މުޒާހަރާތައް ހުއްޓުވުމަށްޓަކައި ދީނީ ފުލުހުން އުވާލައި، ބުރުގާ އެޅުން މަޖުބޫރު ނުކުރަން އީރާނުން ނިންމަނީ

އީރާނުގެ ރައީސް އިބްރާހީމް ރައީސީ

އީރާނުގައި އަންހެނުން ބުރުގާ އަޅާތޯ ބަލައި މޮނިޓާކުރާ ފުލުހުންގެ ޔުނިޓް އުވާލައިފި ކަމަށާއި ބުރުގާ އެޅުން މަޖުބޫރު ކުރުވުން ފަދަ ފަރުދީ މިނިވަންކަމަށް ހުރަސް އަޅާ ގާނޫނުތަކަށް އިސްލާޙު ގެނައުމަށް އުސޫލެއްގެ ގޮތުން އީރާނުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވަމުން އީރާނުގެ އެޓާނީ ޖެނެރަލް މުހައްމަދު ޖަޢްފަރު މުންތަޒިރީ ވިދާޅުވީ އަމުރު މައުރޫފުކޮށް މުންކަރާތްތައް ނަހީކުރުމުގެ މެންޑޭޓުގެ ދަށުން އީރާނުގައި އުފައްދާފައިވާ "މޮރާލިޓީ ޕޮލިސް" ނުވަތަ "އިސްލާމީ އަޚްލާގިއްޔާތާބެހޭ ފުލުހުންގެ ޔުނިޓް" މިހާރު އުވާލައިފި ކަަމަށާއި ބުރުގާ އެޅުން މަޖުބޫރުކުރާ ގާނޫނަށް އިސްލާހު ގެނައުމާ ބެހޭ ގޮތުން އީރާނުގެ ޕާލަމެންޓާއި ޝަރުޢީ ދާއިރާ ގުޅިގެން މަޝްވަރާތަކެއް ކުރަމުން ގެންދާކަމުގައެވެ.

މި މަޝްވަރާތަކުގެ ބޭނުމަކީ ފަރުދީ މިނިވަންކަމަށް ހުރަސް އަޅާ ގާނޫނުތަކަށް އިސްލާހު ގެނެސް ބުރުގާ އެޅުން ފަދަ ކަންކަމަކީ ގާނޫނަކުން މަޖްބޫރު ކުރުމުގެ ބަދަލުގައި އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށްގެން އަމިއްލަ އިޚްތިޔާރުގައި ކުރާކަމަކަށް ހެދުމަށް މަގުފަހިކުރުންކަމަށް މުންތަޒިރީ ވިދާޅުވިއެވެ.

އީރާނުގެ ފުލުހުންގެ ބެލުގެ ދަށުގައި ހުއްޓައި މަރުވި ޒުވާން އަންހެންމީހާ މަހްސާ އަމީނީ

އީރާނުގައި އަންހެނުން ބުރުގާ އެޅުން މަޖުބޫރުކޮށްފައި ވާތީއާއި ބުރުގާ ނާޅައި މަގުމައްޗަށް ނުކުންނަ އަންހެނުން ހައްޔަރުކުރާތީ އެކަމާ ދެކޮޅަށް އީރާނުގެ އާންމުން މަގުތަކަށްނުކުމެ މުޒާހަރާތައް ކުރަމުން ގެންދާތާވަނީ ތިންމަހަށްވުރެވެސް ގިނަ ދުވަސްވެފައެވެ. ތިންމަސްތެރޭގައި މުޒާހަރާތައް ކޮންމެވެސް ވަރަކަށް މައިތިރިވެފައިވީނަމަވެސް އެކަން ހުއްޓުމަކަށް ނާދެއެވެ.

އީރާނުގެ ސަރުކާރާ ދެކޮޅަށް ފެށި މި މުޒާހަރާތަކުގައި ފުލުހުންނަށްވެސް ހަމަލާދީ ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖެހުންފަދަ ހަރުކަށި އަމަލުތައްވެސް ފުޅާދާއިރާއެއްގައި ހިންގާފައިވެއެވެ. އީރާނަކީ ސުލްހަވެރިކަމާއެކު މުޒާހަރާކުރުން މަނާ ގައުމެއްނޫނެވެ. އިރާނަކީ މުއަައްސަސާތަކުގެ މައްޗަށް ބިނާވެފައިވާ ވެރިކަމުގެ ނިޒާމެއް އޮންނަ ގައުމެކެވެ. ނަމަވެސް މުޒާހަރާތަކުގައި ހަރުކަށި އަމަލުތައް ހިންގާނަމަ އެކަން ހުއްޓުވުމުގެ ބާރު ގާނޫނީ ގޮތުން އީރާނުގެ ސަލާމަތީ ބާރުތަކަށް އޮވެއެވެ.

