ސަންޖޭ ލީލާ ބަންސާލީގެ ފުރަތަމަ މިއުޒިކް އަލްބަމް މިއަދު ރިލީޒްކުރާނެ

ރީތި ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ އުފެއްދުންތެރި ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ މިއުޒިކް އަލްބަމް މިއަދު ނެރޭގޮތަށް ހަމަޖައްސައިފިއެވެ.

"ސުކޫން"ގެ ނަމުގައި ނެރޭ މި އަލްބަމްއަކީ ސަންޖޭ ރަސްމީކޮށް ނެރޭ ފުރަތަމަ މިއުޒިކް އަލްބަމްއެވެ. ހުރިހާ މިއުޒިކް ޕްލެޓްފޯމް ނުވަތަ އެޕްލިކޭޝަނެއްގައި މިއަލްބަމް ރިލީޒްކުރާނީ ސަރެގަމާ މިއުޒިކް މެދުވެރިކޮށެވެ.

"ސުކޫން" އަލްބަމް ރިލީޒްކުރުން އިޢުލާނުކުރަމުން ސަންޖޭ ބުނެފައިވަނީ ކޮވިޑް 19އިގެ ހިތްދަތި ދުވަސްތަކުގެ ތަޖުރިބާއާއެކު މިއަލްބަމް އުފެއްދުމަށް ދެ އަހަރު ދުވަސް ހޭދަވިކަމަށެވެ. މިއުޒިކް އުފެއްދުމުގެ މަސައްކަތުގެތެރެއިން ހަމަހިމޭންކަމާއި، އަމާންކަމާއި، ލޯބި ދިރިއުޅުމުގައި ހޯދުނުކަމަށާއި، އުއްމީދަކީ "ސުކޫން" އަލްބަމް މެދުވެރިކޮށް އެހުންތެރިންނަށް ވެސް މި އިޙުސާސްތައް ލިބުންކަމަށް ސަންޖޭ ވަނީ ބުނެފައެވެ.

ސަންޖޭ ލީލާ ބަންސާލީގެ "ސުކޫން" މިއުޒިކް އަލްބަމްގައި ޖުމްލަ ނުވަ ލަވަ ހިމެނޭނެއެވެ. މިއަލްބަމަށް ލަވަކިޔައިދީފައިވާ ލަވަކިޔުންތެރިންގެތެރޭގައި، ރާޝިދް ޚާން، ޝްރެޔާ ގޯޝަލް، އަރްމާން މަލިކް، ޕްރަތިބާ ބަގެލް އަދި މަދޫބަންތީ ބަގްޗީ ފަދަ ހުނަރުވެރި ލަވަކިޔުންތެރިން ހިމެނެއެވެ. ސަރެގަމާ އިންޑިއާގެ މެނޭޖިންގް ޑިރެކްޓަރު ސިފަކޮށްފައިވާގޮތުގައި، ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީއަކީ، ކޮންމެ ކަމެއްވެސް އެންމެ ފުރިހަމައަށް ކުރުމުގެ ނަމޫނާއެކެވެ. އެއީ ފިލްމެއް އުފެއްދުންކަމަށްވިޔަސް އަދި މުނިފޫހިފިލުވުމުގެ ދާއިރާއާ ގުޅުންހުރި ކޮންމެ މަސައްކަތެއްގައިވެސްމެއެވެ.

ފިލްމު "ހަމް ދިލްދޭ ޗުކޭ ސަނަމް"އާއި "ދޭވް ދާސް"ފަދަ ކާމިޔާބު ފިލްމުތައް އުފައްދާފައިވާ ސަންޖޭ މިއުޒިކް އުފައްދަން ޝައުޤުވެރިކަން އުފެދުނީ، އަމިއްލަ ޑައިރެކްޝަން ފިލްމު "ގުޒާރިޝް" ފިލްމާ ގުޅިގެންނެވެ. މި ފިލްމަށްފަހު ސަންޖޭ މިހާތަނަށް އުފެއްދި ހުރިހާ ފިލްމެއްގެވެސް މިއުޒިކް ތައްޔާރުކުރުމުގައި ވެސް ސަންޖޭ ވަނީ ބައިވެރިވެފައެވެ.

އޭގެތެރޭގައި، ފިލްމު "ގަލިޔޯންކީ ރާސްލީލާ: ރާމް ލީލާ"، "ބާޖިއޯ މަސްތާނީ"، "ޕަދްމަވާތް" އަދި ފިލްމު "ގަންގޫ ބާއީ" ހިމެނެއެވެ. މިހުރިހާ ފިލްމުތަކެއްގެވެސް ލަވަތަކަކީ ގިނަބަޔަކަށް ވަރަށް ހިތްގައިމު ލަވަތަކެކެވެ.

comment ކޮމެންޓް