އއ. މާޅޮހުގައި ކެމިސްޓްރީއާއި ބަޔޮލޮޖީ ކިޔަވައިދޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެރަށުގައި ކެމިސްޓްރީ ކިޔަވައިދޭނެ ޓީޗަރެއް ހަމަޖެހެންދެން އެ މާއްދާ ކިޔަވައިދޭނީ އޮންލައިންކޮށްކަމަށެވެ.
"އެ މާއްދާ ކިޔަވައިދޭނީ އައްޑޫ ހައިސްކޫލުގެ ތަޖުރިބާކާރު ޓީޗަރުން މެދުވެރިކޮށް،" މިނިސްޓްރީން ބުންޏެވެ.
މާޅޮހު ސްކޫލު ޕްރިންސިޕަލަކީ ބަޔޮލޮޖީ ޓީޗަރެއްކަމުން، ވަގުތީގޮތުން އެ މާއްދާ ކިޔަވައިދޭނީ އޭނާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނީ މާޅޮހު ސްކޫލުގައި ކެމިސްޓްރީ އާއި ބަޔޮލޮޖީ ޓީޗަރެއް ނެތުމުން، އެ މައްސަލަ ހައްލުވަންދެން ގްރޭޑް ނުވައެއްގެ ދަރިވަރުން ސްކޫލަށް ނުފޮނުވަން ބެލެނިވެރިން ނިންމާފައި ވަނިކޮށެވެ.
މާޅޮހު ސްކޫލު ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ ދަރިވަރެއްގެ ބެލެނިވެރިޔަކު އިއްޔެ 'ސަން'އާ ވާހަކަ ދައްކަމުން ބުނީ މިއަހަރުގެ ދިރާސީ އަހަރު ފެށުނީއްސުރެ އެ ސްކޫލުގައި ކެމިސްޓްރީ އާއި ބަޔޮލޮޖީ ޓީޗަރެއް ނެތް ކަމަށެވެ.
އޭނާ ބުނީ ދާދި ފަހުން ކެމިސްޓްރީ ކިޔަވައިދޭން އިންޑިއާ މުދައްރިސަކު ގެނައި ކަމަށެވެ. ނަމަވެސް އެއީ ކެމިސްޓްރީ ކިޔަވައިދޭ މުދައްރިސެއް ނޫން ކަމަށް އެ މުދައްރިސު އަމިއްލައަށް ވެސް އިއުތިރާފުވި ކަމަށް އޭނާ ބުންޏެވެ.
އެ ބެެލެނިވެރިޔާ ބުނިގޮތުގައި ސްކޫލާ ގުޅުނުތާ މާގިނަ ދުވަސްތަކެއް ނުވެ އެ ޓީޗަރު ވަނީ ސްކޫލަށް ވެސް އަދި ކައުންސިލަށް ވެސް އެންގުމެއް ނެތި އެރަށް ދޫކޮށް ގޮސްފައެވެ.
"އެ މައްސަލައާ ގުޅިގެން ސްކޫލުން ގްރޭޑް ނުވައެއްގެ ބެލެނިވެރިންނަށް ބައްދަލުވުމެއް ބޭއްވި. އަދި ޕޭރަންޓް ގްރޫޕްގަ އައްޑޫގައި ހުރި ކެމިސްޓްރީ ޓީޗަރެއް އޮންލައިން ކޮށް ކިޔަވައިދޭން ތައްޔާރަށް ހުރި ވާހަކަ ޕްރިންސިޕަލް ވިދާޅުވި. އަޅުގަނޑުމެން ބޭނުންވަނީ އެގޮތެއް ނޫން. އެއީ ދާއިމީ ހައްލެއް ވެސް ނޫން،" އޭނާ ބުންޏެވެ.