ގަމު ރީޖަނަލް ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ސިއްހީ ދާއިރާގެ ކޮންފަރެންސެއް ބާއްވަނީ

ލ. ގަމު ރީޖަނަލް ހޮސްޕިޓަލް ---

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ސިއްހީ ދާއިރާގެ ކޮންފަރެންސެއް އެ އަތޮޅުގައި ބާއްވަން ނިންމައިފިއެވެ.

މި ކޮންފަރެންސަކީ އާންމު ސިއްހަތާ ގުޅުން ހުރި ކޮންފަރެންސެކެވެ.

މި ކޮންފަރެންސާ ގުޅޭ އިތުރު މައުލޫމާތު މިއަދު "ސަން"އާ ހިއްސާކުރައްވަމުން ގަން ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ސިޔާމް ވިދާޅުވީ މި ކޮންފަރެންސްއަކީ ހެލްތު މިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ބައިވެރިވުމާއެކު ބާއްވާ ކޮންފަރެންސެއްކަމަށެވެ.

"އަޅުގަނޑުމެންގެ ކޮންފަރެންސަކީ ކުރިއަށް ތަނުގައި ކޮންމެ އަހަރެއްގައި ވެސް ބާއްވާނެ ކޮންފަރެންސެއް. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން މި ބަލަނީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކުން ބައިވެރިވާނެކަމަށް،" ސިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ އެ އަތޮޅުގައި އާންމު ސިއްހަތާ ގުޅުން ހުރި ކަންކަމާ ގުޅޭ ގޮތުންކަމަށެވެ.

"މި އަތޮޅުގެ ހާލަތު ރަނގަޅުކުރުމަށް ޓަކައި ކުރެވެން ހުރި ކަންކަމާއި، ގައިން ގަޔަށް ނާރާ ބަލީގެ އަދަދު ވެސް ހަމަ އިތުރުވަމުން މި ދަނީ. އެހެންވީމާ އެ ކަންކަން ލ. އަތޮޅުގައި ހުރީ ކިހާވަރަކަށްތޯ އަދި، އެއަށް އަޅުގަނޑުމެންނަށް ބަދަލެއް ގެނެވޭނީ ކިހިނެތްތޯ ބަލާނީ. އަދި އަދަދުތައް މަދުކުރަން ޓާގެޓެއް ކަނޑައެޅުން،" ސިޔާމް ވިދާޅުވިއެެވެ.

މި ކޮންފަރެންސްގައި އެ ހޮސްޕިޓަލުންނާއި، ލ. އަތޮޅުގެ ހުރިހާ ހެލްތު ސެންޓަރުތަކަކުން ބައިވެރިވާނެއެވެ.

ހަމައެއާއެކު ރަށު ކައުންސިލްތަކުންނާއި، އަތޮޅު ކައުންސިލްތަކުން ބައިވެރިވާނެއެވެ. ހަމައެއާއެކު ބައެއް މުއައްސަސާތަކުން ވެސް ބައިވެރިވާނެއެވެ.

މީގެ އިތުރުން ގަން ރީޖަނަލް ހޮސްޕިޓަލުގެ ޚާއްސަ ދައުވަތަށް ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކަކާއި، ހުޅުމާލެ ހޮސްޕިޓަލާއި ބައެއް އަތޮޅުތަކުގެ ހޮސްޕިޓަލުތަކުން ވެސް ބައިވެރިވާނެއެވެ.

އަދި މެޑިކަލް ސަޕްލައިގައި ހަރަކާތްތެރިވާ ފަރާތްތަކުން ވެސް ބައިވެރިވާނެއެވެ.

ބައިވެރިވާން ބޭނުންވާ ހުރިހާ ހޮސްޕިޓަލްތަކަކަށް އެ ފުރުސަތު އޮންނާނެކަމަށް ގަން ރީޖަނަލް ހޮސްޕިޓަލުން ބުންޏެވެ.

ކޮންފަރެންސް އޮންނާނީ އަންނަ މަހުގެ 25އިން 29ގެ ނިޔަލަށެވެ.

comment ކޮމެންޓް