މާޒިޔާގެ ކުރީގެ ކޯޗު ޖެސިކް، ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

މާޒިޔާގެ ކުރީގެ ކޯޗު ޖެސިކް --

ރާއްޖޭގެ ފުޓުބޯޅައިގެ ގަދަބާރު އަދި އެންމެފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް، މިދިޔަ ސީޒަނުގައި އިރުޝާދުދިން ކޯޗު، ސާބިއާގެ މިއޮޑްރަގް ޖެސިކް މަރުވެއްޖެއެވެ.

ޖެސިކް މަރުވެފައި ވަނީ ކާރު އެކްސިޑެންޓެއްގައި މިއަދުގެ ވަގުތެއްގައެވެ. އެ އެކްސިޑެންޓު ހިނގާފައިވަނީ އޭނާ ދުއްވަންއިން ކާރު ކޮންޓުރޯލް ނުވެގޮސް ޓްރަކެއްގައި ޖެހިގެންކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިއީ ސާބިއާގެ ޖަރަކް ވިލެޖުގެ ރޫމާ މަގުގައި ހިނގި އެކްސިޑެންޓެކެވެ. އެކްސިޑެންޓުގެ ސަބަބުން ޖެސިކް ދަތުރުކުރި ކާރު ވަރަށް ބޮޑަށް ހަލާކުވެ އޭނާވެސް މަރުވެފައިވާއިރު، ކާރުގެ މަންޒަރުތައް ފެންނަ ފޮޓޯއާއި ވީޑިއޯ މީސްމީޑިއާގައި މިހާރު ދައުރުވަމުން އެބަދެއެވެ.

އެކްސިޑެންޓް ވެފައިވާ ޖެސިކްގެ ކާރު --ފޮޓޯ/ފޭސްބުކް

ކާރު އެކްސިޑެންޓެއްގައި މިއަދުގެ ވަގުތެއްގައި ޖެސިކް މަރުވެފައިވާއިރު، އޭނާގެ ދަރިއަކުވެސް ކާރު އެކްސިޑެންޓެއްގައި މަރުވެފައިވެއެވެ. އެއީ 2001 ވަނަ އަހަރު، އޭރު އުމުރުން އެންމެ 19 އަހަރުގެ ޖެލީނާއެވެ.

އުމުރުން 64 އަހަރުގެ ޖެސިކް މާޒިޔާގެ ކޯޗުކަމާ ހަވާލުވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅުއެވެ. މާޒިޔާއިން ޖެހިޖެހިގެން ތިން ފަހަރަށް ދިވެހި ލީގުގެ ޓައިޓަލް ހޯދުމުގައި ޖެސިކްގެ ރޭވުންތެރިކަމާއި އޭނާގެ އިރުޝާދު އަދާކުރި ދައުރު ބޮޑެވެ. މާޒިޔާގެ ކޯޗުކަމުން ޖެސިވް ވަކިވީ މިއަހަރުގެ ޖުލައި މަހުގެ ފަހު ކޮޅުއެވެ.

މާޒިޔާގެ ކުޅުންތެރިންނާއެކު ޖެސިކް --ފޮޓޯ/މާޒިޔާ

"ސަން"އާ ވާހަކަދައްކަމުން މާޒިޔާގެ މީޑިއޯ އޮފިޝަލް ޝިފާން ރައުފް ބުނީ، ޖެސިކް މަރުވި ޚަބަރަކީ މާޒިޔާގެ ހުރިހާ ކުޅުންތެރިންނާއި، މުޅި ޓީމަށްވެސް ބޮޑު ހިތާމައެއް ކުރިމަތިވި ކަމެއް ކަމަށެވެ. އަދި ޖެސިކް އަކީ މާޒިޔާގެ ހުރިހާ މެމްބަރުންނާއިވެސް ގާތް ގުޅުމެއް ބޭއްވި، އުފާވެރި ދުވަސްތަކެއް ކުލަބާއެކު ހޭދަކުރި ކޯޗެއް ކަމަށް ޝިފާން ބުނެފައިވެއެވެ.

އަދި ޖެސިކް މަރުވުމުގެ ހިތާމައިގެ މާޒިޔާގެ މުޅި ޓީމުވެސް ބައިވެރިވަމުންދާ ކަން ޝިފާން ހާމަކުރިއެވެ.

މާޒިޔާއިން ދިވެހި ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން --ފޮޓޯ/މާޒިޔާ

ޖެސިކް ހަވާލުވި ފަހުން މާޒިޔާ އިން ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު 19 މެޗުގެ ތެރެއިން ބަލިވީ އީގަލްސް އަތުން އެކަންޏެވެ. އެ މެޗުތަކުގައި މާޒިޔާ އިން 76 ގޯލު ޖެހިއިރު، ބައިކޮޅަށް ވަނީ ފަސް ގޯލެވެ.

މާޒިޔާގެ ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަށްފަހު ޖެސިކް އެންމެފަހުން މަސައްކަތްކުރީ ސައުދީގެ ޓީމަކާއެކުއެވެ. އެއީ އެގައުމުގެ ދެވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ އަލް ޝޯލާ ފުޓުބޯޅަ ކުލަބަށެވެ.

ޝޯލާ ޓީމާއެކު ގާތްގަނޑަކަށް ދެ މަސް ދުވަހު ޖެސިކް މަސައްކަތް ކޮށްފައިވެއެވެ.

މިދިޔަ 15 ވަރަކަށް އަހަރަށް ބަލާއިރު، ޖެސިކް ވަނީ އީރާނާއި ޔޫއޭއީ، މޮންޓެނެގްރޯ، ޗައިނާ، ލީބިޔާ، މިޔަންމާ އަދި ސައުދީ އަރަބިއްޔާގައި ކޯޗިންގެ މަސައްކަތްތަކެއް ކޮށްފައެވެ.

ޖެސިކް ކޯޗިންގ ކެރިއަރު ފެށީ 1997 ވަނަ އަހަރު ސާބިއާގެ ރެޑްނިކީ އިންނެވެ. އޭގެފަހުން ސާބިއާގެ އޯއެފްކޭ ބިއޮގްރަޑާއި ޕާޓީޒަން އަށް ކޯޗުކޮށްދީފައިވެއެވެ. ދެން، ޓިއުނީޝިއާގެ ސީއެސް ސްފަޒިއޭންއާ ހަވާލުވެ، އެއް އަހަރު އެ ޓީމަށް އިރުޝާދުދިނެވެ. ތުރުކީގެ އަލްޓޭއަށް ކުރު މުއްދަތެއްގައި ކޯޗުކޮށްދީ 2002-2004 އަށް ޖެސިކް ފެނުނީ ބަލްގޭރިއާގެ ސްލޯވިއާ ސޯފިއާ އިންނެވެ. ޖެހިގެން އައި އަހަރު އީރާންގެ ޕެގާ ގިލާން އަށް ކޯޗުކޮށްދިނުމަށް ފަހު ދެން ޖެސިކް ފެނުނީ ބަލްގޭރިއާގެ ޗެމްޕިއަން ސީއެސްކޭއޭ ސޯފިއާ އިންނެވެ.

comment ކޮމެންޓް