ޒަމާނީ ފިޤުހީ މައްސަލަތަކުގެތެރެއިން: ކިރު ބޭންކު

ކިރު ބޭންކެއްގައި ހުރި ކިރު ފުޅިތަކެއް -- ފޮޓޯ/ ޑަބުލިޔުވީޕަބްލިކް.އޯގް

ކިރު ބޭންކުގެ މާނައަކީ އިންސާނުންގެ ކިރު ރައްކާކޮށްފައި ބެހެއްޓުމަށްޓަކައި ހަދާފައިހުންނަ ތަންތަނެވެ. މިފަދަ ތަންތަނަށް މީހުން ހިލޭސާބަހަށް ކިރު ހަދިޔާކޮށް އަދި ކިރު ވިއްކައި އުޅެއެވެ. މިގޮތަށް ތަފާތު މީހުންގެ ފަރާތުން އެއްކުރާ ކިރު މިފަދަ ބޭންކުތަކުގައި ރައްކާކުރުމަށްޓަކައި ފިނިކޮށްފައި (ރެފްރިޖަރޭޓްކޮށްފައި) ނުވަތަ ހިއްކާފައި ބަހައްޓައެވެ. އެއަށްފަހު ތުއްތުކުދީންނަށް މި ކިރު (މައިމީހާގެ އުރަމަތީގެ ބޭނުންކުރުމަކާނުލައި) ދީއުޅެއެވެ. ދުނިޔޭގެ ތަފާތު ގައުމުތަކުގައި ޚާއްޞަކޮށް ޔޫރަޕުގެ ގައުމުތަކުގައި މިފަދަ ކިރުބޭންކުތައް ހަދައި އެތަންތަނުގެ ބޭނުންކުރަމުންދެއެވެ.

ކިރު ބުއިމުން ކައިވެނި ޙަރާމްވުން

ޖުމްހޫރުން ދެކެވަޑައިގަންނަވާ ގޮތުގައި، އުރަމަތީގައި އަނގަޖަހައިގެން ކިރު ބުޔަސް ނުވަތަ އެއްޗަކަށް އަޅައިގެން ކިރު ބުޔަސް ކިރުގެ ސަބަބުން ކައިވެނި ޙަރާމްވާނެއެވެ. އެހެންނަވަމެސް އަހުލުއްސުންނާއިންގެ މަދު ޢިލްމުވެރިންނާއި ޝީޢާ ޖަޢުފަރިއްޔާ މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި، ކިރުގެ ސަބަބުން ކައިވެނި ޙަރާމް ވާނީ ސީދާ އުރަމަތީގައި އަނގަޖަހައިގެން ކިރު ބުއިނަމައެވެ.

ޙަނަފީންނާއި މާލިކީން އަދި ޙަންބަލީންގެ އެއްޤައުލުގައިވާގޮތުން، ކިތަންމެ މަދު މިންވަރެއްގެ ކިރު ބުއިނަމަވެސް ކިރުގެ ސަބަބުން ކައިވެނި ޙަރާމްވާނެއެވެ. އެހެންނަމަވެސް ޝާފިޢީންނާއި ޙަންބަލީންގެ އެއްޤައުލުގައިވާގޮތުން، މަދުވެގެން ފަސް ފަހަރު ކިރު ބޯންޖެހޭނެއެވެ. އަދި ޝީޢާ ޖަޢުފަރިއްޔާ މަޒުހަބުގައިވާގޮތުން، އެކި ފަހަރުމަތިން ދިހަ ފަހަރު ކިރު ބޯންޖެހޭނެއެވެ. އެހެންނޫންކަމުގައިވާނަމަ ކިރުގެ ސަބަބުން ކައިވެނި ޙަރާމެއްނުވާނެއެވެ.

ކިރުދޭ އުމުރު

ޢިލްމުވެރިން ވިދާޅުވާގޮތުގައި ކިރުގެ ސަބަބުން ކައިވެނި ޙަރާމްވާނީ އުމުރުން ދެ އަހަރު ނުވާ ކުދިންނަށް ކިރު ދިނުމުންނެވެ.

ހުއްދަނޫންކަމަށް ވިދާޅުވާ ރައުޔު

މަޖުމަޢުލް ފިޤުހުލްއިސްލާމީ އައްދުވަލީ (އިންޓަނޭޝަނަލް އިސްލާމިކް ފިޤުހު އެކެޑަމީ) އަދި މުނައްޡަމަތުއްތަޢާވުނުލްއިސްލާމީ (އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން) ގެ ޤަރާރު (1985 ވަނައަހަރުގެ 22 ޑިސެމްބަރުން 28 އަށް ބޭއްވި 2 ވަނަ ބައްދަލުވުން)

އިސްލާމްދީން ދެކެނީ ކިރު އެއީ އިންސާނާގެ ހަށިގަނޑުގައި މަސްޖަހައި ކަށި އުފެދުމަށް ނުވަތަ އިންސާނާ ހެދިބޮޑުވުމަށް ކޮންމެހެން ބޭނުންވާ އެއްޗެއް ކަމުގައެވެ. އިސްލާމްދީނުގައި ނަސަބުގެގޮތުން ޙަރާމްވާ ހުރިހައި ކަމެއް، ކިރުގެގޮތުންވެސް ޙަރާމްވެއެވެ. ހުރިހައި ފިޤުހު ޢިލްމުވެރީންވެސް މިކަމަށް އިޖުމާޢުވެވަޑައިގަންނަވައެވެ.

ހާލަތު ނިޔާކުރާގޮތުން މައިމީހާއަށް އޭނާގެ ދަރިފުޅަށް ކިރުނުދެވޭނަމަ ކިރުދިނުމަށްޓަކައި އެހެންމީހަކު (ކިރުމަޔަކު) ހޯދައިގެން އޭނާގެ ފަރާތުން އެދަރިފުޅަށް ކިރުދެވޭނެއެވެ. އެއީ އިސްލާމްދީނުގައި ހުއްކުރައްވާފައިވާކަމެކެވެ. ކިރު ބޭންކުގެ ސަބަބުން އާއިލާތައް އޮޅި ނަސަބު މަސްހުނިވެއެވެ. އެހެންކަމުން އިސްލާމީ ގައުމުތަކަށް މިބާވަތުގެ ކިރު ބޭންކުތަކަކަށް ބޭނުމެއްނުވެއެވެ. ވީމާ މައިމީހާގެ ކިރު ރައްކާކުރުމަށްޓަކައި ކިރު ބޭންކުތައް ހެދުމަކީ މަނާކަމެކެވެ. އަދި އެކަހަލަ ބޭންކުތަކަށް ކިރު ދިނުން އެއީ ޙަރާމް ކަމެކެވެ.

ޖުމުހޫރު ޢިލްމުވެރީންގެ ރައުޔު

މައިމީހާގެ އުރަމަތީގައި އަނގަޖަހައިގެން ބުޔަސް، އެކުއްޖާގެ ކަރުތެރެޔަށް އޮއްސައިގެން ނުވަތަ އިންޖެކްޝަނަކުން ކިރު އެޅިޔަސް އަދި މިނޫންކޮންމެ ގޮތަކަށްވިޔަސް އޭނާގެ ކަރުތެރަށް އެތެރެވެއްޖެއްޔާ އެއީ ކައިވެނި ޙަރާމްވާ ކިރެވެ. މިކަމުގެ ދަލީލުތަކަކީ:

ސޫރަތުއްނިސާއުގެ 23 ވަނަ އާޔަތުގައި، ކައިވެނި ޙަރާމްވާމީހުންގެތެރޭގައި (وأمهاتكم اللاتي أرضعنكم ...) "އަދި ތިޔަބައިމީހުންނަށް ކިރުދިން މައިންނާއި ..." މިފަދައިން ﷲ އަންގަވާފައިވެއެވެ. މިއާޔަތުން ދޭހަވާ ގޮތުގައި ކިރުދިންމީހާ އެވަނީ މަންމަގެ މަގާމަށް ގެންނަވާފައެވެ. މިތަނުގައި ކިރު ދެނީ ކިހިނެއްކަމެއް ބަޔާންކުރައްވާފައެއްނުވެއެވެ.

ޢާއިޝާ - ރަޟިޔަﷲ ޢަންހާ - ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ނަސަބުގެގޮތުން ޙަރާމްވާ ކަންތައްތައް، ކިރުގެގޮތުންވެސް ޙަރާމްވެއެވެ."(ބުޚާރީ: 7/11) އެކަލޭގެފާނު މިހެން ޙަދީޘްކުރައްވާފައި ވަނީ އިސްވެދިޔަ (އައްނިސާއު ސޫރަތުގެ 23 ވަނަ) އާޔަތް އިތުރަށް ތަފްސީރުކޮށްދެއްވުމަށްޓަކައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "(އާދަމުގެދަރިޔާގެ ގައިގާ) މަސް އުފެދި ކަށި އުފެދޭ ގޮތަކަށްމެނުވީ ކިރު ދިނުމެއްނުވެއެވެ."(ދާރަޤުޠުނީ: 4/173 ، ބައިހަޤީ: 7/460) އެބަހީ: ކިރަކީ އޭގެ ސަބަބުން އާދަމުގެދަރިޔާގެ ހަށިގަނޑު ހެދި ބޮޑުވާ އެއްޗެކެވެ. އެހެންކަމުން ކޮންމެ ގޮތަކަށް ކިރުދިނަސް ހަށިގަނޑު ހެދިބޮޑުވަންޏާ އެއްކިރުވުމުން ޙަރާމްވާ ކަންތައްތައް ޙަރާމްވާނެއެވެ.

ހުއްދަވާނެކަމަށް ވިދާޅުވާ ރައުޔު

ޔޫސުފުލްޤަރުޟާވީ ވިދާޅުވާގޮތުގައި، ކިރު ބޭންކުތައް ހެދުމާއި އެފަދަ ބޭންކުތަކުން ކިރު ދިނުމަކީ ހުއްދަކަމެކެވެ. އެގޮތުން އެކަމަށް ބޭނުންޖެހިފައިވާ ކުޑަކުއްޖާއަށް ކިރު ބޭންކަކުން ކިރު ދިނުމީ ޝަރީޢަތުގައި އައިސްފައިވާފަދައިން، ކިރުގެގޮތުން ކައިވެނި ޙަރާމްވާނެކަމެއްނޫނެވެ. މިކަމާގުޅޭގޮތުން ޤަރުޟާވީ ފާހަގަކުރައްވާ މައިގަނޑު ނުކުތާތައް ތިރީގައި އެވަނީއެވެ.

ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ "الرضاع" ގެ މާނައަކީ މައިމީހާގެ އުރަމަތީގައި އަނގަޖަހައިގެން ކިރު ބުއިމެވެ. އެނޫންގޮތަކަށް ކިރު ބުއިމަކަށް "الرضاع" އެކޭ ނުކިޔާނެއެވެ. ކިރު ބޭންކުތަކުގައި ހުންނަ ކިރަކީ މައިމީހާގެ އުރަމަތީގައި އަނގަ ޖަހައިގެން ބޯއެއްޗެއްނޫނެވެ. އެކިރު ކުޑަކުއްޖާއަށް ދެވޭނީ ކޮންމެވެސް އެހެން ވަސީލަތެއްގެ އެހީގައެވެ.

ކިރު ދިން ފަރާތްވަނީ ނޭނގޭ (މަޖުހޫލު) ފަރާތެއްގެ ގޮތުގައެވެ. އަދި ކުޑަކުއްޖާ ބުއީ އެމީހާ ހަދިޔާކުރި ކިރުގެ ކިހައި މިންވަރެއްކަންވެސް ވަނީ ނޭނގޭކަމެއްގެ ގޮތުގައެވެ. ކިރު ބޭންކުތަކަށް ކިރު ހަދިޔާކުރާ ފަރާތްތަކުގެ މައުލޫމާތާއި އެފަރާތްތަކުން ހަދިޔާކުރި ކިރުގެ މިންވަރު ބަލަހައްޓާ ނިޒާމެއް ނޯވެއެވެ. މި ނުކުތާއަށް ބަލާއިރު، ޖުމުހޫރުންވެސް ވިދާޅުވަނީ ކިރު ދިނީ ކާކުކަމެއް އަދި ކިހައި މިންވަރެއްކަން ނޭނގޭނަމަ ކިރުގެގޮތުން ކައިވެނި ޙަރާމެއްނުވާނެއެވެ. [ޑޯނަރުންނާއި އެފަރާތްތަކުން ހަދިޔާކުރާ ކިރުގެ މައުލޫމާތު ބެލެހެއްޓުމާ ބެހޭގޮތުން ޤަރުޟާވީ ވިދާޅުވެފައިވާ ވާހަކަފުޅު މުޅިން ރަނގަޅެއްނޫނެވެ. ކިރު ބޭންކުތަކަށް ކިރު ހަދިޔާކުރާ ފަރާތްތަކާއި އެފަރާތްތަކުން ހަދިޔާކުރާ ކިރުގެ ތަފުސީލުތައް ބަރާބަރަށް ބަލަހައްޓާ ބޭންކުތައް ބައެއް ގައުމުތަކުގައި ހުރެއެވެ. އަދި އެކިމީހުން ހަދިޔާކުރާ ކިރު މަސްހުނިވެ އޮޅުން ނާރާނެހެން އެފަދަ ބޭންކުތަކުން ބަލަހައްޓައެވެ. ސިންގަޕޫރަކީވެސް މިފަދައިން ކަންތައް ކުރާ ގައުމެކެވެ.]

ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދޭ ޙުކުމްތަކާމެދު ބޭނުންކުރައްވާ ޤާޢިދާ الأخذ بالأحوط (ޝުބުހަ އެކުލެވޭ ކަންކަމުގައި އެންމެ ރައްކާތެރި ގޮތުގައި ހިފުން) މި ޤަވާޢިދަށް އިސްކަން ނުދެއްވައި، الأخذ بالأيسر (އެންމެ ލުއި ފަސޭހަ ގޮތުގައި ހިފުން) މި ޤަވާޢިދަށް އިސްކަން ދެއްވީ ކީއްވެތޯއެވެ؟ މީގެ ޖަވާބުގައި ޤަރުޟާވީ ވިދާޅުވިއެވެ. الأخذ بالأحوط މި ޤާޢިދާ ބޮޑަށް ގުޅެނީ ފަރުދީ މަސްލަހަތު (private matters) ހިމެނޭ މައްސަލަތަކާއެވެ. އެހެންނަމަވެސް الأخذ بالأيسر އަކީ ޖަމާޢަތުގެ މަޞްލަޙަތު (public affairs) ހިމެނޭ މައްސަލަތަކާ ގުޅުން ހުރި ޤަވާޢިދެކެވެ. މިތަނުގައި ކިރު ދިނުމަކީ ފަރުދީ ކަމަކަށްވުރެ ބޮޑަށް ޖަމާޢަތުގެ މަސްލަހަތު ހިމެނޭ ކަމެކެވެ.

އިބުނު ޙަޒުމުއްޡާހިރީވެސް ވިދާޅުވަނީ ނަސަބުގެގޮތުން ޙަރާމްވާ ހުރިހައި ކަމެއް ކިރުގެގޮތުން ޙަރާމްވަނީ ކުޑަކުއްޖާ މަންމަގެ އުރަމަތީގައި އަނގަޖަހައިގެން އަނގައިން ދަމައިގެން ސީދާކޮށް ބޯ ކިރުންނެވެ. އެހެންގޮތަކަށް ބޯ ކިރަކުން ކައިވެނި ޙަރާމެއްނުވާނެއެވެ. އަދި އެހެންކަމެއްވެސް ޙަރާމެއްނުވާނެއެވެ. ތައްޓަކަށް ކިރު އަޅައިގެން ނުވަތަ ތައްޓަކަށް ކިރު އަޅާފައި އެއަށް ރޮށި ޖައްސައިގެން ކިރު ބުޔަސް ކައިވެނި ޙަރާމެއްނުވާނެއެވެ.

الليث بن سعد ވެސް ތާއީދުކުރައްވަނީ ކުރީން ބުނެވިދިޔަ ޡާހިރީ މަޒުހަބުގެ ރައުޔަށެވެ. ލައިޘް ވިދާޅުވެފައިވެއެވެ. ބޭހެއްގެގޮތުގައި ކުޑަކުއްޖަކަށް ކިރު ދިނަސް ކައިވެނި ޙަރާމެއްނުވާނެއެވެ. ޙަދީޘްގައި އައިސްފައިވަނީ މީހެއްގެ އުރަމަތީގައި އަނގަޖަހައިގެން ބޯ ކިރުގެ ވާހަކައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް