ހުއްދަ ނޫން ކެމިކަލް ހަތިޔާރު ގެންގުޅޭ ނަމަ ބޮޑު އަދަބެއް

އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތިލަފުށީގައި އެޅި ކެމިކަލް ރައްކާކުރާ ގުދަން -- ފޮޓޯ/ އެސްޖޭ ކޮންސްޓްރަކްޝަން

ހުއްދަ ނޫން ކެމިކަލް ހަތިޔާރު ގެންގުޅޭ ނަމަ ބޮޑު އަދަބެއް ދޭގޮތަށް 'ކެމިކަލް ހަތިޔާރު މަނާ ކުރުމުގެ ގާނޫނު' ގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ފާސް ކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 56 މެމްބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހަޅުއްވާފައިވާ އެ ބިލުގައި، މަނާ ކުރާ ކެމިކަލް ހަތިޔާރެއް ލައިސަންސަކާ ނުލާ ލިބިގަތުމާ، ގެންގުޅުމާ، ބެހެއްޓުން އަދި އުފެއްދުމުން އަދަބުގެ ކުޑަ ބޮޑު މިނަށް ބަލައި އެމީހަކު ޖޫރިމަނާ ކުރުން ނުވަތަ ޖަލަށް ލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިގެންވެއެވެ.

އެފަދަ ކުށެއް ކުރާ މީހަކު ޖޫރިމަނާ ކުރާނީ 500،000 (ފަސް ލައްކަ) ރުފިޔާ އިން ފެށިގެން 1،000،000 (އެއް މިލިއަން) ރުފިޔާ އާ ދެމެދުގެ އަދަދަކުންނެވެ. އަދި އެ މީހަކު ފަސް އަހަރު ދުވަހާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ބާރު ވެސް އެ ބިލުގައި ދީފައިވެއެވެ.

އެ ބިލުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ 'ކޮންވެންޝަން އޮން ދަ ޕްރޮހިބިޝަން އޮފް ދަ ޑިވެލޮޕްމަންޓް، ޕްރޮޑަކްޝަން ސްޓޮކްޕައިލިންގް އެންޑް ޔޫޒް އޮފް ކެމިކަލް ވެޕަންސް އެންޑް ދެއާ ޑިސްޓްރަކްޝަން 1993' ގެ ދަށުން ރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާ، އުފެއްދުމާ، ރައްކާކުރުމާ، ބޭނުންކުރުން މަނާކުރުމާ އެތަކެތި ނައްތާލުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައް ބަޔާންކުރުމެވެ.

ބިލުގައި ބަޔާން ކޮށްފައިވާ ގޮތުން މުއާހަދާ ތަސްދީގު ކޮށްފައިވާ ގައުމުތަކުގެ އިޚްތިޞާޞް ހިނގާ ސަރަހައްދުތަކުން ބޭރުގައި މަނާ ކެމިކަލެއް ގެންގުޅުމަކީ ވެސް ކުށެކެވެ. އަދި ބިލު ފާސްވެ، ތަސްދީގު ކުރެވުމުން ގާނޫނު ތަންފީޒު ކުރުމަށްޓަކައި 'ކެމިކަލް ވެޕަންސް ޔުނިޓް' ގެ ނަމުގައި ޚާއްސަ ޔުނިޓެއް އުފައްދަން ޖެހޭނެއެވެ.

އެ ގާނޫނުގެ ދަށުން ދޫކުރަން ޖެހޭ ލައިސަންސާ ރެޖިސްޓްރޭޝަންތައް ދޫކުރާނީ އެ ޔުނިޓުންނެވެ. އަދި މުއާހަދާގެ ދަށުން ދިވެހި ދައުލަތުގެ މައްޗަށް ލާޒިމުވާ އެންމެހާ ވާޖިބުތައް އަދާކުރުމައެކު ބޭރުގެ ފަންނީ މާހިރުންނާ ތަޖުރިބާކާރުންގެ ލަފާ އެ ޔުނިޓުން ހޯދަން ޖެހޭނެއެވެ.

ރާއްޖެއާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުން ކުރުން ނުވަތަ ބޭނުން ކޮށްފާނެ ކަމުގެ ބިރު އޮންނަ ހާލަތްތަކުގައި މުއާހަދާ ތަސްދީގު ކޮށްފައިވާ އެހެން ގައުމެއްގެ އެހީތެރިކަމާ ރައްކާތެރިކަން ހޯދަން ޖެހޭނެއެވެ. ނުވަތަ އެހެން ގައުމަކުން އެހީތެރިކަމަށް އަދި ރައްކާތެރިކަމަށް އެދެފިނަމަ އެކަން ފޯރު ކޮށްދިނުމަކީ ވެސް ކެމިކަލް ވެޕަންސް ޔުނިޓުގެ ޒިންމާއެކެވެ.

މަނާ ކޮށްފައިވާ ނުރައްކާތެރި ކެމިކަލްއެއް ދިރާސާއެއް ކުރުމަށް، ސިއްހީ ފަރުވާއެއް ކުރުމަށް، ބޭހުގެ ގޮތުގައި ބޭނުން ކުރުމަށް އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއް އެޅުމަށް ބޭނުން ކުރުން ހުއްދަވާނެއެވެ.

ކެމިކަލް ހަތިޔާރު މަނާ ކުރުމުގެ ގާނޫނުގެ ބިލު މަޖިލީހުން ފާސްކޮށްފައިވާއިރު މީގެ ތިން އަހަރު ކުރިން ހެންވޭރު އަބަދަށްފެހި މަގުގައި، ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ގިނަ ކަންތައްތަކެއް އިސްލާހުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ކޮށްފައެވެ. އެގޮތުން އެ ހާދިސާއަށްފަހު ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް ބަހައްޓާނެ ގުދަންތައް ވަނީ ކ. ތިލަފުށީގައި ގާއިމްކޮށްފައެވެ.

މި ވަގުތު ތިލަފުށީގައި 34 ކެމިކަލް ވެއާހައުސްއެއް ވަނީ ގާއިމް ކޮށްފައެވެ. އަދި އިތުރު 18 ވެއާހައުސެއް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް