގައި އަނެއްކާވެސް ފަސޭހަކަމާއެކު ރީލޯޑް ކޮށްލެވޭ ކަމެވެ.

ގޫގުލް ކްރޯމްއިން އަލަށް ތައާރަފުކުރި ދެވަނަ މޯޑަކީ އެނާޖީ ސޭވިން މޯޑެވެ. އެނާޖީ ސޭވާ މޯޑުން ލެޕްޓޮޕް ބެޓެރީލައިފް ސަލާމަތް ކުރުމަށް ވީޑިއޯ، އެނިމޭޝަން އަދި ބެކްގްރައުންޑް އެކްޓިވިޓީ ފަދަ ކަންތައްތައް ލިމިޓް ކުރެވިދާނެއެވެ. ލެޕްޓޮޕެއްގެ ބެޓެރީ ލެވެލް 20 ޕަސެންޓަށް ވުރެ ދަށަށް ދިއުމުން އޮޓޮމެޓިކުން މި ފީޗާ މަސައްކަތްކުރަން ފަށާ އިރު، މިފީޗާ ބޭނުންކުރާ މީހުންނަށް އަމިއްލައަށް ފީޗާ 'އޮން' ކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

މި ދެ މޯޑުގެ ކޮންޓްރޯލްތައް ފެންނަން ހުންނާނީ ވިންޑޯގެ އެންމެ މަތީ ކަނާތް ފަރާތުގައި ހުންނަ ކްރޯމްގެ "ތްރީ ޑޮޓް މެނޫ"ގައެވެ. އެގޮތުން އެޑްރެސް ބާގެ ކަނާތް ފަރާތުގައި ނޯޓިފިކޭޝަނެއްގެ ގޮތުގައި މެމޮރީ ސޭވާ މޯޑް ފެންނައިރު، އެނާޖީ ސޭވާ މޯޑް ފެންނާނީ އެޑްރެސް ބާގެ ކަނާތް ފަރާތުގައި ހުންނަ ލިސްޓަކުންނެވެ.

މިއީ ޑިވައިސްގެ މަސައްކަތާއި ބެޓެރީލައިފް ރަނގަޅު ކުރުމަށް ގޫގުލް އިން ކްރޯމްއަށް ބަދަލު ގެނައި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން ބޭނުން ނުކުރާ ޓެބްތައް ހިންގުން މެދުކަނޑާލާ ފީޗާއެއް މިދިޔަ ޖުލައި މަހުގެ ތެރޭގައި ކްރޯމްއިން ބައެއް މީހުންނަށް ފާހަގަވިއެވެ. އެ ފީޗާ ކްރޯމްގެ ޑެސްކްޓޮޕާއި މޮބައިލް ވާޝަންތަކަށް ލިބޭ އިރު، ކްރޯމްއިން އަލަށް ތައާރަފު ކުރި މޯޑުތައް ލިބޭނީ ޑެސްކްޓޮޕްތަކުގެ ބްރައުޒާއަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު