ވާރޭ ވެހެން ފެށުމާއެކު ޖައްވު ސާފުވާން ފަށައިފި!

ޑިސެމްބަރ 2، 2019: މާލޭ ސިނަމާލެ ބްރިޖް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާގެ ބޭ އޮފް ބެންގަލް ހުރަސްކޮށް ވަޔާއެކު ރާއްޖެއާ ހަމައަށް ހިރަފުހާއި ދުން އައުމުގެ ސަބަބުން ރާއްޖޭގެ ވައި ނުސާފު ވުމަށްފަހު ވާރޭ ވެހުމާއެކު ޖައްވު ސާފުވާން ފަށައިފިއެވެ.

މި ދުވަސްވަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޖައްވު ނުސާފުވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން، ދެ މޫސުން ބެދޭ ދުވަސްވަރު ޖައްވު ނުސާފުވުމަކީ ވަރަށް އާންމު ކަމެއް ކަމަށާއި، މިދުވަސްވަރު ރާއްޖޭގެ ޖައްވު ނުސާފުވާން މެދުވެރިވީ "ހޭޒް" ގެ ސަބަބުން ކަމަށް އެ އޮފީހުން ބުންޏެވެ.

މިދުވަސްވަރަކީ އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވުމުން، ރާއްޖެއަށް ވައި އަންނަނީ އިންޑިއަން ސަބްކޮންޓިނެންޓާ ދިމާލުންނެވެ. އެހެންކަމުން އެސަރަހައްދުގައި ހުންނަ ވަޔާއި ހިރަފުސް އަދި ކުނޑި ރާއްޖެއާ ހަމައަށް ފޯރައި ޖައްވު ތަޣައްޔަރުވާން ދިމާވެއެވެ.

ހޭޒް އަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލް ތަކެކެވެ. މެޓް އޮފީހުން މިއަދު "ސަން" އަށް މައުލޫމާތު ދިން ގޮތުގައި ޖައްވު ނުސާފު ވުމަކީ އިރުވައި މޫސުމުގައި އާންމުކޮށްވެސް ދިމާވާ ކަމެކެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ވާރޭ ވެހޭ ކަމުގައި ވަނީ ނަމަ ޖައްވު ސާފުވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މިދުވަސްވަރު ވިއްސާރައިގެ އަސަރު ކުރަމުން ދާއިރު، މެޓް އޮފީހުން ބުނީ މާދަމާއިން ފެށިގެން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ތަންކޮޅެއް ވައި ބާރުވާނެ ކަމަށެވެ. އާންމުގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ވާނެ ކަމަށާއި، ވަކީން ޚާއްސަކޮށް މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި، މިމަހުގެ މެދުތެރެއާއި ފަހުކޮޅާ ދެމެދު މުސުން ރަނގަޅުވާން ފަށާނެ ކަމަށްވެސް މެޓުން ބުނެއެވެ.

ޖައްވު ނުސާފު ވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ފުއްޕާ މޭގެ ބަލިތަކާއި ހިތުގެ ބަލި ހުންނަ މީހުންނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އާންމު ގޮތެއްގައި ހޭޒްގެ މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީ ޑިސެމްބަރު މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. މިދިޔަ އަހަރު ފަހުކޮޅު ވެސް ރާއްޖެއަށް ހޭޒްގެ އަސަރު ވަރަށް ބޮޑަށްކޮށް ވައި ތަޣައްޔަރުވިއެވެ.

comment ކޮމެންޓް