މުޒާހަރާތަކުގައި ފުލުހުންނަށް ބަޑިން ހަމަލާދީ ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖެހުންފަދަ ހަރުކަށި އަމަލުތައް ހިންގާތީ އެކަން ހުއްޓުވުމަށްޓަކައި ބާރުގެ ބޭނުންކުރުމުގެ ސަބަބުން ފުލުހުންނާއި މުޒާހަރާވެރިން ހިމެނޭގޮތަށް 200 އަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާކަމަށް އީރާން ސަރުކާރުން ބުނެފައިވެއެވެ. ނަމަވެސް މަރުވި މީހުންގެ އަދަދު މިއަށްވުރެ ގިނަވާނެކަމަށް އީރާނުގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

މީގެ ތިންވަރަކަށް މަސްކުރިން އީރާނުގައި މުޒާހަރާތައް ފެށުނީ ބުރުގާ ނޭޅުމުގެ މައްސަލައެއްގައި ހައްޔަރުކުރި އީރާނުގެ ކުރުދީ ދަރިކޮޅުގެ ޒުވާން އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ކުއްލި ގޮތަކަށް ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވުމާ ގުޅިގެންނެވެ. މަހްސާ އަމީނީ ނަމަކަށް ކިޔާ 22 އަހަރުގެ އެ އަންހެން މީހާ ހައްޔަރުކުރީ އީރާނުގެ ފުލުހުންގެ ތެރޭގައި ހިމެނޭ ދީނީ ފުލުހުންގެ ވިންގުންނެވެ.

ފަރުދީ މިނިވަންކަމަށް ގޮވާލައި އީރާނުގައި ކުރާ މުޒާހަރާތައް

އީރާނުގެ ދީނީ ފުލުހުންގެ ވިންގަކީ އަންހެނުންނަށް ބުރުގާ އަޅަން އެންގުމާ އަދި އިސްލާމް ދީނުގައި މުންކަރާތްތައް ކަމަށް ބެލެވޭކަންކަން ހުއްޓުވުމަށް ޚާއްސަކޮށްފައިވާ ޔުނިޓެވެ. ބުރުގާގެ މައްސަލާގައި އިރާނުގެ ދީނީ ފުލުހުން މަހްސާ އަމީނީ ހައްޔަރުކުރީ އޭނާގެ އާއިލާގެ ބައެއް އާއިލާ މެންބަރުންނާއެކު ތެހެރާންގައި އުޅެނިކޮށެވެ.

ބުރުގާގެ މައްސަލާގައި މަހްސާއާއެކު އިތުރު އަންހެނުންތަކެއްވެސް ހައްޔަރުކުރިއެވެ. އީރާނުގެ ދީނީ ފުލުހުން ބުނާގޮތުން އަމީނީ ކުއްލިއަކަށް މަރުވީ ހައްޔަރުކުރި އެހެން އަންހެނުންނާއެކު އަމީނީވެސް ބަންދުގައި އިންދައި އޭނާއަށް ހާޓް އެޓޭކެއް ޖެހިގެންނެވެ. އަމީނީ ފަހުނޭވާލާފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދަނިކޮށް ހޮސްޕިޓަލުގައެވެ. އަމީނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވައި އޭނާގެ އާއިލާގެ މެންބަރުން ވެސް އޭނާއަށް ޒިޔާރަތް ކޮށްފައިވެއެވެ.

މި މައްސަލާގައި އީރާނުގެ އާންމުން މުޒާހަރާ ކުރަންފެށީ އަމީނީގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށާއި އަދި ބުރުގާ އެޅުންފަދަ ފަރުދީ މިނިވަންކަމަށް ހުރަސް އަޅާ ގާނޫނުތައް އުވާލުމަށް ގޮވާލަމުންނެވެ. ނަމަވެސް ފަހުން މި މުޒާހަރާތައް ވަނީ އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރާ ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެފައެވެ. އަދި އެމެރިކާއާއި ޖަރުމަނާއި އިނގިރޭސިވިލާތްފަދަ ޔޫރަޕްގެ ބައެއް ގައުތަކުންވެސް ވަނީ ފާޅުކަންބޮޑު ގޮތެއްގައި މި މުޒާހަރާތަކުގެ ތެރެއަށް ވަދެފައެވެ.

އީރާނުގެ މުޒާހަރާތަކުގައި ހަމަނުޖެހުން އުފައްދަނީ

އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުންވަނީ މުޒާހަރާތަކަށް ހިތްވަރުދީ މުޒާހަރާތައް ކުރިޔަށް ގެންދިޔުމަށް މުޒާހަރާތައް އިންތިޒާމުކުރާ އެކްޓިވިސްޓުންނަށް ގޮވާލާފައެވެ. މުޒާހަރާކުރާ މީހުން ތަންތަނާއި ސަރުކާރުގެ ވެހިކަލްތަކުގައި ހުޅުޖަހައި އަންދައި ތަންތަނަށް ގެއްލުންދީ ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ގެންދިޔައިރުވެސް އެމެރިކާގެ މަސްއޫލުވެރިން ގެންދަވަނީ މިހަރުކަށި އަމަލުތަކަށް ފާޅުގައި ތާއީދުކޮށް މިކަމަށް ހިތްވަރު ދެމުންނެވެ.

