މަސް ދޯނިފަހަރުގައި މަސްވެރިކަން ކުރުމުގައި ބިދޭސީން ހަރަކާތްތެރިވުމުގެ ހުއްދަ ސަރުކާރުން އިއްޔެ ދީފިއެވެ.
ހުއްދަ ނެތި މަސް ދޯނި ފަހަރުގައި ބިދޭސީން އުޅުމަކީ ޒަމާންވީ މައްސަލައެކެވެ. ކުރީގެ ގަވައިދުގައިވާ ގޮތުން ބިދޭސީއަކަށް މަސްވެރިކަން ކުރާ ދޯންޏެއްގައި އުޅެވޭނީ އުުޅަނދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ފަޅުވެރިންނަށް ކެއްކުން ފަދަ މަސައްކަތްތައް
ކުރުމަށް ޓަކައި އެންމެ ގިނަވެގެން ދެ ބިދޭސީންނަށެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ ކަނޑު މަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވައިދަށް އިއްޔެ އިސްލާހު ގެނެސް ބިދޭސީން މަސްވެރިކަން ކުރުން ހުއްދަކޮށްފައެވެ.
ކުރީގެ ގަވައިދުގެ 18ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން ބިދޭސީންނަށް އެއްވެސް މިންވަރަކަށް މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވުމަކީ މަނާކަމެކެވެ.
ނަމަވެސް އިއްޔެ އަލުން ގަވައިދު އިސްލާހުކުރިއިރު 18ވަނަ މާއްދާގެ (ހ)ވަނީ އުނިކޮށްފައެވެ. އެހެންކަމުން މަސްވެރިކަން ކުރަން ދެން ބިދޭސީންނަށް ވެސް އުޅެވޭނެއެވެ.
އަލަށް އިސްލާހުކުރި ގަވައިދުގައިވަނީ މަސްވެރިކަން ކުރާ ދޯނިފަހަރުގައި ބިދޭސީން ގެންގުޅެވޭނެ އަދަދު އިތުރުކޮށް، ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން މިހާރު ގަވައިދުގައިވާ ގޮތުން، 15 މީޓަރަށް ވުރެ ކުދި އުޅަނދުފަހަރުގައި ގިނަވެގެން ހަތަރު ބިދޭސީން ގެންގުޅެވެއެވެ.
އުޅަނދުގެ ބޮޑުމިން 15 މީޓަރާއި، 24 މީޓަރަށް ފެތޭނަމަ ގިނަވެގެން ހަ ބިދޭސީން ގެންގުޅެވޭނެއެވެ.
އުޅަނދުގެ ބޮޑުމިން 24 މީޓަރަށްވުރެ ބޮޑުނަމަ ގިނަވެގެން އަށް ބިދޭސީންނަށް އޭގައި ހަރަކާތްތެރިވެވޭނެއެވެ.
މަސްވެރިކަން ކުރަން ބިދޭސީން ގެންގުޅެވޭނީ ސަރުކާރުން ދޭ ކޯޓާ ހޯދައިގެންނެވެ.
ހަމައެއާއެކު އެ މަސައްކަތުގައި އުޅޭ ބިދޭސީންނަށް ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތަށް މުސާރައާއި އިނާޔަތްތައް ދޭން ވެސް ވަނީ މަޖުބޫރުކޮށްފައެވެ.
މަސްވެރިކަމަކީ ފެށުނީއްސުރެ ވެސް ދިވެހީން ހަރަކާތްތެރިވަމުން އަންނަ ސިނާއަތެކެވެ. އެ ދާއިރާއަަށް ދިވެހި ޒުވާނުން ޝައުގުވެރިކުރުވައި ދިވެހީން އިތުރުކުރުމަށް މަސައްކަތްތަކެއް މަދުން ނަމަވެސް ކުރެވެއެވެ
ބިދޭސީން ސީދާ އެ މަސައްކަތް ކުރުން މަނާކޮށްފައިވަނީ އެ ސިނާއަތުގައި ދިވެހީންނަށްވުރެ ބިދޭސީން އިތުރުވެ ދިވެހީންގެ ކަމެއްގެ ގޮތުގައި އޮތް އޮތުން ގެއްލިދާނެތީއެވެ.