ވަގު ޑޮލަރުން ފުޅާކޮށް ވިޔަފާރި ކުރަމުން އައި ދެމީހަކު ހައްޔަރުކޮށްފި

މީހަކު ޑޮލަރު ގުނަނީ: ވަގު ޑޮލަރުން ފުޅާކޮށް ވިޔަފާރި ކުރަމުން އައި ދެމީހަކު ފުލުހުން މިވަނީ ހައްޔަރުކޮށްފަ --- ސަން ފައިލް ފޮޓޯ

ސައްހަނޫން ޑޮލަރުން ވިޔަފާރީގެ މުއާމަލާތް ކުރަމުންދިޔަ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި ފުޅާ ދާއިރާއެއްގައި ވަގު ޑޮލަރުން ވިޔަފާރި ކުރަމުންދިޔަ ދެ މީހުން ހައްޔަރުކޮށްފައި ވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ރޭގެ ވަގުތެއްގައި ހުޅުމާލެއިންނެވެ.

އެ އޮޕަރޭޝަނުގައި، ހުޅުމާލެ މަގުމަތިން ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެކެވެ.

މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތު ކޯޓުން ދީފައިވާއިރު މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

އެކި ގޮތް ގޮތުން މީހުން އަތުން މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން އަންނަނީ ވަރަށް ގިނަ ވަމުންނެވެ. އެގޮތުން ކުންފުނިތަކާއި މިނިސްޓްރީތަކުގެ ނަމުގައި ގުޅައި ހީލަތްހަދައިގެން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ހުށަހަޅަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް