މި އަހަރުގެ މިހާތަނަށް ހާހަކާ ގާތްކުރާ އަދަދަކަށް ސްކޭމް މައްސަލަ، 23 މިލިއަން ރުފިޔާގެ ގެއްލުން!

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި އަހަރުގެ މިހާތަނަށް ފުލުހުންގެ އިދާރާއަށް ސްކޭމްގެ 998 މައްސަލަ ހުށަހަޅައިފައިވާކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

މަލްޓި އެޖެންސީ ވޯކްޝޮޕް އޮން ކޮމްބެޓިން ސްކޭމް އިންދަ މޯލްޑިވްސް ފެށުމުގެ ގޮތުން ސީޕީ ހަމީދު ދެއްކެވި ވާހަކައިގައި ވިދާޅުވީ މި ވޯކްޝޮޕަކީ މިއަދު ކުށުގެ ވެށީގައި ހަރަކާތްތައް ހިންގާ ގޮތަށް ބަލާއިރު އެ ކަމާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ހޯދައި ދެނެގަންނަން ކުރިއަށް ގެންދިއުން މުހިންމު ވޯކްޝޮޕެއް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ސްކޭމްގެ މައްސަލަތަކަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އޮތް، ރައްޔިތުންނަށް މާލީ ބޮޑެތި ގެއްލުންތަކެއްވަމުންދާ މައްސަލައެއް. މި އަހަރުގެ މިހާތަނަށް 998 ސްކޭމްގެ މައްސަލަތަ ހުށަހަޅައިފައިވޭ. އަދި ޖުމްލަ 23 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިފައިވޭ،" ސީޕީ ހަމީދު ވިދާޅުވިއެވެ.

އެއީ އިގްތިސާދީ ނަޒަރަކުންނާއި، ފަރުދުންނަށް ލިބޭ ގެއްލުމަކީ އަންދާޒާ ކުރެވޭނެ ގެއްލުމެއް ނޫންކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

އަދި މުއައްސަސާތަކުގެ ގާބިލްކަން ހުރި މިންވަރުން މިހާރު ވެސް އެ ކަންކަން ހުއްޓުވަން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

"އެހެންނަމަވެސް މުއައްސަސާތަކުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބައިވަރު އެބަހުރި. މިއަދު މި ފެށޭ މަލްޓި އެޖެންސީ ވޯކްޝޮޕަކީ އަޅުގަނޑު ގަބޫލްކުރާ ގޮތުގައި މި މިސްރާބަށް އެޅޭ ވަރަށް ރަނގަޅު ފިޔަވަޅެއް،" ސީޕީ ހަމީދު ވިދާޅުވިއެވެ.

މިއީ ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވޭ ކަމެކެވެ. އަދި 2019ވަނަ އަހަރު އެކުލަވާލި ސްކޭމް އަދި ފްރޯޑް ހުއްޓުވުމާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ކުރާ މަސައްކަތެކެވެ.

އެއާއެކު ފުލުހުން ސްކޭމްއާއި ފްރޯޑުގެ މައްސަލަތައް ބަލަނީ ހާއްސަ އިސްކަމެއް ދީގެންކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

އަދި މިހާރު އެ ފަދަ މައްސަލަތައް ތަހުގީގުކުރުން އަވަސްކުރަން އާ ތަހުގީގު ޕްރޮސީޖާއެއް އެކުލަވާލައި، އެއަށް ފުލުހުން ތަމްރީނުކުރަމުން އަންނަކަމަށް ހަމީދު ވިދާޅުވިއެވެ.

މި ވޯކްޝޮޕަކީ ސްކޭމްގެ މައްސަލަތަކާއި އިކޮނޮމިކް ކްރައިމްއާ ގުޅޭގޮތުން ފުލުހުންނާއި އިތުރު ފަރާތަކުން ގުޅިގެން ބާއްވާ ވޯކްޝޮޕެކެވެ.

comment ކޮމެންޓް