މި މައްސަލާގައި އީރާނުން ވަނީ ޓެރަރިޒަމަށް އެހީތެރިވާކަމުގެ ތުހުމަތު އެމެރިކާއާއި ޔޫރަޕްގެ މައްޗަށް ކޮށްފައެވެ. އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް އަމީނީ މަރުވި މައްސަލަ ތަހުގީގު ކުރުމަށް އަމުރު ކުރައްވާފައެވެ. އަދި އީރާނުގެ ރައީސް ވަނީ އަމީނީގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ އޭނާގެ މަރާ ގުޅިގެން ހިތާމަ ކުރައްވާކަމަށް ވިދާޅުވެފައެވެ.

އީރާނުގެ އަންހެނުން

ނަމަވެސް އީރާނުގައި ހުރި ފަރުދީ މިނިވަންކަމަށް ހުރަސް އަޅާ ގާނޫނުތައް އިސްލާހު ނުކުރާނަމަ މުޒާހަރާތައް ހުއްޓާނުލާނެކަމަށްބުނެ އީރާނުގެ އެކްޓިވިސްޓުން އިންޒާރުތައް ދެމުން ގެންދިޔުމާއި މުޒާހަރާތައް ދިގުލައިގެންދިޔުމާ އަދި ރައްޔިތުންގެ ގިނަބައެއްގެ ތާއީދު މުޒާހަރާތަކަށް ލިބެމުންދިޔުމާއި މުޒާހަރާތަކުގައި އެތައް ބަޔަކު މަރުވެގެން ދިޔުމަކީ ދިގުމުއްދަތަކަށް އީރާނުގެ ސަރުކާރަށް ތަހައްމަލު ކުރެވޭނެ ކަންކަމެއްނޫނެވެ.

އަނެއްކޮޅުން ބާރުގެ ބޭނުންކޮށްގެން ވެސް މުޒާހަރާތައް ހުއްޓުވުމުގައި އީރާނުގެ ސަލާމަތީ ބާރުތައްވަނީ ފޭލްވެފައެވެ. އަދި އީރާނަކީ އެމެރިކާއާއި ހުޅަނގުގެ ލާދީނީ ބާރުތަކާ ދެކޮޅަށް ތެދުވަމުންދާ އަދި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އެހީވެ އިސްރާއީލު ނައްތާލުމަށް ގޮވާލައި އަމިއްލަ ނަފްސަށް ބަރޯސާވެެގެން ބާރުވެރިކަމުގެ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްްކަތްކުރާ ގައުމަކަށްވާތީ ހުޅަނގުގެ ފިއްތުންތައް އީރާނަށް އިންތިހާއަށް ބޮޑެވެ.

އީރާނުގެ ސަރުކާރުންވަނީ މިމައްސަލައިގެ އަސްލާ ހިސާބަށް ގޮސްގެންނަމަވެސް މައްސަލަ ހައްލުކުރަން ތައްޔާރަށް އޮތްކަން އެންމެފަހުން ހާމަކޮށްފައެވެ. މިހާތަނަށް އީރާނުގެ ސަރުކާރާއި ޕާލަމެންޓުން ގެންދިޔައީ މިމައްސަލާގައި ދޫދިނުމަށް ދެކޮޅު ހަދަމުންނެވެ.

ނަމަވެސް އީރާނުގެ އެޓާނީ ޖެނެރަލް މުހައްމަދު ޖަޢްފަރު މުންތަޒަރީ އިއްޔެ ވިދާޅުވިގޮތުގައި ރައްޔިތުންގެ ނުރުހުމުގައި ގަދަބާރުން ކަންކަން ރައްޔިތުންނަށް މަޖުބޫރު ކުރުމަކީ އެންމެ ރަނގަނޅު ގޮތެއްނޫނެވެ. އަދި މައްސަލައިގެ އެންމެ ފުނަށް ގޮސްގެންވެސް އީރާނުގައި ހަމަޖެހުން ގާއިމްކުރަންޖެހޭ ހިސާބަށް ހާލަތު މިހާރުވަނީ ގޮސްފައި ކަމަށާ ނޫންނަމަ އީރާނުގެ މުޖްތަމައުގައި މިހާރު އުފެދިފައިވާ ބައިބައިވުމުގެ ތެރެއަށް ގައުމުގެ ދުޝްމަނުން ވަދެ ގައުމު ހަލާކުކުރުމުގެ ފުރުސަތު ދުޝްމަނުންނަށް ފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ މިނިންމުމަށް ރައްދު ދެމުން މުޒާހަރާތަކަށް ތާއީދުކުރާ ފަރާތްތަކާ އަދި އެކްޓިވިސްޓުން ބުނެފައިވަނީ މިއީ ރައްޔިތުން އެދޭ މިނިވަންކަމުގެ ތެރެއިން ވަރަށް ކުޑަ މިންވަރެއްކަމަށާ މިވަރު ނުފުދޭ ކަމުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް