ސްޓެލްކޯއިން މާލެ ސަރަހައްދަށް ކަރަންޓު ދޭން އަގުނަގާ ރޭޓާއި ފެނަކައިން ރާއްޖޭގެ އެހެން ރަށްރަށަށް ކަރަންޓް ފޯރުކޮށްދޭ އަގު ހަމަހަމަކުރުމަށް ހަ މަސް ދުވަހުގެ މުހުލަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ނިންމި ނިންމުން މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ.
އިއްޔެ ބޭއްވި މަޖިލީހުގެ މިދައުރުގެ އެންމެ ފަހު ޖަލްސާގައި އެގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 56 މެމްބަރުންގެ އަޣުލައްބިޔަތުންނެވެ.
އެގަރާރުގައި ބުނެފައިވަނީ 200 ޔުނިޓާއި 300 ޔުނިޓާ ދެމެދުގެ ވަރަކަށް ކަރަންޓް ބޭނުންކުރާނަމަ، މާލެއިން 3.65 ރުފިޔާ ނަގާއިރު، ފެނަކައިން ކަރަންޓްދޭ ރަށްރަށުގައި ހަ ރުފިޔާ ނަގާ ކަމަށެވެ. ފެނަކައިން 100 ޔުނިޓާ 200 ޔުނިޓާ ދެމެދުގެ ބޭންޑަށް 3.75 ނަގާއިރު، މާލޭގައި ނަގަނީ 3.35 ރުފިޔާއެވެ.
ގަރާރާ ގުޅިގެން ކޮމިޓީން ވަނީ ފެނަކައާއި ސްޓެލްކޯގެ އިތުރުން އެމްޑަބްލިއުއެސްސީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ލަފާވެސް ހޯދާފައެވެ.
މާލެ ސަރަހައްދާ އަޅާބަލާއިރު، ރާއްޖޭގެ އެހެން ރަށްރަށުގައި ސަރުކާރުގެ އިމާރާތްތަކާއި ވިޔަފާރިތައް ވަރަށް ބޮޑު ތަނުން މަދުކަމާއި، ގޭބިސީތަކަށް ނުއަގުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ވިއްކައިގެން ލިބޭ ގެއްލުން ދެކޮޅު ޖެއްސުމުގެ ފުރުސަތު ރަށްރަށުގައި ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ.
ކަމާބެހޭ ފަރާތްތަކުގެ ލަފާ ހޯދުމަށް ފެނަކަ އާއި ސްޓެލްކޯގެ އިސްވެރިން ކޮމިޓީއަށް ހާޒިރު ކުރުމުން ވިދާޅުވީ، އެ ގަރާރު ފާސްކޮށްފިނަމަ ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތި ވާނެ ކަމަށެވެ. އެގޮތުން، ގަރާރު ފާސްކޮށްފިނަމަ ސްޓެލްކޯއަށް އަހަރަކު 35 މިލިއަން ރުފިޔާ، އަދި ފެނަކައަށް އަހަރަކު 41.2 މިލިޔަން ރުފިޔާ ގެއްލޭނެ ކަމަށް އެކުންފުނިތަކުން ބުނެފައިވެއެވެ.
އެހެންކަމުން، އަގުތައް އެއް ހަމަ ކުރުމަށް ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ކަނޑައަޅައި ކޮމިޓީން ވަނީ ތިން ހުށަހެޅުމެއް ފާސްކޮށްފައެވެ.
އެގެތެރޭގައި ހިމެނެނީ ސީދާ ޓެރިފަށް ކުރާ އަސަރު ދެނެގަނެ ކަރަންޓުގެ ޚިދުމަތް ހަމަހަމަ ގޮތެއްގައި ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ފުރިހަމަ ޓެރިފް ރިވިއުއެއް ހެދުމާއި، ކަރަންޓު ދިނުމަށް ބޭނުންކުރާ ވަސީލަތްތައް އިތުރުކޮށްގެން ޓެރިފް ރޭޓުތައް ކުޑަކުރުމަށް ކުރެވެން ހުރި މަސައްކަތްކުރުން، އަދި ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް ބިލުކުރުމުގައި އެއްހަމަކުރުމުގެ މަސައްކަތް އަންނަ އަހަރު ޖޫންގެ ނިޔަލަށް ނިންމުމެވެ.
ރަށްރަށަށް ފޯރުކޯށްދޭ ކަރަންޓުގެ އަގު މާލެ ސަރަހައްދާ ހަމަހަމަކުރުމަށް ނިންމާފައިވަނީ ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ދޭ ރަށްރަށުގައި ވިޔަފާރިތަކުން ބޭނުންކުރާ ކަރަންޓަށް ބިލުކުރާ ރޭޓް ބޮޑުކަމުންނާއި އެކަމުގައި މާލެއާއި އެ ރަށްތަކާ ތަފާތުކުރާކަމުގެ ޝަކުވާ ވިޔަފާރިކުރާ ފަރާތްތަަކުން ކުރާ ކަމަށް ބުނެއެވެ.
މި ގަރާރު ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާނެވެ.