އިންޑިއާގައި ޑިޖިޓަލް ރުޕީސް ބޭނުންކުރަން ފަށަނީ

އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ -- ފޮޓޯ/ ރޮއިޓާސް

އިންޑިއާގައި މިއަދު ޑިޖިޓަލް ރުޕީސް ބޭނުންކުރަން ފަށައިފިއެވެ.

އިންޑިއާގައި މިއަދު ޑިޖިޓަލް ރުޕީސް ނުވަތަ އީ-ރުޕީ ތައާރަފު ކުރީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި)އިންނެވެ.

އިންޑިއާގެ މަރުކަޒީ ބޭންކް އާރުބީއައި އިން އެ ފައިސާ ތައާރަފު ކުރީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި އައިސީއައިސީއައި ބޭންކާއި ޔެސް ބޭންކް އަދި މުމްބާއީއާއި ނިއު ދިއްލީއާއި ބެންގަލޫރާއި ބުބުނޭޝްވަރުގެ އައިޑީއެފްސީ ފަސްޓް ބޭންކުތަކާ ގުޅިގެންނެވެ.

އާރްބީއައި އިން ބުނީ ޑިޖިޓަލް ރުޕީސްގެ ޚިދުމަތް ޓެސްޓު ކުރުމުގެ ގޮތުން އަދި ދޭނީ ވަކި ބަޔަކަށް ކަމަށެވެ. އެގޮތުން މިވަގުތު ޑިޖިޓަލް ރުޕީސް ބޭނުން ކުރެވޭނީ ވަކި ސަރަހައްދުތަކެއްގައި ދިރިއުޅޭ އަދި އާރްބީއައި އިން އެކަމަށް ފުރުސަތުދޭ ބަޔަކަށެވެ.

ޑިޖިޓަލް ރުޕީސް ނުވަތަ އީ-ރުޕީ އަކީ ކޮބާ؟

ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި)އިން ބުނީ އީ-ރުޕީއަކީ ފައިސާގެ ގޮތުގައި ބޭނުން ކުރަން ގާނޫނީ ގޮތުން ހުއްދަ ދީފައިވާ، ޑިޖިޓަލް ފައިސާ ކަމަށެވެ. އަދި ކޮންމެ ޑިޖިޓަލް ރުޕީއެއް ވެސް ލިބޭނީ، އިންޑިއާގައި ކަރުދާސް ފައިސާ ނުވަތަ ނަގުދު ފައިސާ ހުންނަ އަގުތަކުގައެވެ. އެގޮތުން އެއް ރުޕީގެ ޑިޖިޓަލް ފައިސާ އާއި ފަސް ރުޕީސްގެ ޑިޖިޓަލް ފައިސާއިން ފެށިގެން ގޮސް، ނަގުދު ފައިސާގައި ޖަހާފައި ހުންނަ އަދަދުތަކަށް އީ-ރުޕީ ލިބޭނެއެވެ.

ޑިޖިޓަލް ރުޕީ ބޭނުން ކުރާނީ ކިހިނެއް؟

އާރްބީއައިއިން ބުނީ ޑިޖިޓަލް ރުޕީސް ނުވަތަ އީ-ރުޕީ ބަހާނީ ބޭންކުތައް ފަދަ ފައިސާގެ މުއާމަލާތްތައް ހިންގާ މަރުކަޒުތައް މެދުވެރިކޮށް ކަސްޓަމަރުންނާއި ވިޔަފާރިވެރިންނަށް ކަމަށެވެ. އަދި ޝަރުތު ހަމަވާ ބޭންކުތަކުން ދޭ ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް އީ-ރުޕީއިން މުއާމަލާތްކޮށް، މޮބައިލް ފޯނު ނުވަތަ ޑިވައިސްތަކުގައި ރައްކާކުރެވޭނެއެވެ.

ޑިޖިޓަލް ރުޕީގެ މުއާމަލާތް ދެ މީހެއްގެ ދެމެދުގައާއި މީހަކާއި ވިޔަފާރިއެއްގެ ދެމެދުގައި ވެސް ކުރެވޭނެ ކަމަށް އާރުބީއައިއިން ބުންޏެވެ. އެގޮތުން އޮންލައިން ޓްރާންސެކްޝަންތައް ކުރާ ފަދައިން، ވިޔަފާރިވެރިން ފޯރުކޮށްދޭ ކިއުއާރް ކޯޑްތައް ބޭނުންކޮށްގެން އީ-ރުޕީއިން ފައިސާ ދެއްކޭނެއެވެ.

