ވަޢުދުވި ގޮތަށް ޝަވަންއަށް ރަނިންގް ބްލޭޑެއް ހޯދައިދީފި

ޝަވަންއާ ރަނިންގް ބްލޭޑް ހަވާލުކުރަނީ --ފޮޓޯ/މިނިސްޓާ މަހްލޫފް

ހާއްސައެހީއަށް ބޭނުންވާ ކުއްޖަކަށްވީ ނަމަވެސް، އޭނާއަކީ އެއްވެސް ކަމެއް ނުވާނެ ކުއްޖެއް ނޫންކަން އަދި ކަންކަމުގައި ފަސްޖެހޭނެ ކުއްޖެއް ނޫންކަން ސާބިތުކޮށްދީ، ދިވެހިންގެ ލޯބި ހޯދި ހދ. މަކުނުދޫ، އަހުމަދު ޝަވަން މުހައްމަދަށް ރަނިންގް ބްލޭޑޭއް ހޯދައިދީ، އޭނާއަށް އިންޑިއާގައި ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ މަގު ހޯދައިދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ޝަވަންއާ ރަނިންގް ބްލޭޑް ހަވާލުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން ---

މިކަން ހާމަކޮށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވީ، ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރާއިރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ޝަވަންއަަށް ރަނިންގް ބްލޭޑް ހަމަޖައްސާދެވުން ކަމަށެވެ.

އަދި ޝަވަން އަކީ ރާއްޖޭގެ ފުރަތަމަ ރަނިންގް ބްލޭޑް އެތުލީޓަށް ހެދުން އެއީ އަމާޒެއްކަން ހާމަކޮށް މިނިސްޓަރ މަހްލޫފް ވިދާޅުވީ، މި އަޒުމު ހާސިލްކުރުމަށް ދެން އޮތީ ޝަވަން އަށް އިންޑިއާގައި ފަރިތަކުރުން ކަމަށެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު މުހައްމަދު ވިދާޅުވީ، ޝަވަންއަށް ލިބުނު ބްލޭޑަކީ މިނިސްޓަރ އަހްމަދު މަހްލޫފާއި، ޔޫތު މިނިސްޓްރީގެ ހެޔޮއެދުންތަކާއެކު، އެ މިނިސްޓްރީން ހޯދައިދިން ފައެއް ކަމަށެވެ.

އަދި މިކަމާއި ގުޅޭ ޓެކްނިކަލް މަސައްކަތް ކުރަމުންދަނީ ޕެރަލިމްޕިކް ކޮމިޓީއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސެބިލިޓީޒް (އެމްއޭޕީޑީ) އިން ގުޅިގެން ކަމަށް އަހްމަދު މުހައްމަދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބްލޭޑު ލިބުނު ނަމަވެސް، ޝަވަންގެ ފައިގައި ހުރި މައްސަލައެއްގެ ސަބަބުން، ބްލޭޑާއި ޝަވަންގެ ފަޔާ ގުޅުވޭނީ ސޮކެޓަކަށް ލާފައި ކަމަށެވެ. އަދި މިއީ ރާއްޖެއިން ކުރެވެން އޮތް ކަމެއް ނޫން ކަމަށްވުމުން، އެކަން ކުރުމަށާއި ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތަށްޓަކައި އިންޑިއާއަށް ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އަދި މިނިސްޓްރީއާއި ޕެރަލިމްޕިކް ކޮމިޓީގެ އިތުރުން އެމްއޭޕީޑީގެ ބޭނުމަކީ ހަމައެކަނި ޝަވަންއަށް ބްލޭޑެއް ހޯދައިދިނުން ނޫން ކަމަށާއި، ބޭނުމަކީ އެއަށް ޝަވަން އަހުލުވެރިކޮށް، ބޭނުންވާ ތަމްރީނުތައް ހޯދައިދީ، މި ކަމުން ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުން ކަމަށް އަހްމަދު މުހައްމަދު ވިދާޅުވިއެވެ.

މީގެއިތުރުން މިހާތަނަށް ޝަވަންއާ ރަނިންގް ބްލޭޑް ހަވާލުކޮށް، ޝަވަންގެ ފައިގެ ކޮންޑިޝަންއާއި މެޝަމަންޓުތައް ދެނެގަނެވިއްޖެ ކަމަށާއި، އިންޑިއާއަށް ދެވެންވާއިރަށް، ޝަވަންއަށް ރަނިންގް ބްލޭޑް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެ ނިމޭނެކަމަށް އަހްމަދު މުހައްމަދު ވިދާޅުވިއެވެ. އެއަށްފަހުގައި ދެން އޮންނާނީ އެ ބްލޭޑަށް ޝަވަން އަހުލުވެރިކޮށް، ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްކަން އޭނާ ހާމަކުރެއްވިއެވެ.

