ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އިން ބަޖެޓާ މެދު ކަންބޮޑުވުން ފާޅުކޮށް، މިހާރު ސަބްސިޑީ ދެމުންދާ ގޮތް މުރާޖައާ ކުރަން ގޮވާލައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެއެވެ. ބަޖެޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 69 މެމްބަރުންގެ ތެރެއިން 61 މެމްބަރުންގެ ވޯޓާއެކުއެވެ.
އެމްއާރުއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކީ އުއްމީދީ ބަޖެޓެއް ނަމަވެސް، ބަޖެޓުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށެވެ.
އެގޮތުން ބަޖެޓާއެކު ފާސްކޮށްފައިވާ 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓަކީ ވަކިން ހުށަހަޅައި، ފާސްކުރަން ޖެހޭ ބަޖެޓެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، ނަމަވެސް ފާއިތުވި އަހަރުތަކާއި މި އަހަރު ވެސް ހުށަހެޅި ބަޖެޓުގެ ތެރޭގައި ސަޕްލިމަންޓްރީ ބަޖެޓް ހިމެނޭކަމަށް އެޕާޓީގެ ބަޔާނުގައިވެއެވެ.
އެމްއާރުއެމުން ވަނީ، ފާއިތުވި އަހަރުތަކުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓާއި ރިވައިސް ކޮށްގެން ފާސްކުރި ބަޖެޓާ އަހަރު ނިމޭއިރު ކޮށްފައި ހުންނަ ޚަރަދުތަކާ ދިމާނުވާ ކަމަށް ބުނެފައެވެ.
އެގޮތުން، 2010 ވަނަ އަހަރާއި، 2011، 2013، 2016 އަދި 2020 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އަދަދަށްވުރެ އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް އެޕާޓީން ބުނެފައިވެއެވެ. އަދި، މިއަހަރު ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓުގައި 5.8 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އެ ޚަރަދުތަކުގެ އެކަށީގެންވާ މިންވަރަށް ތަފްސީލު ދެއްވައިފާ ނުވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ 2.5 ބިލިއަން ރުފިޔާއާއި ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރުމަށް ބޭރުގެ ފަރާތްތަކުން ލޯނު އަދި ބޮންޑުގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައި އޮތުމުން، އެ އަދަދަށް ފައިސާ ލިބިދާނެ ކަމާމެދުވެސް އެޕާޓީން ސުވާލު އުފައްދައިފައިވެއެވެ.
މި ފައިސާ އެހީގެ ގޮތުގައި ނުލިބިއްޖެ ނަމަ، ޚަރަދުތައް ފޫބެއްދުމަށް ޓަކައި ފައިސާ ހޯދޭނެ ގޮތަކީ ޑޮމެސްޓިކް މާކެޓުން ލޯނުގެ ގޮތުގައި ފައިސާ ހޯދުން. މިހާރުވެސް ޑޮމެސްޓިކް މާކެޓުން ދަރަންޏަށް ފައިސާ ނުލިބި މަރުކަޒީ ބޭންކުން ދެ ބިލިއަން ރުފިޔާ ޗާޕު ކުރުމުން، ދިވެހި ފައިސާގެ އަގު ވެއްޓި ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އެތައް ގުނައެއް ވަނީ ބޮޑު ވެގެން ގޮސްފަ. އެމްއާރްއެމް
މާލީ އިދާރާތަކުން ލަފާދީފައިވާ ގޮތަށް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، ޚަރަދު ކުޑަކުރަން ސަބްސިޑީގެ ގޮތުގައި ދޭ ފައިސާ، ޓާގެޓް ސަބްސިޑީސްއަށް ބަދަލުކޮށް، ޓާގެޓް ސަބްސިޑީ ދޭނެ ގޮތެއް ރޭވުމަށް އެޕާޓީން ވަނީ ގޮވާލާފައެވެ. އަދި ނިކަމެތިންނާ އެއް ހަމަޔަކުން މުއްސަދިންނަށް ސަބްސިޑީ ލިބޭ ގޮތަށް އޮންނަ އުސޫލު މުރާޖައާކޮށް ހައްގުވެރިންނަށް ސަބްސިޑީ ލިބޭނެ ގޮތް ހެދުމަށް ވެސް އެ ޕާޓީން ގޮވާލިއެވެ.
ދައުލަތުން ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާފައިވާ ގޮތާމެދު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާހެން ގިނަ އަދަދެއްގެ މެމްބަރުންވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. ބަޖެޓް ފާސް ކުރަން ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުން ވޯޓެއް ވެސް ނުދެއްވައެވެ.