ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނަގަން ފާސްކޮށްފި

ފިހާރައެއްގައި މީހަކު ޕްލާސްޓިކް ކޮތަޅެއް ހިފައިގެން --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙުސައިން

މިހާރު ފިހާރަތަކުން ހިލޭ ދެމުން އަންނަ ޕްލާސްޓިކް ކޮތަޅު ދެ ރުފިޔާއަށް ވިއްކައި، އެ ފައިސާ ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ދޭން ލާޒިމުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނަގަން ފާސް ކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 54 މެމްބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ހުށަހެޅުއްވި ކުނި މެނޭޖްކުރުމުގެ ބިލު ފާސްކޮށްފައިވާއިރު އެ ބިލު ހުށަހެޅުމުގެ މަގްސަދަކީ ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވާ ހިންގައި އެކަންކަން ބެލެހެއްޓުމުގެ އިތުރުން ކުނި މެނޭޖުކުރުމުގެ އުސޫލުތައް ކަނޑައެޅުން ކަމަށް ބިލުގައި ބަޔާން ކޮށްފައިވެއެވެ.

އެ ބިލުގައި ބުނާގޮތުގައި ވިޔަފާރިކުރާ ހުރިހާ ތަނަކުން ވެސް ކަސްޓަމަރުންނަށް ޕްލާސްޓިކް ކޮތަޅު ދޭއިރު އެ ކޮތަޅުން ދެ ރުފިޔާ ނަގަން ޖެހޭނެއެވެ.

ނަމަވެސް ބައެއް ވައްތަރުގެ ޕްލާސްޓިކު ކޮތަޅުން ފީ ނުނަގާނެކަމަށް އެ ބިލުގައިވެއެވެ.

ފީ ނުނަގާ ޕްލާސްޓިކް ކޮތަޅުތައް

- ޑިއުޓީ ފްރީ ފިހާރަތަކުން ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
- ބަންދު ނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
- ކުނި މެނޭޖުކުރުމުގެ ކަންކަން ފޯރުކޮށްދޭ ފަރާތްތަކުން ކުނި އެޅުމަށް ޚާއްސަކޮށް ވިއްކާ ކޮތަޅު

އެ ބިލު ފާސްވެ ޤާނޫނަކަށް ވާތާ ހަތަރު މަސް ތެރޭގައި ކޮތަޅުން ފީ ނަގަން ފަށަންޖެހޭނެކަމަށް ވެސް އެ ބިލުގައިވެއެވެ. އަދި ވިޔަފާރި ކުރުމުން ދޭ ބިލުގައި ވެސް ކޮތަޅުން ފީ ނަގައިފައިވާކަން އެގެން ހުންނަން ޖެހޭނެކަމަށް ވެސް ބިލުގައިވެއެވެ.

ގާނޫނުގައި ބަޔާން ކޮށްފައިވާ ކަންކަމާ ޚިލާފު ވެއްޖެނަމަ، 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބަޔާންކުރެއެވެ. އެ ޖޫރިމަނާތައް ޖަމާކުރަން ޖެހޭނީ "މޯލްޑިވްސް ގްރީން ފަންޑް"އަށް ކަމަށް ބުނާ މާއްދާއެއް އެ ބިލު ދިރާސާކުރި، މަޖިލީހުގެ އެންވަޔަރަމަންޓް ކޮމިޓީން ވަނީ އިތުރު ކޮށްފައެވެ.

އެ ބިލުގައި ވާގޮތުން މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ވިޔަފާރިތަކަކުން ޕްލާސްޓިކު ކޮތަޅުން ނަގާ ދެ ރުފިޔާގެ ފީ އެ އިދާރާއަށް ދައްކަން ޖެހޭނެއެވެ.

comment ކޮމެންޓް