50 ފަނޑިޔާރުން ފަސް ދުވަހުގެ ޓްރެއިނިންއަކަށް އިންޑިއާއަށް

ފަނޑިޔާރުން ތަމްރީނުކުރުމަށް ހިންގާ ޓްރޭނިންއަށް އިންޑިއާއަސް ފުރާ 50 ފަނޑިޔާރުން --

ފަސް ދުވަހުގެ ތަމްރީން ޕްރޮގްރާމަކަށް 50 ފަނޑިޔާރުން އާދިއްތަ ދުވަހު އިންޑިއާއަށް ފުރަން ތައްޔާރުވެއްޖެއެވެ.

މިއީ ރާއްޖޭގެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާއި އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކެޑަމީއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ ޓްރެއިނިންއެކެވެ.

މި އެމްއޯޔޫގައި ސޮއިކުރީ 2020ވަނަ އަހަރެވެ. ނަމަވެސް ކޮވިޑު-19ގެ ސަބަބުން ޓްރެއިނިން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ.

އޭގެ ފަހުން މިއީ އިންޑިއާގެ އެ އެކެޑަމީއަށް ގޮސް ފަނޑިޔާރުން ތަމްރީނުވާނެ ފުރަަތަމަ ފަހަރެވެ.

މި ޓްރެއިނިންއާ ގުޅޭ އިތުރު މައުލޫމާތު "ސަން"އާ މިއަދު ހިއްސާކުރައްވަމުން ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވީ، ފަނޑިޔާރުން ތަމްރީނުވާނީ ޝަރީއަތާ ގުޅޭ އެކި ދާއިރާތަކުން ކަމަށެވެ.

އެކި ލެވެލްތަކުގެ ފަނޑިޔާރުން މި ޓްރެއިނިންގައި ބައިވެރިވާނެއެވެ. އޭގެ ތެރޭގައި މެޖިސްޓްރޭޓުންނާއި، ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުން ވެސް ހިމެނެއެވެ.

"ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މިއީ ޖުޑީޝަރީއަށް، އަޅުގަނޑުމެންނަށް ވަރަށް ނުލިބޭ ކަހަަލަ ފުރުސަތެއް. ޚާއްސަކޮށް މެޖިސްޓްރޭޓުންނަށް. އަޅުގަނޑުމެން ވަރަށް ވެލިއުކުރަން މި ޕާޓްނާޝިޕް،" އިޒްމީރާ ވިދާޅުވިއެވެ.

މި ޓްރެއިނިންއަށް ފެބްރުއަރީ މަހު ދެވަނަ ބެޗެއް ފޮނުވަން މިހާރު ވަނީ މަޝްވަރާ ފަށައިފައެވެ.

މި ތަމްރީންގެ ހުރިހާ ޚަރަދުތަކަކީ ވެސް އިންޑިއާގެ އެ އެެކެޑަމީއިން ބަލަހައްޓާނެ ޚަރަދުތަކެއްކަމަށް ޖޭއެސްސީން ބުނެއެވެ.

ފަނޑިޔާރުންގެ ފެންވަރު މަތިކުރުމަށް ޓަކައި ޖޭއެސްސީއިން އަންނަނީ އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.

އެގޮތުން ޖުޑީޝަލް ޕާފޯމަންސް އިވެލުއޭޝަން ޓްރެއިނިންގެ ނަމުގައި އޮކްޓޯބަރު މަހު ވެސް ޓްރެއިނިންއެއް ކުރިއަށް ގެންދިޔައެވެ.

comment ކޮމެންޓް