އަމީނީމަގު ހެދުން މެދުކެނޑިގެން އާއްމުން ކަންބޮޑެއް ނުވޭ، މަސައްކަތް ވަރަށް އަވަހަށް ފަށާނަން: މިނިސްޓްރީ

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު މިހާރު އޮތް ގޮތް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އަމީނީމަގުގެ މަސައްކަތް މެދުކަނޑާލާފައި އޮވެގެން އާއްމުން ކަންބޮޑު ނުވާ ކަމަށާއި މަގުހެދުމުގެ މަސައްކަތް އަނެއްކާވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ކުރަން ޖެހޭ އަޕްގްރޭޑްގެ ކަންކަމަށް ބޭނުންވާ ބައެއް ވަސީލަތްތައް ލިބުން ލަސްވެގެން އަމީނީމަގު ހެދުމުގެ މަސައްކަތް މެދުކަނޑާލައިފައިވާ ކަމަށް އެ މަގުގެ މަސައްކަތް ކުރަމުން އަންނަ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން މިދިޔަ އަންގާރަ ދުވަހު ވަނީ އިއުލާނުކޮށްފައެވެ.

https://sun.mv/170751

އެ މަގުގައި ހުރި ގާތައް ވެސް ނެގުމަށް ފަހު މަސައްކަތް ހުއްޓާލުމުން މުޅި އެ ހިސާބުގައި ފެން ހެދި ހިނގާބިނގާވެ އުޅުމަށާއި އުޅަނދު ދުއްވުމަށް ވަނީ ދަތިވެފައެވެ. އަދި މީހުން އެ ސަރަހައްދަށް ދާ މިންވަރު މަދުވުމުން ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް މެދުކަނޑާލައިފައި އޮތުމުން އާއްމުންގެ ހުރި ޝަކުވާތަކާ ގުޅިގެން ސުވާލުކުރުމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު "ސަން"އަށް ވިދާޅުވީ އަމީނީމަގު ހެދުމުގެ މަސައްކަތް މެދުކެނޑިފައި އޮވެގެން އާއްމުން ކަންބޮޑު ނުވާ ކަމަށެވެ.

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު މިހާރު އޮތް ގޮތް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"ވިޔަފާރިތަކަކަށް ވެސް ގެއްލުމެއް ނުލިބޭ. މަގު ހެދުމުގެ މަސައްކަތެއް ނުހުއްޓޭ. ފެށިފަ އޮތީ. ބޭރުން އަންނަން ޖެހޭ ވަސީލަތްތައް އަންނަންދެން މެދުކަނޑާލައިފަ އެ ވަނީ. ދެތިން ހަފުތާ ތެރޭގައި މަސައްކަތް ފެށޭނެ،" އޭނާ ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތަކީ ވަކި ގޮތަކަށް ކުރެވޭ ކަމެއް ކަމަށެވެ. ތާރު އަޅާނީ ވަކި ވަރަކަަށް މަގު މަރާމާތު ކުރުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ތަންތަންކޮޅުގައި ތާރުއެޅުމަކީ މަސައްކަތް ކުރަން އޮންނަ އުސޫލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަމީނީމަގު ތަރައްގީކުރަން ފަށާފައިވާ ސަރަހައްދު މިހާރު އޮތްގޮތް --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

އަމީނީމަގު ހެދުމުގެ މަސައްކަތް ލަސްވެ އަދި މިހާރު މެދުކަނޑާލައިފައިވާތީ އާއްމުންގެ ކަންބޮޑުނުވާ ކަމަށް މިނިސްޓްރީން ބުނި ނަމަވެސް މަގު ހެދުމުގެ މަސައްކަތް ލަސްވާތީ ވަރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

https://sun.mv/170792

އެގޮތުން މިހާރު މަގު ހެދުމުގެ މަސައްކަތް ފަށާފައި މެދުކަނޑާލައިފައިވާ ހިސާބުގައި ދިރިއުޅޭ އާއްމު ރައްޔިތުން އަންނަނީ އެމީހުންނަށް ކުރިމަތިވާ ދަތިއުނދަގޫތަކުގެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކުރަމުންނެވެ. އަދި އެ ސަރައްހަދުގައި ހުރި ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓް ތަކުން ވެސް ވަނީ އަމީނީމަގު ނެހެދި ލަސްވަމުންދާތީ ވިޔަފާރިއަށް ގެއްލުންވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު މިހާރު އޮތް ގޮތް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ވިޔަފާރިވެރިން ބުނާގޮތުގައި އެތަނަށް ވަދެ ނިކުމެ އުޅުމަށް ވަނީ ދަތިވެފައެވެ. ވިޔަފާރިކޮށް ޚިދުމަތް ހޯދަން އަންނަ މިންވަރު މަދުކަން އެމީހުން ވަނީ ފާހަގަކޮށްފައެވެ. އޭގެ ސަބަބުން އެމީހުންގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސް ވިޔަފާރިއަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ވެސް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

https://sun.mv/170854

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ މާލޭ ސިޓީ ކައުންސިލާއެވެ. އެއީ 39 މިލިއަން ރުފިޔާއަށެވެ. ނަމަވެސް ފަހުން އެ މަސައްކަތް ހަވާލުކުރީ އާރުޑީސީއަށެވެ. އެއީ ސިޓީ ކައުންސިލަށް އެ މަސައްކަތް ހަވާލުކުރި ވަރަށް ވުރެ ދެގުނަ އަގު ބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހަައްޔާން

ޕްލޭނިން މިނިސްޓްރީން އާރުޑީސީއަށް ހަވާލު ކުރީ 1.7 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށެވެ. އަދި އެއީ 10 މަސް ތެރޭގައި އެ މަސައްކަތް ނިންމާގޮތަށެވެ.

ޕްލޭނިން މިނިސްޓްރީން އާރުޑީސީއަށް އަމީނީ މަގު ހަދަން ހަވާލުކުރި ފަހުން އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ މި އަހަރުގެ އޯގަސްޓް މަހުގެ 30ވަނަ ދުވަހުއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހަައްޔާން

އޭގެ ފަހުން ތިން މަސްވެފައިވާއިރު އެ މަގު މަރާމާތުކުރާ ހިސާބުގައި ތާރުއެޅުން ފިޔަވައި ކުރަންޖެހޭ ހުރިހާ ކަމެއް ކޮށް ނިންމައިފައިވާތާ ދުވަސްތަކެއް ފާއިތުވިއިރުވެސް ތާރުއަޅާފައިނުވާތީ ގިނަ މީހުން ވަނީ އެކަމާ ވެސް ފާޑު ކިޔައިފައެވެ.

މީގެ އިތުރުން އެންމެ ފުރަތަމަ އާރުޑީސީއަށް މަގުހެދުމުގެ މަސައްކަތް ހަވާލުކުރުމުން ވެސް ގިނަ ބަޔަކު ވަނީ އެކުންފުންޏަށް ޕްރޮޖެކްޓުގެ މަސައްކަތް ކުރެވޭނެ ކަމާމެދު ސުވާލު އުފައްދާފައެވެ. އަދި މަގުހެދުން ލަސްވާތީ އެކަމުގެ ޝަކުވާ ރައްޔިތުން އަންނަނީ އެކި ގޮތްގޮތަށް ކުރަމުންނެވެ.

comment ކޮމެންޓް