އިންޑިއާއިން ދިން 100 މިލިއަން ޑޮލަރުގެ ލޯނަކީ މިވަގުތަށް ލިބުނު ވަގުތީ ހައްލެއް: ރައީސް ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިންޑިއާ ސަރުކާރުން ރާއްޖޭގެ ބަޖެޓް ސަޕޯޓަށް ދިން 100 މިލިއަން ޑޮލަރުގެ ލޯނަކީ މިވަގުތަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއްކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތުން އަރައިގަތުމަށް އަވައްޓެރި އިންޑިއާއިން މިއަދު ރާއްޖެއަށް ދިން 100 މިލިއަން ޑޮލަރުގެ ލޯނާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓުގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ، އިންޑިއާއިން ދިން 100 މިލިއަން ޑޮލަރަކީ ރާއްޖޭގެ ނެތެމުންދާ ބޭރު ފައިސާގެ ރިޒާވަށް ލިބުނު ވަގުތީ ހައްލެއްކަމަށާއި، އެކަމަށް އިންޑިއާ ސަރުކާރަށް ޝުކުރުވެރި ވާކަމަށެވެ.

އިންޑިއާ ސަރުކާރުން ދިން ލޯނަށް ރައީސް ނަޝީދު މިއަދު ޝުކުރު އަދާކުރައްވާފައިވާއިރު، ދައުލަތުގެ މިހާރު ހުރި ދަރަނިތައް މުރާޖައާ ނުކޮށް ޓީބިލާއި ބޮންޑް ވިއްކާނަމަ އެކަމުގެ ތަކުލީފު ފަހުން ބޮޑު ވާނޭކަމަށް މީގެ ކުރިން ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

މަރުކަޒީ ބޭންކްގެ ޕަބްލިކް އެކައުންޓް އޯވާޑްރޯކުރުމުގެ ހުއްދަ ދިނުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅޭގޮތުން މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެކިއެކި ކަންކަމަށް ބޭރުގެ އެކިއެކި އިދާރާތަކުންނާއި ބޭންކުތަކުން ނަގާފައިވާ ދަރަނިތައް ދެއްކުމަކީ މިހާރު ސަރުކާރަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށެވެ.

ނަގަމުންދާ ޖުމްލަ ދަރަނިތަކަށް ބަލާއިރު، އެހާވަރަށް ދައުލަތަށް އާމްދަނީ ލިބެމުން ނުދާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މިގޮތުން ކުރިއަށް އޮތް ތަނުގައި ދައުލަތަށް ވަރަށް ބޮޑު އާމްދަނީއެއް ލިބިގެން ނޫނީ ދަރަނިތައް އަދާނުކުރެވޭނޭކަމަށްވެސް ރައީސް ނަޝީދު ވަނީ އެދުވަހުގެ ޖަލްސާގައި ވިދާޅުވެފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ބުނާގޮތުގައި އިންޑިއާ ސަރުކާރުން މިފަހަރު ދިން 100 މިލިއަން ޑޮލަރުގެ ލޯނަކީ، ކޮވިޑްގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށްޓަކައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެދިލެއްވުމުގެ މަތިން އިންޑިއާއިން ދިން އެހީއެކެވެ.

އިންޑިއާއިން އެ 100 މިލިއަން ޑޮލަރު ދެނީ އެސްބީއައިއަށް ދޫކުރާ ޓްރެޝަރީ ބޮންޑް ސޭލްއެއް މެދުވެރިކޮށް ކަމަށްވާއިރު، ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ވިއްކާ ޓީ ބިލާއި ޓީ ބޮންޑުތަކަށް ދައްކަންޖެހޭ އަދަދު މިހާރުވެސް 65 ބިލިއަން ރުފިޔާއަށް އަރާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް