އެމްޑީޕީގެ ސަރުކާރެއްގައި ޖުޑީޝަރީއަށް ގެނެވުނު އެންމެ ހެޔޮ ބަދަލެއް ވެސް ނެތް: ޖަމީލް

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެމްޑީޕީގެ ސަރުކާރެއްގައި ރާއްޖޭގެ ޖުޑީޝަރީއަށް ގެނެވުނު އެންމެ ހެޔޮ ބަދަލެއް ވެސް ނެތްކަމަށް ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ އެމްޑީޕީއަކީ ހެޔޮ ބަދަލަކަށް ލޯބިކުރާ ބައެއް ނޫންކަމަށެވެ.

އަދި ރާއްޖޭގެ އެއްވެސް ރައްޔިތަކު، ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއަށް އެއްވެސް ނުފޫޒެއް ފޯރުވާކަށް ނޭދޭނެކަމަށް ވިދާޅުވިއެވެ.

"މިއީ އެންމެންގެ ހައްގެއް. މާދަމާ ތިބޭފުޅުންނަށް ވެސް އިންސާފު ލިބޭނީ މި ނިޒާމު އިސްލާހުވެގެން. ދެން އަޅުގަނޑު ޑޭ ވަންގައި ވެސް މި ބުނަނީ ހަމަ ފުރަތަމަ ވެސް މި ބުނަނީ، ސިޔާސީ ބައެއްގެ މައްޗަށް އެކުލެވޭ ނިޒާމެއްގައި ސިޔާސީ ކުލަ ޖެހޭނޭ،" ޖަމީލް ވިދާޅުވިއެވެ.

އެހެންނަަމަަވެސް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތުމުން ބޭނުންވާ ކަމެއް ފާސްކުރަމުން އަންނަކަމަށް ބުންޏެވެ.

"ކީއްވެގެން ހަތަރު އަހަރުވީ އިރު ޖޭއެސްސީ [ޖުޑީޝަލް ސާވިސް ކޮމިޝަން] ބަދަލުނުކުރެވުނީ. މިހާރު މި އުޅެނީ ދަޅައެއް ދައްކައިފައި އެބަ ޕޭޕަރެއް ދައުރުކުރަމޭ، ދެން ޕޭޕަރު ގޮސް ނިމޭނީ ހުރިހާ ޝަރީއަތެއް ނިމި، ހުރިހާ ކަންތައްތަކެއް ނިމިގޮސް 2023ގެ މެދެއްހާ ހިސާބުގައޭ. ހަގީގަތަކަށް ދަންނަވާނަމަ މުޅި އެތި ގެނެސްފައި ކޮންޓްރޯލް ނަގައިގެން ކުރަން މި އުޅޭ ކަމަކީ ހަމަ ނިޔަތެއް ނެތް ސިޔާސީ ބަދަލު ހިފުމެއް ހިފުމަށް ޓަކައި ޖޭއެސްސީއަކީ އޭގެ ސޯބު ކަމަށް ހަދައިގެން، ވެހިކަލް ކަމަށް ހަދައިގެން،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އިތުރަށް ވިދާޅުވީ އިސްލާހުކުރުމުގެ ވިސްނުން ސަރުކާރުގެ ނެތްކަމަށެވެ. އަދި ރައީސް ޔާމީންގެ މައްސަަލައިން ވެސް އެ ކަން ހާމަވާކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް