ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާންގެ ފުރަތަމަ ފިލްމީ ސްކްރިޕްޓް ނިންމާލައިފި

ހިންދީ ސިނަމާގެ އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ "ސްޓާ ކިޑް" އާރްޔަން ޚާން ލިޔުންތެރިއެއްގެގޮތުގައި ސިނަމާއަށް ތަޢާރަފްވާ ފުރަތަމަ ފިލްމުގެ މަސައްކަތް ނިންމާލައިފިއެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއިން އާރްޔަން ފެންނާނީ އެކްޓިންގް ދާއިރާއިން ނޫންކަމަށް ވަރަށް ގިނަ ފަހަރުމަތީން އެކްޓަރު ޝާހްރުކް ޚާން ވަނީ ބުނެފައެވެ. ޝާހްރުކްއާއި ގޯރީގެ ދޮށީ ދަރިފުޅު އެކްޓަރެއްގެގޮތުގައި ސްކްރީނުން ފެންނަން ބޭނުންވި ނަމަވެސް އާރްޔަންގެ ވިސްނުންހުރީ ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރުމަށެވެ.

އަލަތު ފިލްމުގެ ވާހަކަ ލިޔެ ނިންމާލި ވާހަކަ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރަމުން އާރްޔަން ބުނެފައިވަނީ، ލިޔުންތެރިޔާގެ ރޯލް ނިންމާލެވިފައިވާ ކަމަށާއި، "އެކްޝަން" މިބަސް އިއްވަން ކެތްމަދުވެފައިވާ ކަމަށެވެ.

އާރްޔަން ލިޔުންތެރިއެއްގެގޮތުގައި މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓް ތައްޔާރުކުރީ ޢާއިލީ ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމެންޓް ކުންފުންޏަށެވެ. ފުރަތަމަ ސްކްރިޕްޓް ލިޔެ ނިންމާލިކަން އިޢުލާނުކުރުމާއެކު އާރްޔަންގެ ބައްޕަ އަދި ބޮލީވުޑްގެ ކިންގް ޚާން އެކްޓަރު ޝާހްރުކް ވަނީ ދަރިފުޅަށް މަރުޙަބާ ކިޔާފައެވެ.

އަލަތު މަސައްކަތަކީ އަބަދުވެސް ވަރަށް ޚާއްޞަ މަސައްކަތެއް ކަމަށް ބުނަމުން ޝާހްރުކް ޚާން ވަނީ ދަރިފުޅުގެ މިދަތުރު ކާމިޔާބުވުމަށް އެދޭކަމަށް ބުނެފައެވެ. އެއާއި ގުޅުވައިގެން ޝާހްރުކްގެ މެސެޖަށް ރައްދުދެމުން އާރްޔަން ބުނެފައިވަނީ ސެޓަށް ބައްޕަކުރާ ޒިޔާރަތްތަކަށް އަބަދުވެސް އުއްމީދު ކުރެވޭނެ ކަމަށެވެ.

ޝާހްރުކް ސަމާސާ ރާގަކަށް ދީފައިވާ ޖަވާބުގައި ބުނެފައިވަނީ ޝާހްރުކް ޚާން ގެންދަން ބޭނުމިއްޔާ ޝޫޓިންގް ކުރިޔަށް ގެންދަންވާނީ ހަމައެކަނި ހަވީރުން ފެށިގެންކަމަށެވެ. ޝާހްރުކްގެ އިތުރުން އާރްޔަންގެ މަންމަ ގޯރީ ޚާންވެސް ވަނީ އާރްޔަންގެ މިފެށުމަށް ތަހުނިޔާ ކިޔާފައެވެ. މީގެއިތުރުން ބޮލީވުޑްގެ އެކި ފަންނާނުން ވަނީ ހެޔޮއެދުންތަކުގެ މެސެޖުތައް އާރްޔަންއަށް ފޮނުވާފައެވެ.

ރެޑް ޗިލީޒްއަށް ތައްޔާރުކުރި މިސްކްރިޕްޓްގެ ނަން ވެސް އަދި ހާމަކޮށްފައިނުވާއިރު މިސްކްރިޕްޓަށް އުފައްދާނީ ފިލްމެއްތޯ ނުވަތަ ވެބް ސީރީސްއެއްތޯ ކަށަވަރެއް ނުވެއެވެ. މީގެކުރިން ރިޕޯޓުތަކުން ބުނެފައިވަނީ އާރްޔަންގެ ސްކްރިޕްޓަށް ތައްޔާރުކުރާނީ ވެބް ސީރީސްއެއް ކަމަށާއި މި ސީރީސް ސްޓްރީމް ކުރާނީ އެމޭޒަންގައި ކަމަށެވެ.

އެހެންނަމަވެސް މިކަމަށް ވަކި އެއްޗެއް ބުނަން އަދި އަވަހެވެ. އާރްޔަން ޚާން މުނިފޫހިފިލުވުމުގެ ދާއިރާއަށް ނިކުންނަން ތައްޔާރުވެފައިވާއިރު ކޮއްކޮ ސުހާނާ ޚާން ވަނީ ފިލްމީ ދާއިރާއަށް ތަޢާރަފްވުމުގެ މަސައްކަތް ފަށާފައެވެ. ސުހާނާ ޚާން މަސައްކަތް ކުރަމުން ދަނީ ޑައިރެކްޓަރު ޒޯޔާ އަޚްތަރު ނެޓްފްލިކްސްއަށް އުފައްދާ ފިލްމު ވެބް ސީރީސްގައެވެ.

ސުހާނާގެ އިތުރުން ބޮލީވުޑްގެ ފިލްމީ ޢާއިލާއަށް ނިސްބަތްވާ ކުދިން ހިމަނައިގެން ގެނެސްދޭ މި ސީރީސްއަކީ، މަޝްހޫރު އާޗީ ކޮމިކްސް އަސްލަކަށް ބަލައިގެން "ދަ އާޗީސް"ގެ ނަމުގައި ގެނެސްދޭ އެކްޝަން މިއުޒިކަލް ފިލްމެކެވެ.

comment ކޮމެންޓް