ދ. ރިނބުދޫ ސިއްހީ މަރުކަޒުގެ އިރުމަތި ފަރާތުން ފެންހޮޅި ވަޅުލުމަށް މަގު ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިހު ޒަމާނުގެ ބޮލިވަޅެއް ފެނިއްޖެއެވެ.
ރިނބުދޫ ކައުންސިލް މެމްބަރު މަރިޔަމް ޝިފާޒާ، "ސަން"އަށް ވިދާޅުވީ ފެނުގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހޮޅި ވަޅުލުމަށް ކޮންނަމުން ދަނިކޮށް ރިނބުދޫން ފެނިފައިވަނީ އިހުގައި ދިވެހީން ފައިސާގެ ގޮތުގައި ބޭނުން ކުރި ބާވަތުގެ ބޮލި ހުރި ބޮލިވަޅެއް ކަމަށެވެ.
ޝިފާޒާ ވިދާޅުވި ގޮތުގައި ބޮލިވަޅު ފެނުނު ސަރަހައްދުގައި މީގެ ކުރީން މީހުން ދިރިއުޅުނުކަން ނުވަތަ ނޫންކަން އަދި މިހާތަނަށް ބެލި ބެލުމުން އެނގޭކަށް ނެތެވެ.
"މީގެ ކުރިން މި ޒާތުގެ އާސާރީ އެއްޗެއް މި ރަށުން ފެނިފައެއް ނުވެ. މި ފެނުނު ބޮލިވަޅުގެ ފުން މިނުގައި ހުރީ ގާތްގަނޑަކަށް އެއް ފޫޓް ހަތަރު އިންޗި. ފުޅާ މިނުގައި ތިން ފޫޓް ދެ އިންޗި. މި ވަޅުގައި ހުރީ ކުރީ ޒަމާނުގައި ފައިސާގެ ގޮތުގައި ބޭނުންކުރި ބޮލި،" ޝިފާޒާ ވިދާޅުވިއެވެ.

ރިނބުދޫން ފެނުނު ބޮލިވަޅުގައި ހުރި ބޮލިތައް ރައްކާތެރިކަމާއެކު ނަގަނީ --
އޭނާ ވިދާޅުވީ ސަގާފީ ތަރިކައާ ބެހޭ ގައުމީ މަރުކަޒުގެ އިރުޝާދުގެ ދަށުން އެ ބޮލިތައް ނެގުމަށް ފަހު މިވަގުތު ހުރީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ވިދާޅުވީ ވަޅުން ނެގި ބޮލީގެ އަދަދު ސާފު ވާނީ މާދަމާ ކަމަށެވެ.

ރިނބުދޫން ފެނުނު ބޮލިވަޅުގައި ހުރި ބޮލިތައް ރައްކާތެރިކަމާއެކު ނަގަނީ --
ރިނބުދޫން ފެނިފައިވަނީ އެވޭލާ ޒަމާނުގައި ދިވެހީން ފައިސާގެ ގޮތުގައި ބޭނުން ކުރި ބާވަތުގެ މަނީކައުރީ (ސިޕްރިއާ މޮނެޓާ) ބޮއްޔެވެ.
ތާރީޚީ ފަށްފުތްތަކުން ދިވެހި ބޮއްޔާ ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބެން އެބަހުއްޓެވެ. އެގޮތުން މީލާދީ ސަނަތުގެ ކުރިން ވެސް މެދުއިރުމައްޗާއި އެތެރެވަރީގައި އަދި ސީނުކަރައިގައި ވެސް މަނީކައުރީ ގެންގުޅެފައިވާކަން އެނގެއެވެ.
ރާއްޖެއަށް މީލާދީ ސަނަތުން 17ވަނަ ގަރުނުގައި ޒިޔާރާތް ކުރި ފަރަންސޭސި ސައްޔާހެއް ކަމަށްވާ ޕިރާޑު ޑިލަވާލު އޭނާގެ ސަފަރުނާމާގައި ލިޔުއްވައިފައިވާ ގޮތުގައި ރާއްޖެއިން ކޮންމެ އަހަރަކު 40 ނައު ބޮލި ބޭރު ކުރެއެވެ.