މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރަން މިފްކޯއިން ތިން ބޯޓު ގެންނަނީ

ފެލިވަރަށް މަސް ކިރަން ގޮސް އޮތް ދޯންޏަކުން މަސް ކިރަނީ -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

ކުރިއަށް މަސްވެރިކަމުގެ ސީޒަނަށް މިފްކޯގެ މަސް ގަނެވޭ ކެޕޭސިޓީ ވަރުގަދަކުރަން އިތުރު ތިން ބޯޓެއް އެ ކުންފުނިން ގަނެފިއެވެ.

މި ތިން ބޯޓަކީ ޖުމްލަ 240 ޓަނުގެ މަސް ރައްކާކުރެވޭ ކެޕޭސިޓީ ހުރި ބޯޓުތަކެކެވެ.

މި މަސައްކަތާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ މިއަދު "ސަން"އަށް ވިދާޅުވީ އަލަށް ގެންނަ ތިން ބޯޓު ވެސް ބޭނުންކުރާނީ މަސްވެރިން ބޭނުންވާ، މަސްވެރިކަން އެންމެ ރަނގަޅު ސަރަހައްދުތަކުގައި ކަމަށެވެ.

އެ ބޯޓުތަކަކީ މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބަދަލުކުރާނެ މޮބައިލް ބޯޓުތަކަކަށް ވާނެ ކަމަށް ވެސް އިސްމާއިލް ފައުޒީ ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ މިފްކޯގެ ވަސީލަތްތައް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އިސްކަންދެއްވާ ކަމެއްކަމަށެވެ. އަދި މޯބައިލް ފްލީޓަށް ބޯޓު އިތުރުކުރުމަކީ އެ މަސައްކަތުގެ ބައެއްކަމަށް ވިދާޅުވިއެވެ.

"މީގެ އިތުރުން ދެކުނަށް ވެސް މޯބައިލް ފްލީޓު އެކްސްޕޭންޑުކުރުމުގެ މަސައްކަތް ބަލަމުން މިދަނީ އިތުރު ވަސީލަތްތައް ހޯދަން،" އޭނާ ވިދާޅުވިއެވެ.

މިހާރު ގަނެފައިވާ ބޯޓުތައް ރާއްޖެ އަަންނާނެ ވަކި ދުވަހެއް އަދި ނޭނގެއެވެ. ފައުޒީ ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ ބޯޓުތައް ރަޖިސްޓްރީކުރުމުގެ މަސައްކަތެވެ. އޭގެ ފަހުން މާލެއަށް ބޯޓުތައް ދަތުރު ފަށާނެއެެވެ.

މީގެ ކުރިން ވެސް މިފްކޯއަށް ދެ ބޯޓުވަނީ ގަނެފައެވެ. އެ ދެ ބޯޓު ވެސް އޮޕަރޭޝަންގައި ބޭނުންކުރާކަމަށް ފައުޒީ ވިދާޅުވިއެވެ. އެއާއެކު ޖުމްލަ 12 ބޯޓެއް މިހާރު މިފްކޯގެ މޯބައިލް ފްލީޓުގެ އޮޕަރޭޝަންގައި އަންނަނީ ބޭނުންކުރަމުންނެވެ.

މަސް ނުކިރި، ބާނާ މަސް ކަނޑަށް އުކާލަން ޖެހުމަކީ މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއެވެ. އޭގެ ސަބަބުން އެ މީހުންނަށް އަގު ނުލިބި އެ މަސައްކަތުން ދެކޮޅު ނުޖެއްސޭކަމުގެ ޝަކުވާ ވެސް ބޮޑެވެ.

https://www.sun.mv/168376

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭ ވެސް ދެކުނުގައި މަސްވެރިކަން ރަނގަޅުވި އިރު މަސް ކިރޭނެ ގޮތެއް ނެތެވެ.

އެއާއެކު ނުއަގުގައި މަސް ވިއްކަން ޖެހި، އެ ސަރަހައްދުގެ މަސްވެރިން ވަނީ ޝަކުވާކޮށްފައެވެ.

comment ކޮމެންޓް