"ސަން"އާ ވާހަކަދައްކަވަމުން އަހްމަދު މުހައްމަދު އިތުރަށް ވިދާޅުވީ، މިފަދަ އެހީތެރިކަމަށް ޝަވަން ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ކަމަށާއި، އެ ލިބުމުން ޝަވަންގެ މޫނުމަތިން ފެނުނު އުފާވެރިކަން ބަޔާންކޮށްދޭން އުނދަގޫ ކަމަށެވެ. އަދި ޝަވަން އަކީ އެހެން ކުދިންނެކޭ އެއްފަދައިން ކުޅިވަރު ކުޅެ، އެ ކުދިންނާއި ބައިވެރިވެގެން އުޅެން ބޭނުންވާ ކުއްޖެއްކަން މިހާރުވެސް ފާހަގަވާކަމަށް އޭނާ ވިދާޅުވިއެވެ.

އަހްމަދު މުހައްމަދު ހާމަކުރެއްވި ގޮތުގައި، މި މަސައްކަތަކީ، ކުޅިވަރާބެހޭ ވުޒާރާއާއި ޕެރަލިމްޕިކް ކޮމިޓީގެ ބޮޑު އަމާޒެއްގެ ދަށުން ކުރި މަސައްކަތެއް ކަމަށެވެ. އެއީ، މިނިސްޓާގެ ޓުވީޓުގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ޝަވަން އަކީ ރާއްޖޭގެ ފުރަތަމަ ރަނިންގް ބްލޭޑް އެތުލީޓަށް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.

ވާހަކަ ނިންމާލަމުން އަހްމަދު މުހައްމަދު ވިދާޅުވީ، ޝަވަންގެ އިތުރުންވެސް ރާއްޖޭގައި މިފަދަ ހުނަރުވެރި އެތައް ކުދިންތަކެއް ތިބޭނެކަމަށާއި، ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް، ކުޅިވަރުގައި ކުރިއަށްދާން ބޭނުންވާ ކުއްޖަކު ހުރިހަމަ، އެ ކުއްޖެއްގެ ވީޑިއޯ ކޮޅެއް ނުވަތަ އެނޫންވެސް މައުލޫމާތެއް ލިބޭނެގޮތެއް މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާ ހިއްސާކުރުމަށް އެދޭ ކަމަށެވެ. އެފަދަ ކުއްޖަކު ދެނެގަނެވިއްޖެ ނަމަ، ޕެރަލިމްޕިކް ކޮމިޓީން، ކަމާބެހޭ މުއައްސަސާ ތަކާއި އެކުގައި މަސައްކަތް ކޮށްގެން، އެ ކުއްޖަކަށްވެސް މިފަދަ ފުރުސަތުތައް ފަހި ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއް ފަޔާއެކު ފުޓްބޯޅަ ކުޅުމުން އާއްމުންގެ ސަމާލުކަން ލިބުނު، ހދ. މަކުނުދޫ، އަހުމަދު ޝަވަން މުހައްމަދަކީ، އުފެދުމުގައި ވެސް އެއްފައި ނެތް ކުއްޖެކެވެ. އޭނާގެ ކަނާތު ފައި އިންނަނީ ކަކުލާ ހަމައަށް އެކަންޏެވެ.

ޝަވަން ފުޓުބޯޅަ ކުޅެނީ --

ގިނަ ބައެއްގެ ލޮލުގައި ޝަވަން އަޅައިގަނެ، އެތައް ބައެއްގެ ލޯބި އެ މައުސޫމް ކުއްޖާ ހޯދީ، މިމަހުގެ އަށްވަނަ ދުވަހު މަކުނުދޫ ސްކޫލުން ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި ޝަވަން ކުޅޭތައް ފެންނަ ވީޑިއޯއާއި ފޮޓޯ ސޯޝަލް މީޑިއާގައި ދައުވާން ފެށުމާއެކުއެވެ.

ޖެހިގެންއައި ދުވަހު މިނިސްޓާ މަހްލޫފް ވަނީ، ޝަވަންއާއި ބައްދަލުކޮށް، ޝަވަން ކުޅިވަރު ކުޅުމަށް ބޭނުންވާނެ ޕްރޮސްތެޓިކް ފަަޔެއް ނޫންނަމަ ރަނިންގް ބްލޭޑެއް ހޯދަދޭނެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓާ މަހްލޫފް މިވަނީ އެ މަނިކުފާނުވީ ވައުދު ފުއްދަވައި، ޝަވަންއަށް ރަނިންގް ބްލޭޑެއް ހޯދައިދެއްވާފައެވެ.

comment ކޮމެންޓް