ސޮއިކުރުމުގެ ބާރު މޫސަ އަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅައި ރާޅުގަނޑު ކޭމްޕް މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އިދިކޮޅު ޕާޓީ، އެމްޑީޕީ އިން ދައުވާ ކުރާ މައްސަލަތަކުގެ ދައުވާ ފޯމްގައި ޕާޓީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކަށް ސޮއިކުރުމުގެ ބާރުލިބިގެންނުވާ ކަމަށް ކަނޑައަޅައި، ލޮނުޒިޔާރަތް ކޮޅުގައި އެމްޑީޕީ އިން ޖެހި ކޭމްޕްތައް ރޫޅާލުމުން، ސިފައިންނާއި ފުލުހުންގެ މައްޗަށް އެ ޕާޓީންހުށަހެޅި ދައުވާ ކޯޓުން ބޭރުކޮށްލައިފި އެވެ.

ސިވިލް ކޯޓުގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު ސޮއިކުރައްވައި މިއަދު ކުރެއްވި ހުކުމްގައި ބުނަނީ ރީކޯ މޫސާ މަނިކަކީ އެމްޑީޕީގެ ފަރާތުން ދައުވާ ކުރުމަށް ބާރުދީފައިވާ ފަރާތެއްކަން އެނގޭނެ ފަދަ ލިޔުމެއް ދައުވާ ފޯމާ އެކު އެމްޑީޕީން ހުށަހަޅާފައި ނުވާ ކަމަށެވެ.

އެ މައްސަލަ ސިވިލް ކޯޓުން މިއަދު ބޭރުކޮށްލާފައި ވަނީ އެ މައްސަލައިގެ ޚުލާސާ ބަޔާނާ ހަމަޔަށް ގޮސްފައި ވަނިކޮށެވެ.

އެ ހުކުމްގައި ބުނަނީ އެމްޑީޕީ އިން ދައުވާ ފޯމާ އެކު ހުށަހަޅާފައިވާ އެ ޕާޓީގެ ޖޫން، 18، 2011 ވަނަ ދުވަހުގެ ގައުމީ މަޖިލީސްގެ ޖަލްސާގެ ޔައުމިއްޔާ އިން ވަގުތީ ޗެއާޕާސަނެއް އައްޔަން ކުރުމުގެ މަސައްކަތް ކޮށްފައިވާކަން އެނގެން އޮތް ނަމަވެސް ވަގުތީ ޗެއާޕާސަނެއް އައްޔަން ކުރިކަމެއް އެނގެން ނެތް ކަމަށެވެ.

"މައްސަލަ ހުށަހެޅުމަށްޓަކައި ދައުވާ ފޯމްގައި ސޮއިކޮށްފައިވާ ފަރާތަކީ އެފަދައިން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ދައުވާ ކުރުމަށް އެ ޕާޓީގެ ފަރާތުން ބާރު ދީފައިވާ ފަރާތެއްކަން އެނގެން ނެތަތީ، މިގަޒިއްޔާ މިހާރު
ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި، ހުކުމްކޮށްފީމެވެ،" އެ ހުކުމްގައިވެ އެވެ.

އެ މައްސަލައިގައި އެމްޑީޕީގެ ފަރާތުން ވަކާލާތުކޮށްފައި ވަނީ ރައީސް އޮފީހުގެ ކުރީގެ ލީގަލް ސެކްރެޓަރީ ހިސާން ހަސަން އާއި އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު ހަސަން ލަތީފާއި ރައީސް ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހިމް އިސްމާއިލް އާއި އެ ޕާޓީގެ ގާނޫނީ ކޮމެޓީގެ މުގައްރިރު އަހުމަދު އަބްދުﷲ އަފީފާއި އެ ކޮމެޓީގެ މެންބަރު އަބްދުﷲ ޝާއިރެވެ.

ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި އެމްޑީޕީ އިން މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ކޭމްޕް ޖަހައިގެން ހިންގި، ޖަގަހަތައް ސިފައިންނާއި ފުލުހުން ރޫޅާލީ، ފުލުހުން ބުނި ގޮތުގައި، ގާނޫނާ ހިލާފު ކަންތައްތަކެއް އެ ސަރަހައްދުގައި ކުރާ ކަމުގެ ރިޕޯޓްތަކެއް ލިބިގެންނެވެ.

އެ މައްސަލާގައި އެމްޑީޕީ އިން ދެން އަމަލު ކުރާނީ ކިހިނެއްތޯ ދެންނެވުމުން، އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ މާދަމާ އަލުން އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށާއި ދެން ދައުވާ ފޯމްގައި ސޮއި ކުރައްވާނީ ޕާޓީގެ ރައީސް ޑރ. އިބްރާހީމްދީދީ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު