ޒަޔާނުގެ މަރުގެ މައްސަލަ: ހަ މީހެއްގެ މައްޗަށް ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ އަށް ދައުވާއެއް އުފުލައިފި

ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ޖޫން މަހު މާރާމާރީ ހިންގައި މަރާލާފައިވާ ސ. ފޭދޫ، ސޮލިޑް، އުމުރުން 21 އަހަރުގެ މުޙައްމަދު ޒަޔާން މޫސާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި ހަތް މީހުންގެ ތެރެއިން ހަ މީހެއްގެ މައްޗަށް ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ އަށް ދައުވާއެއް އުފުލައިފިއެވެ.

ޒަޔާނުގެ މަރުގެ މައްސަލައިގައި މީގެ ކުރިން ވަނީ ހަތަރު ކުޑަކުއްޖެއްގެ މައްޗަށް ދައުވާކޮށްފައެވެ. އެއީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާއެވެ.

އޭގެ ތެރޭގައި 15 އަހަރުގެ ދެ ކުދިންނާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެއް ހިމެނެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ ބްލޮގުގައި މިއަދު ލިޔުއްވާފައި ވަނީ އެ މައްސަލާގައި އިތުރު ހަތް މީހެއްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް އިއްޔެ ހުށަހަޅައިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ދެ މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކޮށްފައިވާއިރު އަނެއް ފަސް މީހެއްގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ދައުވާކުރަން އިއްޔެ ފޮނުވި ހަތް މީހުންގެ ތެރެއިން ހަ މީހުންގެ މައްޗަށް ކޮށްފައިވަނީ ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ އަށް ދައުވާއެކެވެ. އަދި އަނެއް މީހާގެ މައްޗަށް ކޮށްފައިވަނީ ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ ހަތަރު ދައުވާއެކެވެ.

ކްރިމިނަލް ކޯޓަށް މި ދައުވާތައް ހުށަހަޅަނީ ވަކިވަކިން ކަމަށް ޝަމީމްގެ ބްލޮގުގައިވެއެވެ.

ކުޑަކުދިން ލައްވާ ކުށް ކުރުމުގެ އަށް ދައުވާ އުފުލި ހަ މީހުންނަށް 24 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ އެންމެ ގިނަ ބައެއްގެ މައްޗަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.

"ކުށްކުރާ ޖަމާއަތްތަކުން، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާ ނަމަ، އެ ކަމަކީ އޭގެ ޒާތުގައި ދައުވާ ކުރެވޭނެ ކުށެކެވެ. އައްޑޫގައި، ނުވަތަ އެނޫން ރަށެއްގައި ވިޔަސް، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާ ނަމަ، އެކަމަށް ވަކިން ދައުވާ ކުރެވޭނެ އެވެ. ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރުން ނިމުމަކަށް ގެނައުމަށް ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅުގަނޑުމެން ދާނީ އަޅަމުންނެވެ،" ޝަމީމްގެ ބްލޮގުގައިވެއެވެ.

ޝަމީމް ވިދާޅުވީ މި މައްސަލައިގެ، ޝަރީއަތް ގާތުގާތުގައި ބާއްވައިގެން ވިޔަސް، މައްސަލަ އަވަހަށް ނިންމުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެކަމުގައި މުޖްތަމައުގެ މަސްލަހަތާއި ދައުވާ ލިބޭ މީހުންގެ މަސްލަހަތު ވެސް ހިމެނޭ ކަމަށާއި މި މަގަށް މަސައްކަތް ކޮށްދެއްވުމަށް އެދި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ސިޓީއެއް ވެސް ފޮނުވާފައިވާ ކަމަށް އޭނާގެ ބްލޮގުގައި ފާހަގަކުރައްވާފައިވެއެވެ.

comment ކޮމެންޓް