ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ފުޓުބޯޅައިގެ ގަދަބާރު އާޖެންޓީނާ އަތުން ސައުދީ އަރަބިއްޔާގެ ގައުމީ ޓީމު ހޯދި ޝަރަފުވެރި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، މާދަމާ އަކީ އެގައުމުގައި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސައުދީ ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށް ސައުދީ ގެޒެޓުގައި ބުނެފައިވަނީ، ސަލްމާން ރަސްގެފާނުގެ އެންގެވުމުގެ މަތީން، ނޮވެމްބަރު 23 ވާ ބުދަ ދުވަހަކީ (މާދަމާ އަކީ) އެގައުމުގެ މުޅި ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ ހުރިހާ މުވައްޒަފުންގެ އިތުރުން، ތައުލީމީ ހުރިހާ މަރުހަލާއެއްގެ ދަރިވަރުންނަށްވެސް ބަންދު ދުވަހެއް ކަމަށެވެ.
އަދި މި ނިންމެވުމަކީ އާޖެންޓީނާ އަތުން ސައުދީ ހޯދި މޮޅަކީ ބޮޑު އުފާވެރިކަމެއްގެ ގޮތުގައި ފާހަގަކުރުމަށް، ސައުދީގެ ވަލީ އަހުދު އަދި ޕްރައިމް މިނިސްޓަރ ސަލްމާން ބިން މުޙައްމަދު ދެއްވި ލަފަޔާއި އެއްގޮތަށް ނިންމި ނިންމުމެއް ކަމަށް ސައުދީ ގެޒެޓުގައި ބުނެފައިވެއެވެ.
މުބާރާތުގައި މި ދެ ޓީމުންވެސް މިއީ ކުޅުނު ފުރަތަމަ މެޗެވެ. މިއާއެކު މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމަށް ސައުދީ އަށް މިވަނީ ބޮޑު ހިތްވަރެއް ލިބިފައެވެ.
ފަހަތުން އަރައި ސައުދީން އާޖެންޓީނާގެ މައްޗަށް ކުރިހޯދައި އެންމެން ހައިރާޏް ކޮށްލިއިރު، ސައުދީ އަކީ ފުޓުބޯޅައިގެ ދުނިޔޭގެ ރޭންކިންގެ 51 ވަނައިގައި އޮތް ގައުމެވެ. އާޖެންޓީނާ އަކީ ރޭންކިންގެ ތިންވަނައެވެ.
ސައުދީން ވޯލްޑް ކަޕެއްގައި މީގެކުރިން މޮޅުވެފައި ވަނީ އެންމެ ތިން މެޗުންނެވެ.
މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ފޭވަރިޓުންނަކީ އާޖެންޓީނާ ކަމަށް ގިނަބަޔަކު ގަބޫލުކުރިއިރު، ސައުދީން ހޯދި މޮޅުވީ ގިނަބަޔަކަށް ބޮޑު ހައިރާންކަމެއް ގެނުވި މޮޅަކަށެވެ.
މި މޮޅު ސައުދީއަށް އެހާ ހާއްސަ ވަނީވެސް އާޖެންޓީނާ ފަދަ ޓީމެއްގެ އަތުން މޮޅުވުމުގެ އުފާ ލިބޭތީއެވެ.
މީގެއިތުރުން ސައުދީން އާޖެންޓީނާގެ މައްޗަށް ހޯދި މޮޅާއެކު، އާޖެންޓީނާއިން ބަލިނުވެ ދަމަހައްޓަމުން އައި 36 މެޗުގެ ވިނިންގް ސްޓްރީކް އަށްވެސް ވަނީ ނިމުން ގެނުވާފައެވެ.
މި މޮޅު ފާހަގަކުރަން ސައުދީން މާދަމާ އަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅިއިރު، 1990 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކެމަރޫން އިން އާޖެންޓީނާގެ މައްޗަށް ކުރި ހޯދުމާއެކު އެ ގައުމުގެ ސަރުކާރުންވެސް ވަނީ ޖެހިގެން އައި ދުވަހަކީ އެ ގައުމުގައި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.