އާމްދަނީ ހޯދޭނެ ގޮތްތައް ހުއްޓައި، ޓެކްސްތައް ބޮޑުކުރުމުގެ މާނައެއްނެތް: އާމިރު

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު --

ދައުލަތަށް އާމްދަނީ ހޯދޭނެ ގޮތްތައް ހުއްޓައި ޓެކްސްތައް ބޮޑުކޮށްގެން އެކަންކުރަން ޖެހޭ ސަބަބެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު އަޙުމަދު އާމިރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ބަޖެޓް ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ އާމިރު ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީ އޭގެ އެންމެ ރަނގަޅު ގޮތުގައި ހޭދަކުރެވޭނީ މިހާރު ދައުލަތުން ކުރަމުންދާ ޚަރަދުތައް ކުޑަކޮށްގެން ކަމަށެވެ. މިގޮތުން ލިބޭ އެއްޗަކަށް ވުރެ ކުރެވޭ ޚަރަދުތައް ބޮޑުވަމުންދާ ނަމަ، ދެން އުޅެން ޖެހޭނީ ބަޖެޓު ފޫނުބެއްދިގެންކަމަށް އާމިރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެންނަށްވެސް ގަބޫލު އެބަކުރެވޭ ދައުލަތަށް އާމްދަނީ ލިބިގެންކަން އަޅުގަނޑުމެންގެ ޒަރޫރީ ބޭނުންތައް ފުއްދޭނީ. އެކަން އެގޮތަށް ގަބޫލުނުކުރާ ހަމަ އެކަކުވެސް ނެތް.. އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ހުއްޓައި ޓެކްސް ނަގައިގެން އާމްދަނީ ހޯދުން އެއީ އެއްވެސް ރައްޔިތަކު ގަބޫލުކުރާނޭ ކަމެއް ނޫން. މިއީ ރައްޔިތުން ގަބޫލުކުރާ ހަމަ،" އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ފަޅު ގޯތިތަކުގައި ގެދޮރު އިމާރާތްކޮށް ދިގު މުއްދަތަށް ފައިސާ ދެއްކޭ ގޮތަށް ހަދައިފިނަމަ އެއީވެސް ދައުލަތަށް ލިބިގެންދާނޭ އާމްދަނީއެއް ކަމަށެވެ.

އާމިރުގެ ވާހަކަ ފެށިތަނާހެން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ތަޅުމުގައި އަޑުގަދަކޮށް ވާހަކަދެއްކުމަށް ހުރަސްއެޅުމަށް މަސައްކަތްކޮށްފައެވެ. އެހިސާބުން، މަޖިލީހުގެ ރިޔާސަތު މިއަދު ބެލެހެއްޓެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، މަޖިލީހަށް ހުށަހަޅާފައިވާ މަައުޟޫއެއްގައި މެމްބަރަކު ވާހަކަދައްކަވަމުންގެންދަވާއިރު އަޑުއެހުމުގެ ގާބިލުކަން މެމްބަރުންގެ ކިބައިގައި ހުންނަންޖެހޭނޭ ކަމަށާއި، ކޮންމެ ބޭފުޅަކަށްވެސް މަޖިލީހުގެ ތެރޭގައި އެފުރުސަތު އޮންނާނޭކަމަށެވެ.

ރިޔާސަތުން އެގޮތަށް ވިދާޅުވުމާއެކު މެމްބަރުން ހިމޭންވުމުން އަނެއްކާވެސް އާމިރު ވާހަކަ ކުރިއަށްގެންދެވިއެވެ.

އާމިރު ވިދާޅުވީ ދައުލަތުން ކުރާ ޚަރަދުތައް ކުޑަކޮށް، އާމްދަނީ ހޯދޭނެ ގޮތްތައް ހުރިއިރު، އެމަގުން ކަންކަން ނުކޮށް ޓެކްސްގެ ނިޒާމުގެ ތެރެއިން އާމްދަނީ ހޯދުން އެއީ އާދައަކަށް ވެއްޖެނަމަ ދުވަހަކުވެސް ބަޖެޓް ފޫބެއްދޭ ތަނެއް ނާންނާނޭކަމަށެވެ.

މިމޭރުމުން ވާހަކަދައްކަވަމުން އާމިރު ވަނީ ދައުލަތުން ކުރާ ބޭކާރު ބައެއް ޚަރަދުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައެވެ.

"ޕްރޮޖެކްޓްތައް ފަށައި، ހުއްޓާލަން ޖެހި އަނެއްކާ ދުވަސްކޮޅަކުން ފަށަން ޖެހުމަކީވެސް އެތައް ތަނަކުން ޚަރަދު ބޮޑުވެގެންދާކަމެއް. މީގެ އިތުރުން ރާއްޖޭގެ އިގްތިސާދުގައި ދައުރުވާންޖެހޭ ފައިސާގެ ބޮޑުބައެއް ބޭރަށް ދިއުމާއި، ރާއްޖޭގެ ކުންފުނިތަކަށް ހިންގޭ ޕްރޮޖެޓްތަކަށް ރާއްޖެއިން ބޭރުން ކުންފުނިތައް ގެނެސް ހަވާލުކުރުމަކީވެސް ޚަރަދުތައް ބޮޑުވާކަމެއް،" އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓަންސް ނަގަނީ އެއީ އެކަށީގެންވާ އަގެއްތޯ މުރާޖައާކުރަންޖެހޭ ކަމަށާއި، ގައުމުން ބޭރުވާ ފައިސާއިން އެކަށީގެންވާ ޓެކްސްއެއް ނަގަންޖެހޭކަމަށެވެ.

މީގެ އިތުރުން އެއްފަސް ކުރުމުގެ ސިޔާސަތަށް އިސްކަން ދިނުމެއްނެތި، ކުދި ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމާއި، ކޮންމެ ރަށެއްގައި ބޮޑެތި ހޮސްޕިޓަލްތަކާއި ބަނދަރުތައް ހެދުމަކީވެސް ދައުލަތުން ކުރަންޖެހޭ ޚަރަދުތައް އެތައް ގުނައެއް އިތުރުވެގެންދާކަމެއްކަމަށް އާމިރު ވިދާޅުވިއެވެ.

"އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖެ ތަރައްގީކުރުމުގެ ޕްރޮގްރާމުތައް ކުރިއަަށްގެންދެވިއްޖެ ނަމަ އެތައް ތަނަކުން ޚަރަދުތައް ކުޑަކުރެވިގެންދާނެ. ކިހިނެއްތޯ މާލޭގައި ހުންނަ ކަހަލަ ބޮޑު ހޮސްޕިޓަލެއް ކޮންމެ ރަށެއްގައި އަޅާނީ،" އާމިރު ވިދާޅުވިއެވެ.

މަޖިލީހުން މިއަދު ވަނީ ބަޖެޓްބަހުން ނިންމާލައި އަންނަ ހަފުތާގެ ހޯމަ ދުވަހަށް ވޯޓަށް އެހުމަށް ތާވަލުކޮށްފައެވެ. ބަޖެޓް ބަހުސްގައި 42 މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 42.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓް ދިރާސާ ކުރުމަށްފަހު ކޮމިޓީން ގެނައި އިސްލާހާއެކު ކޮމިޓީން ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

comment ކޮމެންޓް