ބޮޑު ކުށެއް ކޮށްފިނަމަ ވަކީލުކަން ކުރުމުގެ ހުއްދަ ބާތިލު ކުރާ ބިލު އަނބުރާ ކޮމިޓީއަށް

ފެބްރުއަރީ 15، 2021: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ވަރުގެ ބޮޑު އަމަލެއް ކުރިކަން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސާބިތުވެއްޖެނަމަ ވަކީލުކަން ކުރުމުގެ ހުއްދަ ބާތިލްކުރުމަށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާފައިވަނީ އެ ބިލު ޖުޑީޝިއަރީ ކޮމިޓީން ފާސް ކުރިގޮތް މަޖިލީހުން ބަލައިނުގަތުމާ ގުޅިގެންނެވެ. އެގޮތުން ކޮމިޓީން ހުށަހެޅި އިސްލާހާއެކު ބިލު ފާސް ނުކުރުމަށް 49 މެމްބަރަކު ވޯޓު ދެއްވިއެވެ. އެ ބިލު ފާސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.

އެއާއެކު ބިލު އަނބުރާ ކޮމިޓީއަށް ވޯޓަށް އެހުމުން އެ ބިލު ކޮމިޓީއަށް ފޮނުވުމަށް ވޯޓުގައި ބައިވެރިވެވަޑައިންނެވި 49 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހެޅުއްވި އިސްލާހުގައި ވަނީ ފަނޑިޔާރުކަމުގެ މަގާމުގައި ހުރި ބޭފުޅަކު ކުރި އަމަލަކީ، އޭގެ ސަބަބުން ފަނޑިޔާރުކަމުގެ މަގާމުގެ އަދި ޝަރުއީ ދާއިރާގެ އިތުބާރުގެއްލޭފަދަ ބޮޑު އަމަލަކަށް ޖޭއެސްސީން ކަނޑައަޅާފައިވާ އަމަލެއްކަމުގައި ސާބިތުވެއްޖެނަމަ، ވަކީލު ކަމުގެ ހުއްދަ ބާތިލްކޮށްލެވޭނެ ކަމަށެވެ.

ދެވަނަ ފަހަރަށް ވަކީލުކަން ކުރުމުގެ ފުރުސަތެއް މިފަދަ ކުށެއް ސާބިތުވެއްޖެނަމަ އެވަކީލަކަށް ނުލިބޭނެ ކަމަށް ވެސް އެ އިސްލާހުގައިވެއެވެ.

ނަމަވެސް ކުދިކުދި މައްސަލައާ ހެދި ވަކީލުކަމުން ވަކިކޮށް ވަކީލުކަން ކުރުމުގެ ހުއްދަ ބާތިލްކޮށްފައިވާނަމަ، އެ މަގާމުން ވަކިކުރި ތާރީޚުން ފެށިގެން ފަސް އަހަރު ދުވަސް ފާއިތުވުމަށްފަހު، ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދައަށް އަލުން ހުށަހެޅިދާނެ ކަމަށް ވެސް އެ އިސްލާހުގައިވެއެވެ.

އެ ބިލު ދިރާސާކުރި ޖުޑީޝިއަރީ ކޮމިޓީން ވަނީ ބިލަށް ބައެއް ބަދަލުތައް ގެނަސްފައެވެ. އެގޮތުން ބަދަލުގައި ފަނޑިޔާރުންގެ ސުލޫކާ ޚިލާފުވެގެން ވަކިކުރާ ނުވަތަ އެ ގޮތަށް ޖޭއެސްސީން ނިންމާ ފަނޑިޔާރުންގެ ވަކީލު ކަމުގެ ހުއްދަ ބާތިލްވާނީ އެ ތާރީޚަކުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަކަށް ކަމަށް ކޮމިޓީން ހުށަހެޅި އިސްލާހުގައިވެއެވެ.

އެ ބިލުގެ އިތުރުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހެޅުއްވި ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރުމުގެ ބިލުވެސް ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ.

އެ ބިލަކީ ފަނޑިޔާރުންނަކީ، ފަނޑިޔާރުކަމުގެ މަގާމާއި ޝަރުޢީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެފަދަ އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރު ކުރުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަށް ހުށަހެޅި ބިލެއް ކަމަށް ބިލުގައި ބަޔާން ކުރެއެވެ. އަދި ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ އަމަލެއްކުރާ ޙާލަތުގައި އެ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ގުޅޭގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް އިސްލާހުކުރުމަކީ ވެސް ބިލު ހުށަހެޅުމުގެ ސަބަބެއްކަމަށް ބިލުގައިވެއެވެ.

އެ ބިލު ވެސް ދިރާސާކޮށްފައިވަނީ ޖުޑީޝިއަރީ ކޮމިޓީންނެވެ. އެ ބިލަށް ކޮމިޓީން ގެނައި އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހެއް ނުވަތަ ފަނޑިޔާރުކަން ކޮށްފައިވާ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ކުރިކަމަށް ނިހާއީ ހުކުމަކުން ސާބިތުވެއްޖެނަމަ، އޭނާއަށް ޝަރުއީ ދާއިރާގެ އެއްވެސް މަގާމެއް އަދާ ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެ ބިލު ކޮމިޓީން ގެނައި އިސްލާހާއެކު ފާސްކުރަން މިއަދު ނެގި ވޯޓުގައި ބިލު ފާސް ނުކުރުމަށް 49 މެމްބަރުން ވޯޓުދެއްވިއެވެ. އެއާއެކު ބިލު އިތުރަށް ދިރާސާ ކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވަން ނެގި ވޯޓުގައި ބައިވެރިވި 51 މެމްބަރުންގެ އިއްތިފާގުން އެކަން ވަނީ ފާސްވެފައެވެ.

comment ކޮމެންޓް