އަމީރުގެ ރައްދު ނަޝީދަށް: އެއްވެސް ކަމެއް ފޮރުވާކަށް ނޫޅެން، ބަނގުރޫޓުވާ ވާހަކަ ތި ދައްކަނީ ސިޔާސީ ބޭނުމަށް

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ މަޖިލިސް

ޒިންމާދާރު މަގާމުތަކުގައި ތިބެގެން ރާއްޖޭގެ އިގްތިސާދާމެދު ނުރަނގަޅު ތަސައްވުރެއް އުފައްދަން މަސައްކަތް ކުރަނީ ސިޔާސީ ބޭނުމަށް ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

މިވަގުތު ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވްގައި ފައިސާ ހުރީ މަދުން ކަން ފާހަގަކުރައްވައި، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި، އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ނެތިސް، އިތުރު ގޮތް ގޮތަށް ވާހަކަ ނުދެއްކެވުމަށް މެމްބަރުންނަށް އިލްތިމާސްކުރައްވާފައެވެ.

އަދި، މެމްބަރުން މަސައްކަތް ކުރައްވަންވީ ރާއްޖޭގައި ފޮރިން ކަރެންސީ ރިޒާވް ހުރި މިންވަރު ދެނެގަނެ، ބަނގުރޫޓުގެ މަގަށް ނުދިއުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދައުލަތުގެ މާލިއްޔާ ހުރިގޮތް ސާފުކުރުން ވަރަށް ބޭނުންތެރި. އަދި، އެ މައުލޫމާތު އާންމުކުރުން ވެސް ވަރަށް ބޭނުންތެރި. އަޅުގަނޑުމެން އެ މަގަށް (ބަނގުރޫޓުވުމުގެ މަގަށް) ދާއިރު މި ރިޔާސަތުގައި އަޅުގަނޑު އިނދެއްޖެ ނަމަ އަޅުގަނޑު ދަންނަވާނީ އެއީ އަޅުގަނޑަށް ވެސް ވަރަށް ބޮޑު ލަދުވެތިކަމަކަށޭ ވެގެން ދާނީ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު

ރައީސް ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރު އަމީރު ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއް ނޫން ކަމަށާއި، އެކި ފަރާތްތަކުން އެވާހަކަ ދައްކަނީ ސަރުކާރު ބަލިކަށިކޮށް, މިހާތަނަށް ދިމާވި ދަތި އުނދަގުލާއެކުވެސް ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

މީގެއިތުރުން، މިނިސްޓަރު އަމީރު ވިދާޅުވީ، އިގުތިސާދަށް ދަތިތަކާއި ގޮންޖެހުންތައް މިހާރުވެސް ހުރި ވާހަކަ ސަރުކާރުން ފާހަގަކުރަމުން ދާ ކަމަށާއި، އެއްވެސް މައުލޫމާތެއް ފޮރުވަން މަސައްކަތް ނުކުރައްވާ ކަމަށެވެ.

އަދި، ދަތިތަކާއި ގޮންޖެހުންތަކާއެކުވެސް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެ ގޮންޖެހުންތައް ގިރާކުރަމުން ދާ ކަމަށާއި، ރާއްޖޭގެ އިގްތިސާދަށް އޮތީ ފަހި ދުވަސްތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް