ލަންކާގެ އިގްތިސާދު އަލުން ކޮޅަށް ޖަހަން ކުރާ މަސައްކަތުގައި އެ ގައުމުގެ އިގްތިސާދީ ހަރަކާތްތައް ހިންގަން ރާއްޖެއިން ފައިސާގެ އެހީތެރިކަން އެ ގައުމަށް ފޯރުކޮށްދިނުމަށް ލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހަ އެދިވަޑައިގެންފިއެވެ.
ރަނިލްގެ ރަސްމީ ދައުވަތަކަށް ނައިބު ރައީސް ފައިސަލް ނަސީމް މިހާރު އެ ގައުމަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ އެމަނިކުފާނު ވަނީ ރަނިލްއާ ބައްދަލުކުރައްވައިފައެވެ.
ލަންކާއާއި ރާއްޖޭގެ ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވަމުން ރަނިލްވަނީ ރާއްޖެއިން އެ ގައުމަށް އިންވެސްޓުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
އެގޮތުން އެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި، ދަނޑުވެރިކަމަށް އިންވެސްޓުކުރުމަށް ރަނީލް އެދިވަޑައިގަތެވެ.
ހަމައެއާއެކު ކްލައިމެޓް ޗޭންޖު ޔުނިވާސިޓީއެއް ގާއިމްކުރުމުގައި ލަންކާއާއި ގުޅިގެން މަސައްކަތްކުރުމުގެ ދައުވަތު ވެސް ވަނީ ދެއްވައިފައެވެ.

ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރެއްވުން --
އެ ބައްދުލުވުމުގައިވަނީ މި ސަރަހައްދުގައި ޑްރަގްގެ ވިޔަފާރި ފުޅާވާތީ، އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރާ ގުޅޭ މަޝްވަރާތައް ވެސް ވަނީ ކޮށްފައެވެ. އަދި ލަންކާއިން ޑްރަގްގެ ވިޔަފާރި ހުއްޓުވުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ އެހީތެރިކަން ހޯދަން ވެސް މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުރުން ލަންކާގެ ރިޔާސީ ގަނޑުވަރު އަލުން މަރާމާތުކުރެވުމާއެކު ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ވެސް އެ ގައުމަށް ޒިޔާރާތްކުރެއްވުމަށް ރަސްމީ ދައުވަތެއްް ދެއްވާނެކަމަށް ރަނީލް ވިދާޅުވެފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ލަންކާގެ ރައީސްގެ ރިޔާސީ ގަނޑުވަރު އަލުން މަރާމާތުކުރަން ޖެހުނީ ޖުލައި މަހުގެ ތެރޭ އެ ގައުމުގެ ރައްޔިތުން އެ ތަނަށް ވަދެގަނެ ތަނަަށް ގެއްލުން ދިނުމުންނެވެ.
ލަންކާގައި ކުރިން އޮތް ގޮޓަބަޔަ ރާޖަޕަކްސަގެ ސަރުކާރުގެ ކޮރަޕްޝަން ބޮޑުވެ އެ ގައުމުގެ އާންމުން މަގުތަކަށް ނިކުތީ މި އަހަރުގެ މެދުތެރޭގައެވެ. އެ ގައުމު އިގްތިސާދީ ކާރިސާއެއްގެ ތެރޭ އޮތް އިރު، އެ ގައުމަށް ބޭރުގެ އެހީތެރިކަމަށްވަނީ ބޭނުންޖެހިފައެވެ.