ކުޑަކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށް

ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން: ކުޑަކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށްލުމަށް ވަނީ ޙުކުމް ކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކުޑަ އަންހެން ކުއްޖަކާ ބެހުނު ފިރިހެނަކު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކުޑަ ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި, ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދައުވާ އުފުލީ ކ. މާފުށި, ނަސްރީރުގެ، މުޙައްމަދު ޝައިބާންގެ މައްޗަށެވެ.

އެ ހާދިސާ ހިނގާފައިވަނީ ދެހާސް ވިހި ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެ ކުއްޖާ ދިރިއުޅުނު ގޭގެ ކޮޓެރިއެއްގެ ތެރޭގައެވެ.

އެގޮތުން ތިން ކޮޓެރި ހުންނަ އެ ގޭގެ ކޮޓަރިއަކަށް އެކުއްޖާ ގެންދިއުމަށްފަހު އެ ކުއްޖާގެ ހަށިގަނޑުގައި ޖިންސި ނިޔަތެއް އޮވެގެން ގަސްތުގައި އަތްލާފައިވާކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

އެ ދައުވާއަށް އޭނާ އިންކާރު ކުރުމުން ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ހެކިންގެ ހެކިބަހާއި ޤަރީނާތަކެއް ހުށަހަޅާފައެވެ. އަދި އެ މައްސަލައިގައި ޝަކުވާކުރި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްކަމާއި، ޝައިބާންއާ ގުޅޭގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުބައި ނިޔަތެއް ޝަކުވާކުރި ކުއްޖާގެ ކިބައިގައި އޮތްކަން އެނގެން ނެތަތީ، އެ މައްސަލައިގައި ޝަކުވާކުރި ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދު ހެކިބަހެއްގެ ގޮތުގައި ޝަރީޢަތަށް ޤަބޫލުކުރެވުނު ކަމަށް ވެސް އިއްޔެ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ވެއެވެ.

އެހެންކަމުން އެ ކުށުން ޝައިބާން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި ދިހަ އަހަރަށް ޖަލަށް ލުމަށް އެ މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ހުކުމް ކުރެއްވިއެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމަށްފަހު ދެން ތަންފީޒު ކުރަން ޖެހޭނީ ހަތް އަހަރާއި ހަތަރު މަސް ދުވަސް ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

މީގެއިތުރުން އޭނާގެ މައްޗަށް އުފުލި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ވެސް ވަނީ ސާބިތުވެފައެވެ. އެ މައްސަލައިގައި އޭނާއަށް އިއްވީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

އެ ދައުވާ ޝައިބާންގެ މައްޗަށް އުފުލީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން ފޯނު ބެލިއިރު އެ ފޯނުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފެނުމުންނެވެ.

comment ކޮމެންޓް