ލައިސެންސް ނަގަން ފަރިތަ ކުރުން މާލޭގައި ބާއްވަދޭން އެދެނީ

މާލޭގައި ލައިސެންސް ނެގުމަށް ފަރިތަ ކޮށްދެނީ-- ފޮޓޯ: ހެލްޕް ޑްރައިވިން

ޑްރައިވާޒް ލައިސެންސް ނަގަން ފަރަތިތަކުރުމަށް ހުޅުމާލެ ދާން ޖެހޭތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކުރިން އެއްގަމު އުޅަނދުތައް ދުއްވުމަށް ޓެސްޓުތަކާއި ފަރިތަކުރުމަށް ދުއްވުން ކުރިއަށް ގެންދިޔައީ އިންޑަސްޓްރިއަލް ޒޯންގައެވެ.

ނަމަވެސް ލައިސަންސު ނެގުމަށް ފަރިތަކުރުމުގެ ގޮތުން ދުއްވުން ހުޅުމާލެއަށް ބަދަލުކުރީ މާލޭ އިންޑަސްޓްރިއަލް ޒޯން ހުންނަ ސަރަހައްދުގައި ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތްތައް ކުރިއަށްދާތީއެވެ.

އެއީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ލައިސެންސް ނަގަން ފަރިތަކުރުންތަކާއި ޓެސްޓްތައް މިހާރު ކުރިއަށް ގެންދަނީ ހުޅުމާލެ ފިތުރޯނުގަސް މަގުގައި ޕޯޓާ ޖެހިގެން އޮންނަ ހުސް ބިމުގައެވެ.

ހުޅުމާލޭގައި ތަރައްގީކުރި ޑްރައިވިން ސްކޫލް

ހުޅުމާލެއަށް ލައިސެންސް ނެގުން ބަދަލު ކުރިތާ އަހަރެއް ވުމާ ގާތް ވެފައިވާއިރު ލައިސެންސް ނަގަން ފަރިތަކުރުންތަކަށް ހުޅުމާލެ ދާން ޖެހޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުނެވެ.

ޑްރައިވިން ސްކޫލެއްގެ ވެރިއަކު ނަން ނުޖަހަން ޝަރުތުކޮށް މިއަދު "ސަން"އަށް ބުނީ ދުއްވަން ދަސްކުރާ 90 ޕަސެންޓް މީހުންނަކީ މާލެއިން ދާ މީހުން ކަމަށެވެ. އެހެން ކަމުން ހުޅުމާލެއަށް ލައިސެންސް ނެގުން ބަދަލުކުރުމުން ދުއްވަން ދާ މީހުންގެ ފަރާތުން މުޅިންހެން ލިބެނީ ޝަކުވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ތަނަށް އަންނަ ގިނަ މީހުންނަކީ ކަނބަލުން. ދަރިން ގޮވައިގެން ތަންތަނަށް ދާން ފަސޭހައަކަށް ދަސްކުރަން އަންނަނީ މި. އެކަމު އެހާ ވަގުތު ދަރިންކޮޅު ދޫކޮށްލާފަ [ދަސްކުރަން] އަންނަން ވަރަށް އުނދަގޫވާނެ ދޯ،" އޭނާ ބުންޏެވެ.

ހުޅުމާލެއިން ޑްރައިވިންނަށް ހާއްސަކޮށްފައިވާ ސަރަހައްދުގެ ޖާގައިގެ ދަތިކަމުން ދުއްވަން ފަރިތަ ނޫން މީހުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ހުޅުމާލޭގައި މިހާރު އޮތް ސަރަހައްދަކީ ހަމައެކަނި ދުއްވަން އެނގޭ މީހުންނަށް އަށެއް އެޅުމަށް ހާއްސަ ސަރަހައްދެކެވެ. އޭނާ ސިފަކުރި ގޮތުގައި ލައިސެންސް ނަގަން ދަސްކުރާ މީހުންނާއި ދަސްކޮށްދޭ ފަރާތްތައް އެކަން ކުރަން އުޅެން ޖެހެނީ ރެފިއުޖީން ގޮތަށެވެ.

އިތުރު ޑްރައިވިން ސުކޫލެއް ހިންގާ މީހަކު މިއަދު ބުނީ ބައެއް މީހުން ޑްރައިވިން ފެށުމަށް ފަހު ހުޅުމާލެ އަންނަން އުނދަގޫ ވެގެން ރީފަންޑަށް އެދިގެން އެކަން ވެސް ކޮށްދީފައިވާ ކަމަށެވެ. ހުޅުމާލެއަށް ލައިސެންސް ނެގުން ބަދަލުކުރުމުން ގެއްލުން ލިބުނީ ދަސްކުރާ މީހުންނަށާއި ދަސްކޮށްދޭ މީހުންނަށް ކަމަށް އޭނާ ބުންޏެވެ.

"ކުރިއާ މިހާރާ ބަލާފައި އާމްދަނީ އަށް ބަދަލު އައިސްފި. ރީފަންޑަށް އެދުމުން އެކަން ވެސް ކޮށްދިނިން. އެއީ އެމީހުންގެ މައްސަލައެއް ނޫން. އަޅުގަނޑުމެންގެ މައްސަލައެއް ވެސް ނޫން،" އޭނާ ބުންޏެވެ.

ލައިސެންސް ނެގުމަށް ހުޅުމާލެއަށް މިހާރު ދާ ބައެއް މީހުން ވެސް ވަނީ މި ނޫހާ ވާހަކަ ދައްކައިފައެވެ.

އެގޮތުން ދެވަނަ މީހަކަށް ބަރޯސާ ވެގެން ހުޅުމާލެއަށް ދުއްވަން ދަސްކުރަން ދިއުމަކީ ފަސޭހަކަމެއް ނޫން ކަމަށް އެމީހުން ބުންޏެވެ. އަދި އެގޮތަށް ބަރޯސާ ވާނަމަ ހުޅުމާލެއަށް ގެންސްގޮސްދޭނެ މީހަކު ނެތް ދުވަހަކު ހުންނަން ޖެހެނީ ފަރިތަކުރަން ނުގޮސް ކަމަށް ވެސް އެމީހުން ބުނެއެވެ.

ހަމައެގޮތަށް، އިތުރު މީހަކަށް ބަރޯސާ ނުވާނަމަ ދެން ހުޅުމާލެ ދާން ޖެހެނީ ބޮޑު އަގު ދީފައި ކާރުގައި ނުވަތަ ބަހުގައި ކަމަށް އެ މީހުން ބުނެއެވެ.

"އަސްލު ވޯތެއް ނޫން ބޮޑު އަގުގައި ކާރުގަ ދާކަށް. އެއީ ވަރަށް ބޮޑު ޚަރަދެއް. ބަހުގަ ދިޔަސް އަދި ކާރުގައި ދިޔަސް. އަނެއްކާ އެހާ ވަގުތު ނަގާ އުނދަގޫ ވެސް ކަމެއް،" ހުޅުމާލެއަށް ލައިސެންސް ނަގަން ދިޔަ މީހަކު ބުންޏެވެ.

ބައެއް މީހުން ބުނާ ގޮތުގައި ކޮންމެ މީހެއްގެ ދިރިއުޅުމުގެ ހާލަތު ވެސް ތަފާތެވެ. ބައެއް މީހުންނަކީ ދުވާލު ވަޒީފާއަށް ގޮސް ރޭނގަޑު ކޮލެޖަށް ދާ ބައެއް ކަމަށާއި އަނެއް ބައި މީހުންނަކީ އެމީހުންގެ ކުޑަ ދަރީން ދޫކޮށްލައިފައި ހުޅުމާލެ ދާން ޖެހޭ ބައެއް ކަމަށް އެމީހުން ބުންޏެވެ.

އެ މީހުން ބުނާ ގޮތުގައި އެހުރިހާ ކަމެއް ކުރަމުން ލައިސެންސް ނަގަން ފަރިތަކުރުންތަކަށް ހުޅުމާލެ ދިއުމަކީ ވަރަށް އުނދަގޫ ކަމަކެވެ.

މީގެ އިތުރުން ބައެއް ޑްރައިވިން ސްކޫލުތަކުގައި ފަރިތަކޮށްދެން އުޅޭ އިންސްޓްރަކްޓަރުން ގެއަށް ބަލައި އައިސް ގެއަށް ލައިދޭން އަންނަ އުސޫލެއް އޮންނަ ނަމަވެސް އެއީ ލައިސެންސް ނަގަން ދާ ޚަރަދަށް އިތުރުވާ ފައިސާ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

"ބައެއް ޑްރައިވިން ސްކޫލުތަކުގެ މީހުން އަންނާނެ ބަލައި. އަދި ނިމުނީމަ ގެއަށް ލާންވެސް. އެކަމު އެއަށް ވެސް ޗާޖު ކުރޭ ހަމަ ވަރަށް ބޮޑު އެއްޗެއް،" މިކަން ތަޖުރިބާ ކުރި މީހަކު ބުންޏެވެ.

ޑްރައިވިން ލައިސެންސް ނަގަން ބޭނުންވާ އެތައް ބަޔަކަށް އެކަން ނުކުރެވިފައިވާ ސަބަބަކީ ވެސް ހުޅުމާލެއަށް ފަރިތަ ކުރުން ބަދަލު ކުރުމެވެ. އެމީހުން ބޭނުން ވަނީ ހަމައެކަނި ފަރިތަކުރުންތައް ނަމަވެސް މާލެއަށް ބަދަލުކޮށްދޭނެ ގޮތެއް ހަދައިދިނުމެވެ.

މިކަންބޮޑުވުންތަކާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް