އެއްދުވަހާ އެންމެގިނަ މަސް، ބޭނުމުގެ ރެކޯޑު ބާޚިރާ ދޯނިން މުގުރާލައިފި

އެއްދުވަހެއްގެ ތެރޭ މިހާތަނަށް އެންމެގިނަ މަސް ބޭނުމުގެ ރެކޯޑު ހެދި "ބާޚިރާ" ދޯނި

ދޮށީގެ މަސްވެރިކަމުގައި އެއްދުވަހުން އެންމެގިނަ މަސް ބޭނުމުގެ ރެކޯޑު "ބާޚިރާ" ދޯނިން ޤާއިމްކޮށްފިއެވެ.

ގދ ފަރެސް މާތޮޑާ ދޯންޏެއް ކަމަށްވާ ބާޚިރާ ދޯނިން މި ރެކޯޑު ޤައިމްކޮށްފައިވަނީ 59 ޓަނު މަސް ބާނައިގެންނެވެ. ބާހިރާ ދޯނިން ބޭނި 59 ޓަނު މަހުގެ ތެރެއިން އެ ދޯނިން ވަނީ ކޫއްޑުއަށް 58.6 ޓަނުގެ މަސް ކިރުވާފައެވެ. މިކަމާ ގުޅޭގޮތުން މިފްކޯއިން މިއަދު ބުނީ ބާޚިރާ ދޯނިން 58.6 ޓަނުގެ މަސް، ކޫއްޑުއަށް ކިރުވާފައިވާއިރު، އެ ދޯންޏަށް 996،034 ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށެވެ.

ބައެއް މީޑިއާތަކާއި ވާހަކަދައްކަމުން ބާޚިރާ ދޯނީގެ ކެޔޮޅު ބުނީ ރެކޯޑް އަދަދަކަށް މިއަދު އެ ދޯނިން މަސް ބާނާފައިވަނީ އއ. އަތޮޅާ ދިލާލު ބޭރުންކަމަށެވެ.

މިހާތަނަށް އެއްދުވަހު އެންމެގިނަ މަސް ބޭނުމުގެ ރެކޯޑު އޮންނަނީ ގދ. މަޑަވެލީ "ޓީއެސް" ދޯންޏަށެވެ. މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ޓީއެސް ދޯނިން އެންމެގިނަ މަސް ބޭނުމުގެ ރެކޯޑު ހަދާފައިވަނީ 57 ޓަނު މަސް ކޫއްޑުއަށް ކިރުވައިގެންނެވެ.

ޓީއެސް ދޯނީގެ ކުރިން އެންމެގިނަ މަސް ބޭނުމުގެ ރެކޯޑު އޮންނަނީ ގދ.ތިނަދޫ "ރަސްމަގު" ދޯންޏަށެވެ. އެ ދޯނިން މި ރެކޯޑު ހަދާފައިވަނީ މީގެ 16 އަހަރުކުރިން 2006 ވަނަ އަހަރު 52 ޓަނު މަސް ބާނައިގެންނެވެ.

ބާޚިރާ ދޯންޏަކީ ރާއްޖޭގައި ދުއްވާ މަސްދޯނި ފަހަރުގެ ތެރެއިން ސައިޒުގެ ގޮތުން އެންމެ ބިޔަ ދޯނިފަހަރުގެ ތެރޭގައި ހިމެނޭ ދޯންޏެކެވެ. މި ދޯންޏަކީ 117 ފޫޓު ދިގު 1050 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ ދޯންޏެކެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެއްކަމަށް މަސްވެރިން ބުނެއެވެ.

comment ކޮމެންޓް