ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން މިހާރު ކުރިއަށް ގެންދާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންގައި ބަލާ ފާސްކުރި ގެޔަކުން ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ މާއްދާތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިމަހުގެ ހަތްވަނަ ދުވަހު ފުލުހުން ވަނީ ޓެރަރިޒަމާ ދެކޮޅަށް އައްޑޫ ސިޓީއާއި، މާލެ އަދި ކ. ގުރައިދޫގައި އޮޕަރޭޝަނެއް ހިންގާފައެވެ.
މި އޮފަރޭޝަނާ ގުޅިގެން ފުލުހުން މިރޭ ބުނީ، އޮޕަރޭޝަންގައި ހައްޔަރުކުރި ބައެއް މީހުންގެ ގެތަކުންނާއި އެމީހުންގެ ވެހިކަލްތަކުން އަދި ޑީންގީއަކުން މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ އެއްޗެހި ފެނިފައިވާކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހެއްގެ ގެއިން ފެނުނު އެކްސްޕްލޯސިވް ކެމިކަލްކަމަށް ބެލެވޭ ތިން ބާވަތެއް އެމްއެންޑީއެފްގެ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ)އިން ތަހުލީލު ކުރުމުން ހައި އެކްސްޕްލޯސިވް މާއްދާތައް ހިމެނޭކަމަށް ދައްކާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި ބާވަތަކީ މައިގަނޑު ގޮތެއްގައި ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ހައި އެކްސްޕްލޯސިވް ބާވަތެއް ކަމަށާއި އޭގެ މަދު މިންވަރަކުން އިންސާނުންގެ ފުރާނައަށާއި މުދަލަށް ގެއްލުން ވެދާނެކަމަށް އެމްއެންޑީއެފްގެ އީއޯޑީން ފާހަގަކޮށްފައި ވާކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި 14 މީހަކު ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީން ނުވަ މީހަކާއި މާލެއިން ދެ މީހަކާއި ކ. ގުރައިދޫއިން ދެ މީހެކެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ އެ އެންމެން ވެސް ބަންދުގައި ބޭތިއްބުމަށް މުއްދަތު ޖަހައިފައެވެ. އޭގެ ތެރެއިން އުމުރުން 18 އަހަރާއި 33 އަހަރުގެ ދެ މީހުންނާއި 35 އަހަރުގެ އަދި 46 އަހަރުގެ މީހާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.
އުމުރުން 19 އަހަރާއި 27 އަހަރުގެ ދެ މީހުން އަދި 28 އަހަރުގެ މީހާއަށް 30 ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވާއިރު އުމުރުން 20 އަހަރާއި 27 އަހަރާއި 30 އަހަރާއި 35 އަހަރު އަދި 37 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެ އޮޕަރޭޝަނާ ގުޅިގެން އިންސްޕެކްޓާ އޮފް ޕޮލިސް އުސްވަތު އަހްމަދު މީގެ ކުރިން ވިދާޅުވީ އެ މީހުން ރާވަމުން އައީ ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާއެއް ދިނުމަށް ކަމަށެވެ.
މި އޮޕަރޭޝަނުން ހަރުކަށި ފިކުރަށް ތާއީދު ކުރާ މީހުން، ދުނިޔޭގެ ޓެރަރިސްޓު ޖަމިއްޔާ އައިއެސްއާ ގުޅި ރާއްޖެއަށް ޓެރަރިޒަމްގެ ހަމަލާއެއްދީ ގައުމީ ސަލާމަތަށް ނުރައްކާ ކުރަން އުޅުނުކަން ހާމަވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.