ޑިސެމްބަރު މަހު ހައިކޯޓާއި ކްރިމިނަލް ކޯޓު އޮންނާނީ ރިސެސްގައި

ކްރިމިނަލް ކޯޓު: އަންނަ މަސް އެއްކޮށް އެ ކޯޓު އޮންނާނީ ރިސެސްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ޑިސެމްބަރު މަސް އެއްކޮށް ރިސެސްއަށް ދިޔުމަށް ހައިކޯޓާއި ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އެ ދެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ވަނީ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ރިސެސްއަށް ދިޔުމަށް ނިންމާފައެވެ.

އެގޮތުން އެ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދާނީ ކޮންމެހެން ބާއްވަންޖެހޭ ޚާއްސަ ޝަރީއަތްތަކުގެ އަޑުއެހުންތައް އެކަނި ކަމަށް އެ ކޯޓުން ބުންޏެވެ.

މީގެއިތުރުން ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި ތަހުގީގުކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރުމުގެ މަސައްކަތް ކުރިއެކޭވެސް އެއްގޮތަށް ކުރިއަށްދާނެ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ރިސެސްގެ މުއްދަތުގައި ކްރިމިނަލް ކޯޓުން ކުރަން ޖެހޭނެ ކަންކަން:

  • ކޯޓުގެ ލީގަލް އޮފިސަރުންނަށް ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދާ ގުޅޭ ތަމްރީނު ހިންގުން.
  • ކޯޓުގެ ގާޒީން ބައިވެރިވާ ގޮތަށް ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބޭއްވުން.
  • ބަހުގެ ހަމަތަކަށް ކޯޓުގެ މުވައްޒަފުން އަހުލުވެރި ކުރުވުމަށްޓަކައި ދިވެހި ބަހުގެ އެކެޑެމީއާ ގުޅިގެން ތަމްރީނު ޕްރޮގުރާމެއް ހިންގުން
  • ކޯޓު މުވައްޒަފުންގެ ޚާއްސަ ބައްދަލުވުމެއް ބޭއްވުން
  • ކޯޓުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާ ގުޅިގެން ޑީޖޭއޭ މެދުވެރިކޮށް ކަމާބެހޭ އެކިއެކި އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުން ބޭއްވުން
comment ކޮމެންޓް