ނަހުލާގެ މައްސަލަ: އޭސީސީއިން މައްސަލަ ބަލައިގަނެ ތަހުގީގު ފަށައިފި

ޖޫން 14، 2019: މާލޭގައި ކުރިއަށް ގެންދިޔަ "ރޯޑް ސޭފްޓީ" ހިނގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިސްވެ ހުންނަވައި ގަވާއިދާ ޚިލާފަށް 57 އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލަ އެކޮމިޝަނުން ބަލައިގަނެ ތަހުގީގު ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި މީގެ ކުރިން ހުންނެވި ބޭފުޅަކު ހުށަހަޅުއްވާފައިވާ މި މައްސަލައިގައި ބުނެފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި ނަހުލާ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު މާލީ ތަނަވަސްކަން ހޯދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެގޮތުން އެ އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ގަވާއިދަށް ގެނައި ދެވަނަ އިސްލާހުގެ ނާޖާއިޒް ފައިދާ ނަގައިގެން ކަމަށާއި، އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ގަވާއިދުގެ އެއްވަނަ އިސްލާހުގައި މަޖުބޫރުކުރާ އެއްގަމު އުޅަނދު އެތެރެކުރިކަމުގެ ހުއްދަ ހުއްދަ (L10) ހުށަހަޅާފައި ނުވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މައްސަލަ އާ ގުޅޭގޮތުން އޭސީސީގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އެމައްސަލަ މިހާރު ބަލައިގަނެ ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި، މައްސަލައިގެ ތަހުގީގުގެ ފުރަތަމަ މަރުހަލާ ފަށާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގެ ދަށުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމާއި، އިދާރީގޮތުން ބަލަން ޖެހޭ ކަންކަން ބަލަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ތަނުގައި ތަހުގީގަށް މީހަކު ހާޒިރުކޮށް ސުވާލު ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.

މިނިސްޓަރު ނަހުލާގެ މައްސަލަ ބަލަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް އިދިކޮޅުން ބުނެފައިވީނަމަވެސް، އޭސީސީ އަކީ މިނިވަން މުއައްސަސާއެއް ކަމަށާއި އެމައްސަލައަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ކަމަށް އޭސީސީން މީގެކުރިން ވަނީ ބުނެފައެވެ.

އަދި ކޮންމެ މައްސަލައެއް ވެސް އޭސީސީއަށް ހުށަހެޅުމުން ކުރިއަށް ގެންދާ މަރުހަލާތަކުގެ ތެރެއިން ނަހުލާގެ މައްސަލަ ވެސް ކުރިއަށްދާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ވަގަށް އުޅަނދުތަކެއް ރަޖިސްޓްރީ ކުރި ކަމުގެ ތުހުމަތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ފިޔަވަޅު އަޅައިދިނުމަށް އެދި މިނިސްޓަރު ނަހުލާ ރައީސް އޮފީހަށް ސިޓީއެއްވެސް ފޮނުއްވާފައި ވަނިކޮށެވެ.

މީގެއިތުރުން، ވަގަށް އުޅަނދުތަކެއް ރަޖިސްޓްރީ ކުރި ކަމުގެ ތުހުމަތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު ވެސް ވަނީ ދާދިފަހުން ސަސްޕެންޑް ކޮށްފައެވެ.

comment ކޮމެންޓް