މީގެ އިތުރުން، ނަގުދު ފައިސާ ފަދައިން ބޭންކުތަކުގައި ޑިޕޮސިޓް ކުރުމާއި އެހެން ބާވަތްތަކުގެ ފައިސާއަށް ބަދަލު ކުމުރުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އާރުބީއައި އިން ބުންޏެވެ.

އާރްބީއައިއިން ބުނީ ޑިޖިޓަލް ރުޕީސް ޓެސްޓު ކުރާއިރު، އެ ބާވަތުގެ އުފެއްދުމާއި މީހުންނަށް ފޯރުކޮށްދިނުމާއި ވިޔަފާރީގައި ބޭނުން ކުރުމުގެ ހުރިހާ މަރުހަލާއެއްގެ ހަރުދަނާކަން ބަލާނެ ކަމަށެވެ. އަދި މި ޓެސްޓުގެ ނަތީޖާއަށް ބެލުމަށް ފަހު އިތުރު ޓެސްޓުތައް ވެސް ކުރިއަށްގެންދާނެ ކަމަށް އާރްބީއައިއިން ބުންޏެވެ.

ޝަރުތު ހަމަވާ ބޭންކްތަކާއި ސިޓީތަކުގެ ލިސްޓު؟

އާރުބީއައި އިން ބުނީ ޑިޖިޓަލް ރުޕީ ތައާރަފު ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ފިޔަވަހި ފަށާނީ ހަތަރު ބޭންކެއް ކަމަށްވާ ސްޓޭޓް ބޭންކް އޮފް އިންޑިއާ، އައިސީއައިސީއައި ބޭންކް، ޔެސް ބޭންކް އަދި އައިޑީއެފްސީ ފަސްޓް ބޭންކާ ގުޅިގެންނެވެ. އަދި މުމްބާއީއާއި ނިއު ދިއްލީާއި ބެންގަލޫރާއި ބުބުނޭޝްވަރުގައި ފުރަތަމަ ޚިދުމަތް ދޭނެއެވެ.

އެއަށް ފަހު، ބޭންކް އޮފް ބަރޯދާއާއި ޔޫނިއަން ބޭންކް އޮފް އިންޑިއާ އާއި އެޗްޑީއެފްސީ ބޭންކައި ކޯޓާކް މަހިންދުރާ ބޭންކާ ގުޅިގެން ވެސް އީ-ރުޕީގެ ޚިދުމަތް ދޭނެއެވެ.

މި ޕްރޮޖެކްޓްގެ ދެން އޮތް ފިޔަވަހީގައި އަހްމަދުއާބާދު، ގަންގްޓޮކް، ގުވަހާޓީ، ހައިދަރުއާބާދު، އިންދޯރު، ކޮޗިން، ލަކްނޫ، ޕަޓްނާ އަދި ޝިމްލާ ފަދަ އިންޑިއާގެ އިތުރު ގިނަ ސިޓީތަކަށް އެ ޚިދުމަތް ފުޅާކުރާނެއެވެ. އަދި އެންމެ ފަހު މަރުހަލާގައި މި ޚިދުމަތް އިންޑިއާގެ އެހެން ހިސާބުތަކަށް ވެސް ތައާރަފް ކުރާނެ ކަމަށް އާރުބީއައި އިން ބުނެފައިވާ އިރު، ރަސްމީކޮށް އެންމެންނަށް ޑިޖިޓަލް ރުޕީސް ތައާރަފު ކުރާނެ ތާރީޚެއް އެ ބޭންކުން ހާމަނުކުރެއެވެ.

ޑިޖިޓަލް ރުޕީސް ތައާރަފް ކުރުމުގެ ވާހަކަ އާރްބީއައި އިން ދައްކަމުން އަންނަތާ ގިނަ ދުވަސްތަކެއްވެއްޖެއެވެ. ޑިޖިޓަލް ރުޕީސްއާއެކު، އާރުބީއައިގެ އެންމެ ބޮޑު އުންމީދަކީ ކައިރި މުސްތަގުބަލެއްގައި ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީ (ސީބީޑީސީ)އެއް ރަސްމީކޮށް ތައާރަފްކުރުމެވެ.

comment ކޮމެންޓް