އއ. މާޅޮހު ސްކޫލުގައި ކެމިސްޓްރީ އާއި ބަޔޮލޮޖީ ކިޔަވައިދޭ ޓީޗަރުން ނެތުމުން، އެ މައްސަލަ ހައްލުވަންދެން ގްރޭޑް ނުވައެއްގެ ދަރިވަރުން ސްކޫލަށް ނުފޮނުވަން ބެލެނިވެރިން ނިންމައިފިއެވެ.
މާޅޮހު ސްކޫލު ގްރޭޑް ނުވައެއްގައި ކިޔަވަމުން ދާ ދަރިވަރެއްގެ ބެލެނިވެރިޔަކު މިއަދު 'ސަން'އާ ވާހަކަ ދައްކަމުން ބުނީ މިއަހަރުގެ ދިރާސީ އަހަރު ފެށުނީއްސުރެ އެ ސްކޫލުގައި ކެމިސްޓްރީ އާއި ބަޔޮލޮޖީ ކިޔަވައިދޭނެ ޓީޗަރުން ނެތް ކަމަށެވެ.
އަހަރުގެ ކިޔެވުން ފެށި ފުރަތަމަ ޓާމު ނިމެން ގާތްވެފައިވީ ނަމަވެސް ދަރިވަރުންނަށް އެ ދެ މާއްދާ ކިޔަވައިދޭނެ މުދައްރިސުން ނެތުމަކީ ބެލެނިވެރިންގެ އިތުރުން ދަރިވަރުން ވެސް ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ދާދި ފަހުން ކެމިސްޓްރީ ކިޔަވައިދޭން އިންޑިއާ މުދައްރިސަކު ގެނައި ކަމަށެވެ. ނަމަވެސް އެއީ ކެމިސްޓްރީ ކިޔަވައިދޭ މުދައްރިސެއް ނޫން ކަމަށް އެ މުދައްރިސު އަމިއްލައަށް ވެސް އިއުތިރާފުވި ކަމަށް އޭނާ ބުންޏެވެ.
އެ ބެެލެނިވެރިޔާ ބުނިގޮތުގައި ސްކޫލާ ގުޅުނުތާ މާގިނަ ދުވަސްތަކެއް ނުވެ އެ ޓީޗަރު ވަނީ ސްކޫލަށް ވެސް އަދި ކައުންސިލަށް ވެސް އެންގުމެއް ނެތި އެރަށް ދޫކޮށް ގޮސްފައެވެ.
"އެ މައްސަލައާ ގުޅިގެން ސްކޫލުން ގްރޭޑް ނުވައެއްގެ ބެލެނިވެރިންނަށް ބައްދަލުވުމެއް ބޭއްވި. އަދި ޕޭރަންޓް ގްރޫޕްގަ އައްޑޫގައި ހުރި ކެމިސްޓްރީ ޓީޗަރެއް އޮންލައިން ކޮށް ކިޔަވައިދޭން ތައްޔާރަށް ހުރި ވާހަކަ ޕްރިންސިޕަލް ވިދާޅުވި. އަޅުގަނޑުމެން ބޭނުންވަނީ އެގޮތެއް ނޫން. އެއީ ދާއިމީ ހައްލެއް ވެސް ނޫން،" އޭނާ ބުންޏެވެ.
މާޅޮހު ކައުންސިލުގެ ރައީސް އިސްމާއީލް ނަސީރު ވިދާޅުވީ އެކަމާ ގުޅިގެން ކައުންސިލުން ވެސް ކަންބޮޑުވާ ކަމަށެވެ. އަދި އެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީއާ ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެރަށު ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު ޝިމާނާ ވެސް ވިދާޅުވީ އެކަމާ ގުޅޭ މަޝްވަރާތައް މިހާރުވެސް އެޑިއުކޭޝަނާއެކު ކުރަމުންދާ ކަމަށެވެ. އަދި ވީ އެންމެ އަވަހަށް މައްސަލައަށް ހައްލު ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.