ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓުގެ ކަންކަން ދިރާސާ ކުރުމަށް އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ހުށަހަޅުއްވައިފިއެވެ.
އަންނަ އަހަރު ދައުލަތުން ހަރަދުވާނެ ކަމަށް އަންދާޒާކޮށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅުއްވާފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަހަރުގެ ބާކީ އޮތް މުއްދަތަށް އިތުރަށް ފައިސާ ބޭނުން ވެދާނެތީ ސަޕްލިމެންޓްރީ ބަޖެޓެއްގެ ގޮތުގައި 5.8 ބިލިއަން ރުފިޔާވެސް ސަރުކާރުން ހިމަނާފައިވެއެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭ ގޮތުން ކަންކަން ހިނގާ ގޮތް ބެލުމަށް އިންކުއަރީއެއް ހަދަން މެމްބަރު ސައީދު އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި، އެމައްސަލާގައި ގޮތެއް ނިންމުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަގީގަތުގައި މަޖިލީހުގެ ރައީސަށް ވެސް އިހުތިޔާރު އެބައޮތް އިންކުއަރީއެއް ހަދަން ބުނަން. އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ކޮމިޓީއެއްގައި މި ކަމާ ގުޅެ ގޮތުން މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުން ބުއްދިވެރި. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ސަޕްލިމަންޓްރީ ބަޖެޓަށް ވާ އަދަދު ހިމަނާފައިވާތީ، މަޖިލީހުގެ ރައީސް ހިމެނިވަޑައިގަންނަވާހެން ގިނަ އަދަދެއްގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ބަޖެޓުގައި މި އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު ހިމެނޭނެ ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށް މީގެކުރިން ރައީސް ނަޝީދު ވެސް ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާގޮތުގައި ދައުލަތުގެ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ހުށަހަޅާނަމަ އެ ބަޖެޓު ބޭނުންވާ ދުވަހުގެ އެއް މަސް ދުވަސް ކުރިން މަޖިލީހަށް ހުށަހަޅަންޖެހޭނެއެވެ. އަދި މަޖިލީހުން ހުއްދަ ލިބިގެން މެނުވީ މަޖިލީހުން ފާސްކޮށްފައިވާ ވަރަށް ވުރެ އިތުރަށް ބަޖެޓުން ހަރަދު ކޮށްގެން ނުވާނެކަމަށްވެސް ގާނޫނު އަސާސީގައި ބުނެފައިވެއެވެ.
ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ސަރުކާރުން މިދިޔަ އަހަރު ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް އަދި އެއްވެސް ފައިސާއެއް ބޭނުން ކޮށްފައި ނުވާ ކަމަށެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ އިންކުއަރީއެއް ހެދުމަށް މެމްބަރު ސައީދު ހުށަހަޅުއްވާފައިވާއިރު، މިނިސްޓަރު އަމީރު ގެންދަވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ކަންކަން އެނގިވަޑައިނުގަތުމުގެ ފައިދާ ނަންގަވަމުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވިއެވެ.