ޖޭއެސްސީގައި ސިޔާސީ މީހުން ތިބުން އެ ކޮމިޝަނަށް މައްސަލައެއް ނޫން!

ޖޭއެސްސީގެ ބައެއް މެންބަރުން: އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް ހުރުހާ ފަރާތްތަކުން ވެސް އިއްތިފާގުވޭ --- ފޮޓޯ/ ޖޭއެސްސީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ މީހުން ތިބުމަށް ޝަރުއީ ދާއިރާ އާއި ގިނަ ރައްޔިތުން ވެސް ދެކޮޅުކަން ހާމަކުރި ނަމަވެސް އެއީ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް އެ ކޮމިޝަނުގައި މިހާރު ތިބި މެންބަރުން ބުނެފިއެވެ.

ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ މަސައްކަތުގެ ތެރެއިން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް ކުރިއަށްގެންދިޔަ މަޝްވަރާއާއި، ކަމާގުޅޭގޮތުން ކޮށްފައިވާ ދިރާސާގެ އަލީގައި "ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުން" މި ނަމުގައި އެކުލަވާލާފައިވާ ކަރުދާހެއް، މިއަދު ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުން އާންމު ކޮށްފައެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމާ ގުޅޭގޮތުން ކުރިއަށްގެންދިޔަ އެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ބައިވެރިވެފައިވަނީ, ޝަރުއީ ދާއިރާ އާއި ގާނޫނީ ފަންނުގެ ދާއިރާ އަދި މަދަނީ ޖަމިއްޔާތަކުންނެވެ.

އެގޮތުން ސުޕްރީމް ކޯޓާއި ހައިކޯޓުގެ އިތުރުން ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކާއި ޖޭއެސްސީއާ ބާ ކައުންސިލް އަދި ގާނޫނީ ވަކީލުންގެ ޚިޔާލު ވެސް ހޯދާފައިވެއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ޖެހޭ ކަމާ މެދު އެއްވެސް ފަރާތަކުން ސުވާލު އުފައްދާފައިނުވާއިރު, ހުރިހާ ކޯޓުތަކަކުން ވެސް އިއްތިފާގުވެފައިވަނީ އެ ކޮމިޝަނުގައި ސިޔާސީ މީހުން ތިބުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރައްވާ ފަރާތްތަކަކީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ފަދަ ފަރާތްތައް ކޮމިޝަނުގައި ނުހިމެނޭ ގޮތަށް ހަމަޖެއްސުން ރަނގަޅުވެދާނެކަމަށް ފާހަގަކުރެއްވި," ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އެކު ކުރި މަޝްވަރާތަކުން ފާހަގަވި ކަންތައްތައް ހާމަކޮށް އެ ކަރުދާހުގައި ބުނެފައިވެއެވެ.

ކޮމިޝަންގެ މެންބަރުން އައްޔަނުކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެ ކަމަށާއި މެންބަރުން ހޮވުމަށް ހަރުދަނާ ނިޒާމެއް ގާއިމްކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

ޖޭއެސްސީގައި ފަނޑިޔާރުން ތިބެން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ދެކުނު ނަމަވެސް މެންބަރުންގެ އަޤްލަބިއްޔަތަކީ ފަނޑިޔާރުން ކަމުގައި އޮވެގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ. އެއީ ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމަށް ފަނޑިޔާރުން ޖެހިލުންވުމުގެ ފުރުސަތު އޮވެދާނެތީއެވެ.

ޝަރުއީ ދާއިރާއެކޭ އެއްގޮތަށް ހިޔާލު ފާޅުކުރެއްވި ގިނަ އާންމު ރައްޔިތުން ވެސް ބުނެފައިވަނީ ޖޭއެސްސީގައި ސިޔާސީ މީހުން ތިބުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ޖޭއެސްސީން ދެކޭ ގޮތުގައި އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރަން ޖެހޭނީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށެވެ. އެގޮތުން ފަނޑިޔާރުންނާއި ފަނޑިޔާރުން ނޫން ފަރާތްތަކާ ދެމެދު ރަނގަޅު ބަލެންސެއް އޮންނަން ވާނެ ކަމަށް އެ ކޮމިޝަނުގައި މިހާރު އެކުލެވޭ މެންބަރުން ވަނީ ބުނެފައެވެ.

ޖޭއެސްސީ އެކުލެވިފައިވާ ގޮތް އިސްލާހުކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ކޮމިޝަނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާއަކަށް ހެދުން ކަމަށްވާއިރު ކޮމިޝަނުގައި ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތައް ހިމެނުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެ ކަމަށް އެ މެމްބަރުން ބުނެއެވެ. ނަމަވެސް ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތައް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިބުމަކީ އޭގެ ޒާތުގައި ކޮމިޝަންގެ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރާނެ ކަމެއް ނޫން ކަމަށް ވެސް މިހާރު ތިބި ޖޭއެސްސީގެ މެންބަރުން ވަނީ ބުނެފައެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާގޮތް

  1. ރައްޔިތުންގެ މަޖިލީހުގެ ރައީސް
  2. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް
  3. ރައީސުލްޖުމްހޫރިއްޔާގެ މެންބަރު
  4. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް
  5. ހައިކޯޓުގެ ފަނޑިޔާރެއް
  6. ދަށު ކޯޓެއްގެ ފަނޑިޔާރެއް
  7. އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު
  8. ސިވިލްސާވިސް ކޮމިޝަނުގެ ރައީސް
  9. އެޓާނީ ޖެނެރަލް
  10. ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ބޭފުޅެއް

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ އެމްޑީޕީގެ ރިޔާސީ ވައުދަކަށްވާއިރު، އެ ކަންކުރަން ސަރުކާރުން ބޭނުން ނުވާ ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.

އެ ކޮމިޝަން އެކުލެވިގެންވާގޮތް ބަދަލުކުރަން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވަނީ ދެ ފަހަރެއްގެމަތިން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފައެވެ. ނަމަވެސް އެމްޑީޕީ މެންބަރުންގެ ތާއީދު ނުލިބުމުން ކޮންމެ ފަހަރަކު ވެސް އެ ބިލް މަޖިލީހަށް ބަލައިގަތުމަށް ފާހެއް ނުވެއެވެ.

comment ކޮމެންޓް