ޖިރޫއާއި އެމްބާޕޭގެ ރެކޯޑު ލަނޑުތަކުން ފްރާންސް ކުއާޓާ ފައިނަލަށް

ފްރާންސާއި ޕޮލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕުގެ ރައުންޑް އޮފް 16 ގައި ފްރާންސާއި ޕޮލެންޑު ބައްދަލުކުރި މެޗުގައި އޮލިވިއާ ޖިރޫއާއި ކިލިއަން އެމްބާޕޭ ޖެހި ލަނޑުތަކުން މޮޅުވެ، ފްރާންސްއިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ހޯދައިފިއެވެ.

ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމުގައި ކުޅުނު މިމެޗުން ފްރާންސް މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗު ކަހަލަ ގޮތަކަށް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކިންގް ގޭމެއް ކުޅުނީ ފްރާންސްގެ ކުޅުންތެރިންނެވެ. އެގޮތުން މި މެޗުގެ 55 އިންސައްތަ ޕޮޒެޝަން އެ ޓީމުން ހޯދާފައިވެއެވެ. ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައިގެން ޕޮލެންޑުންވެސް ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިނަމަވެސް، މި މެޗުގައި އެޓީމަށް އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މެޗު ފަށައިގެން މޮޅަށް ކުޅެމުންދިޔަ ފްރާންސްއިން ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައެވެ. މިއީ އެމްބާޕޭގެ އެސިސްޓަކުން އޮލިވިއާ ޖިރޫ ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑާއެކު، ފްރާންސްގެ ގައުމީ ޓީމަށް ޖިރޫ ޖަހައިދިން ޖުމްލަ ލަނޑުގެ އަދަދު ވަނީ 52 އަށް އަރާފައެވެ. އަދި މި ލަނޑާއެކު ޖިރޫ ވަނީ ފުޓުބޯޅައިގެ ތާރީޚުގައިވެސް ފްރާންސްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދައި، ރެކޯޑު ގާއިމްކޮށްފައެެވެ. ވޯލްޑް ކަޕު ފެށުމާ ހަމައަށް މި ރެކޯޑު އޮތީ ފްރާންސްގެ ލެޖެންޑް ތިއެރީ އޮންރީގެ އަތުގައެވެ. އެއީ 51 ލަނޑާއެކުއެވެ.

ފްރާންސާއި ޕޮލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

އެއް ލަނޑުގެ ލީޑެއްގައި އޮވެ ފްރާންސްއިން ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުން ލީޑު ފުޅާކުރީ ދެވަނަ ހާފުގައި މެޗުގެ 74 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކިލިއަން އެމްބާޕޭއެވެ. މި ލަނޑާއެކު އޭނާ ވަނީ، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އޭނާ ޖެހި ޖުމްލަ ލަނޑުގެ އަދަދާ އަރައި ހަމަކޮށްފައެވެ.

ފްރާންސްގެ ތިންވަނަ ލަނޑުވެސް ޖަހައިދިނީ އެމްބާޕޭ އެވެ. މިއީ މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ، އިތުރުވަގުތުގެ ގޮތުގައި ދެއްކި ވަގުތުގެ ތެރޭގައި އެމްބާޕޭ ޖެހި ލަނޑެކެވެ. މިއީ އެމްބާޕޭ ކުޅުނު ދެ ވޯލްޑް ކަޕުގެ ތެރެއިން އެމްބާޕޭ ޖެހި ނުވަވަނަ ލަނޑެވެ. ނުވަ ލަނޑާއެކު އެމްބާޕޭ އަކީ ފީފާ ވޯލްޑް ކަޕުގައި ފްރާންސްގެ ގައުމީ ޖާޒީގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. ވޯލްޑް ކަޕުގައި 10 ލަނޑު ޖަހައިގެން ފްރާންސްގެ ޖާޒީގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ހަދާފައިވަނީ ޖަސްޓް ފޮންޓެއިންއެވެ.

ފްރާންސާއި ޕޮލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

މެޗުގައި ޕޮލެންޑުން ޖެހި ހަމައެކަނި ލަނޑަކީ، މެޗުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގެ ތެރޭގައި، ލިބުނު ޕެނަލްޓީއަކުން ރޮބާޓް ލެވަންޑޮސްކީ ޖެހި ލަނޑެކެވެ.

މި މޮޅާއެކު ފްރާންސްއިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، ކުއާޓާގައި އެޓީމު ކުޅޭނީ މިރޭ އިންގްލެންޑާއި ސެނެގާލް ބައްދަލުކުރާ މެޗުން މޮޅޫވާ ޓީމަކާ ދެކޮޅަށެވެ.

comment ކޮމެންޓް