މަދަނީ އިޖުރާއަތު ގާނޫނުގެ 12 ވަނަ ތަމްރީން ޕްރޮގްރާމް ބާއްވައިފި

މަދަނީ އިޖުރާއަތު ގާނޫނުގެ 12 ވަނަ ތަމްރީން ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: ޓްވިޓަރ

ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް އަމާޒުކޮށްގެން ޖުޑީޝަލް އެކަޑަމީން ކުރިއަށް ގެންދާ "މަދަނީ އިޖުރާއަތުގެ ގާނޫނުގެ ތަމްރީން ޕްރޮގްރާމް" ގެ 12 ވަނަ ބުރު ބާއްވައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުއެވެ.

މިޕްރޮގްރާމްގެ ސެޝަންތަކުގައި މަދަނީ އިޖުރާއަތުގެ ގާނޫނުގެ ޚުލާސާއާއި، އެގާނޫނުން އަލަށް ތައާރަފްކުރި ހަމަތަކާއި، ބަދަލުތަކާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދީފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެއެވެ.

އަދި މަދަނީ މައްސަލަ ހުށަހެޅުމާއި ރަޖިސްޓްރީކުރުމާއި އިދާރީ ކަންކަމާއި، ޣައިރު ހާޒިރުގައި ހުކުމްކުރުމާއި ޝަރީޢަތް ހިންގުމަކާނުލާ މައްސަލަ ނިންމުމާ ގުޅޭގޮތުން މައުލޫމާތު ވެސް ފޯރުކޮށްދީފައިވެއެވެ. މީގެއިތުރުން އިޚްތިލާފެއްނުވާ ބާވަތްތަކުގެ މައްސަލަތައް ހިންގާނެ ގޮތާއި، ކޯޓު އަމުރު ނެރުމާއި ވަގުތީ އަމުރު ނެރުމުގެ އިޖުރާއަތުތަކުގެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.

ރ. އުނގޫފާރުގައި ބޭއްވި މި ތަމްރީން ޕްރޮގްރާމްގައި ރ، ބ، ކ، އއ، އދ އަދި ގދ ގެ ޖުޑީޝަލް ދާއިރާތަކުން ޖުމްލަ 60 ބޭފުޅުން ބައިވެރިވެފައިވެއެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނަކީ ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީއަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީއަތް ނި ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެމަދަނީ އިޖުރާއަތާބެހޭ އާންމު އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވައިލާފައިވާ ގާނޫނެކެވެ.

މިގާނޫނުގެ މަގްސަދަކީ ޝަރީއަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް އަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއްނިންމުމަށް މަގުފަހިކުރުވުމެވެ.

comment ކޮމެންޓް